Roadha Mihaaru
ބާ ނޫޓު ބޭންކަށް ޖަމާ ކުރުން ހަރުކަށި ކޮށްފި

ބާ ނޫޓު ބޭންކަށް ޖަމާ ކުރުން ހަރުކަށިކޮށް ބޮޑު ޓެކްސްއެއް ނަގަނީ

28 ނޮވެމްބަރ 2016

ނިއު ދިއްލީ (ނޮވެމްބަރު 28) - އިންޑިއާގައި މިހާރު ބޭނުން ކުރުން މަނާކޮށްފައިވާ 500 އާއި 1،000 ރުޕީސްގެ ކުރީގެ ނޫޓް ބަދަލު ކުރަން އަންނަ މަހުގެ ނިޔަލަށް މުއްދަތު ދީފައިވީ ނަމަވެސް ފައިސާގެ ބޮޑެތި އަަދަދުތައް ޖަމާކުރާއިރު އެއީ ކޮންތަކުން ހޯދި ފައިސާއެއްތޯ ސާފުކޮށްދިން ނަމަވެސް ބޮޑު އަދަދަކުން ޓެކްސް ނަގާ އަދި އެ ފައިސާ ބޭންކުން އަވަހަށް ނުނެގޭ ގޮތަށް ޕާލަމެންޓަށް ބިލެއް މިއަދު ހުށަހަޅައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ބޭންކަށް ޖަމާކުރާ ފައިސާގެ ތަފްސީލު ހާމަކޮށްދިން ނަމަވެސް އެ ފައިސާ އިން 50 ޕަސެންޓް ޓެކްސް ސަރުކާރަށް ނަގަން ބިލުގައި ވަނީ ހިމަނައިފަ އެވެ. އަދި ބޭންކަށް ޖަމާކުރާ ފައިސާގެ ދެބައި ކުޅަ އެއްބައި ހަތަރު އަހަރު ތެރޭ ނުނެގޭ ގޮތަށް ހަދަން ވެސް ވަނީ ބިލުގައި ހިމަނައިފަ އެވެ. އަދި އެއީ ކޮން ގޮތަކުން ހޯދި ފައިސާއެއްތޯ އާމްދަނީން ޓެކްސް ދައްކާ ފަރާތްތަކަށް ސާފުކޮށް ނުދެވިއްޖެ ނަމަ އެ ފައިސާގެ 90 ޕަސެންޓް ޓެކްސްގެ ގޮތުގައި ދައްކަން ޖެހޭނެ އެވެ. މީގެ އިތުރުން 2.5 ލައްކަ އަށް ވުރެ ގިނައިން ޖަމާކުރާ ފައިސާ ޓެކްސް ނަގާ އޮފިޝަލުން ބަލަމުން ގެންދާނެ އެވެ.

ފުލުހުން ހިންގާ އޮޕަރޭޝަންތަކުން ހޯދާ ފައިސާ އިން ވެސް 30 ޕަސެންޓް އަދި އެ ފައިސާ އަކީ ކޮންތަކުން ހޯދި އެއްޗެއްކަން ބުނެ ނުދީފި ނަމަ 60 ޕަސެންޓް ޖޫރިމަނާކުރާނެ އެވެ.

ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވަނީ ފަގީރުން ބޭނުންކޮށް އެ މީހުންގެ އެކައުންޓްތަކަށް ފައިސާ ޖަމާ ނުކުރުމަށް އިންޒާރު ކުރައްވައިފަ އެވެ. އެންމެ ލާރިއެއް ވެސް ނެތް އެކައުންޓަކަށް ދެ ހަފުތާތެރޭ 21،000 ކްރޯޑް ޖަމާކުރުމުން ކަމާބެހޭ ފަރާތްތަކުން ވަނީ ސުވާލު އުފައްދައިފަ އެވެ.

މި މަހު 8 ވަނަ ދުވަހުގެ ރެއިން ފެށިގެން ބާ ނޫޓު އުވާލުމަށް ފަހު މޯދީ ވަނީ އެއީ ކަޅު ފައިސާ އާއި ކޮރަޕްޝަން ހުއްޓުވުމަށް އެޅި ފިޔަވަޅެއް ކަމަށް ވިދާޅުވެފަ އެވެ. ބާ ނޫޓް ބަދަލު ކުރަން އަންނަ މަހު 30 އަށް ވަނީ މުއްދަތު ދީފަ އެވެ. އަދި ބޭންކްތަކުން އެއް ފަހަރާ ގިނަވެގެން ބަދަލުކޮށް ދެނީ 4000 ރުޕީސް އެވެ. އޭޓީއެމްތަކުން ނެގެނީ ދުވާހަކު މީހަކަށް 2،000 ރުޕީސް އެވެ.

އިންކަމް ޓެކްސްގެ ގާނޫނަށް ބަދަލު ގެންނަން ޕާލަމެންޓަށް ހުށަހެޅީ ކެބިނެޓުން ފާސް ކުރުމަށް ފަހު އެވެ.