Roadha Mihaaru
ބަންސާލީ އަލަށް މިއުޒިކް އަލްބަމެއް ނެރެނީ

ޑައިރެކްޓަރު ބަންސާލީ އަލަށް މިއުޒިކް އަލްބަމެއް ނެރެނީ

25 އޯގަސްޓް 2021

ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ، އަންނަ މަހު މިއުޒިކް އަލްބަމެއް ނެރެން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ، އަންނަ މަހު މިއުޒިކް އަލްބަމެއް ނެރެން ނިންމައިފި އެވެ.

"ސުކޫން" ގެ ނަން ދީފައިވާ އަލްބަމްގައި މުޅިން ވެސް ހިމެނޭނީ ބަންސާލީގެ އަމިއްލަ މިއުޒިކަށް ހަދާފައިވާ ގަޒަލްތަކެވެ. އެކަމަކު އަލްބަމްގެ ގަޒަލްތައް ކިޔާފައި ވަނީ ކޮން ފަންނާނުންނެއް ކަމެއް އަދި ނޭނގެ އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި "ސުކޫން" އަކީ މިދިޔަ އަހަރު ކޮވިޑް-19އާ އެކު ކުރިމަތިވި ލޮކްޑައުންގެ ސަބަބުން ޝޫޓިން ހުއްޓުމަކަށް އައި ބަންސާލީގެ ކުރިއަށް އޮތް ފިލްމު "ގަންގޫބާއީ ކަތިއަވާޅީ" ގެ މަސައްކަތްތަކާ އެއްފަރާތްވާން ޖެހުމުން ލޮކްޑައުންގެ ތެރޭގައި ކުރި މަސައްކަތުގެ ނަތީޖާ އެވެ.

"މިއީ އަހަރެން ފިލްމަށް ނޫން ގޮތަކަށް މިއުޒިކް ހެދި ފުރަތަމަ އަލަބަމް. މަސައްކަތާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ. މިހާރު މި ހުންނަމީ މި އަޑު އަހާފައި އެހުންތެރިން ރިއެކްޝަން އަންނާނެ ގޮތެއް ބަލަން ކެތްމަދުވެފައި،" މަސްމަދު އެކަމަކު އަމަލު ގިނަ ޑައިރެކްޓަރު ބުންޏެވެ.

ބަންސާލީ، 58، ރަސްމީކޮށް މިއުޒިކް ހެދުމުގެ ތެރެއަށް ވަނީ 2019 ގެ ފިލްމު "ރާމް-ލީލާ" އާ އެކީގަ އެވެ. އެ ފިލްމުގެ ހުރިހާ ލަވަތަކެއްގެ މިއުޒިކް ހެދީ އޭނާ އަމިއްލައަށެވެ. އެ ފިލްމުގެ ލަވަތަކުގެ ތެރެއިން "ތަތަޅު ތަތަޅު" އާއި "އަންގް ލަގާ ދޭ" އަކީ ވަރަށް މަޝްހޫރުވި ލަވަތެކެވެ.

"ރާމް-ލީލާ" ގެ ފަހުން ބަންސާލީ 2015 ގައި ގެނެސްދިން ފިލްމު "ބަޖިރާއޯ މަސްތާނީ" އާއި 2018 ގެ "ޕަދުމާވަތު" ގެ ލަވަތަކުގެ މިއުޒިކް ވެސް ހެދީ އަމިއްލަށެވެ. އެ ދެ ފިލްމުގެ ބައެއް ލަވަތައް ވެސް ވަރަށް މަޝްހޫރުވި އެވެ. ހާއްސަކޮށް "ބަޖިރާއޯ މަސްތާނީ" ގެ "ޕިންގާ" އާއި "ދީވާނީ މަސްތާނީ" ލަވަ ވަރަށް ފާހަގަކޮށްލެވެ އެވެ.

ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާން ނުކުރާ "ގަންގޫބާއީ" ގެ ލަވަތަކުގެ މިއުޒިކް ވެސް ހެދީ ބަންސާލީ އަމިއްލަށެވެ.

ކުޅަދާނަ ފިލްމު ޑައިރެކްޓަރެއްކަން ސާބިތުކޮށް ދިނުމުގެ އިތުރަށް އޭނާ ވަނީ ވަރުގަދަ މިއުޒިކް ޑައިރެކްޓަރެއްކަން ވެސް ސާބިތުކޮށް ދީފަ އެވެ.

ހަންގާމާ އިން ބުނި ގޮތުގައި ސާރޭގާމާޕާގެ ތައްގަނޑުގައި އަންނަ މަހުގެ ފުރަތަމަ ހަފުތާ ތެރޭގައި އަލްބަމް ނެރޭނެ އެވެ.