Roadha Mihaaru
"ޔޭ ރިޝްތާ" އިން މުހްސިން ވަކިވަނީ؟

"ޔޭ ރިޝްތާ" އިން މުހްސިން ވަކިވަނީ؟

24 އޯގަސްޓް 2021

ސްޓާ ޕްލަސް އިން ދައްކާތާ އެންމެ ދުވަސްވީ ސިލްސިލާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" އިން އޭގެ ލީޑް ބަތަލު ކާތިކްގެ ރޯލު ކުޅޭ މުހުސިން ޚާން ވަކިވާން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސްޓާ ޕްލަސް އިން ދައްކާތާ އެންމެ ދުވަސްވީ ސިލްސިލާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" އިން އޭގެ ލީޑް ބަތަލު ކާތިކްގެ ރޯލު ކުޅޭ މުހުސިން ޚާން ވަކިވާން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޓައިމްސް އޮފް އިންޑިއާ އިން ބުނި ގޮތުގައި 2016 އިން ފެށިގެން ސިލްސިލާގެ މައި ބަތަލުގެ ރޯލު ކުޅޭ މުހްސިން އެއިން ވަކިވާން މިހާރު ނިންމާފައި ވަނީ ވާހަކައަށް އަނެއްކާވެސް ބޮޑު ލީޕެއް ގެންނާތީ، އުމުރުން ދުވަސްވީ މީހެއްގެ ކެރެކްޓާ ކުޅެން ބޭނުން ނުވާތީ އެވެ.

ދެހާސް ސޯޅަ ވަނަ އަހަރުން ފެށިގެން "ޔޭ ރިޝްތާ ކިޔާ ކެހެލެތާ ހޭ" ގެ ލީޑް ތަރިންނަކީ މުހުސިން، 29، އާއި ނައިރާގެ ރޯލު އޭނާގެ ހަގީގީ ލޯބިވެރިޔާ ޝިވާންގީ ޖޯޝީ، 26، އެވެ. ސިލްސިލާގައި މިއީ ދެމަފިރިންނެވެ. އަދި ކުއްޖަކު ވެސް ހުރެ އެވެ.

ސިލްސިލާ އިން މުހްސިން ވަކިވާން އުޅޭކަމުގެ އަޑުގަދަވި ނަމަވެސް މިކަމާ ބެހޭ ގޮތުން އޭނާ އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން ދުވަސްވީ ކެރެކްޓާއެއް ކުޅެން ބޭނުން ނުވާތީ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ދޫކޮށްލައި މުހްސިން މިހާރު ވަގުތު ދޭން ބޭނުން ވަނީ ޑިޖިޓަލް ކޮންޓެންޓްތަކަށެވެ. އޭގެ ތެރޭގައި ވެބް ސީރީޒްތަކާއި ވެބް ފިލްމު ހިމެނެ އެވެ. މުހުސިނަކީ ވީޑިއޯ ލަވަތަކެއް ކުޅެފައިވާ އެކްޓަރެކެވެ.

"ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" އިން މުހްސިން ވަކިވާން އުޅޭ ވާހަކަ ދެކެވެމުންދާ އިރު، މީގެ ރޯލެއް ވަރަށް ފަހުން އެކްޓަރު ކަރަން ކުންދުރާ ވެސް ކުޅެފައިވެ އެވެ.

މީގައި ކުރިން ލީޑް ރޯލް ކުޅުނު ހީނާ ޚާން (އަކްޝަރާ)، 33، އާއި ކަރަން މެހެރާ (ނައިތިކް)، 38، ސިލްސިލާ އިން 2016 ގައި ވަކިވީ ވެސް ބޮޑެތި ދަރިންތަކެއްގެ މައިންބަފައިންގެ ރޯލު ކުޅެން ޖެހުމުންނެވެ. ނައިރާގެ ކެރެކްޓާ އަކީ އަކްޝަރާ އާއި ނައިތިކްގެ ދަރިއެކެވެ.

މިއީ ސްޓާ ޕްލަސް އިން 2009 އިން ފެށިގެން ދައްކަމުން އަންނަ އެއްޗެކެވެ. މީގެ 3،540 އަށް ވުރެ ގިނަ އެޕިސޯޑް މިހާތަނަށް ގެނެސްދީފައިވެ އެވެ.