29 ނޮވެމްބަރ 2016
ފިނޭންސް މިނިސްޓްރީ ކުރިމަތީގައި ތޫނު ހަތިޔާރުން ހަމަލާދީ މަރައިލި ގ. ވޭރު އަބްދުލް މުހީތު (ބޮބީ)ގެ މަރުގެ މައްސަލާގައި ދެ ކުއްޖަކު މެރުމަށް ޖުވެނައިލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން މިއަދު ތާއީދުކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީ ކުރިމަތީގައި ތޫނު ހަތިޔާރުން ހަމަލާދީ މަރައިލި ގ. ވޭރު އަބްދުލް މުހީތު (ބޮބީ)ގެ މަރުގެ މައްސަލާގައި ދެ ކުއްޖަކު މެރުމަށް ޖުވެނައިލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން މިއަދު ތާއީދުކޮށްފި އެވެ.
ފެބްރުއަރީ، 2012 ގައި، ފިނޭންސް މިނިސްޓްރީ ކުރިމަތިން އޮންނަ ގޯޅި ތެރޭގައި މުހީތަށް ހަމަލާދީ މަރައިލި މައްސަލައިގައި މަރަން ހުކުމްކުރި ދެ ކުދިިންނަކީ ކުށް ކުރި އިރު ކުޑަކުދިން ކަމަށްވިޔަސް އެ މީހުންނަށް މިހާރު ވަނީ 18 އަހަރު ފުރިފަ އެވެ. މެއި، 2013 ގައި އެ ކުދިން މަރަން ކުރި ހުކުމަކީ ޖުވެނައިލް ކޯޓުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އިއްވި މަރުގެ ހުކުމެވެ.
އެ ކުދިންގެ މަރުގެ ހުކުމް އެ ކުދިންގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ވަކިވަކިން އިއްވި ދެ ހުކުމުގައި ނިންމީ އެ ދެ ކުދިންގެ މައްޗަށް ދަށު ކޯޓުން ކުރި ހުކުމް ވެސް ރަނގަޅު ކަމަށާއި އެ ހުކުމަށް ތާއީދުކުރާ ކަމަށެވެ.
އެ ދެ ކުދިންގެ މައްޗަށް ކުށް ސާބިތުވީ މުހީތަށް އެ ދެ ކުދިން ހަމަލާދިން ތަން ދުށް ކަމަށް ދެ ހެއްކަކު ހެކިބަސް ދީފައިވުމާއި އެ ދެ ކުދިން ފޯން ކޯލެއްގައި ދައްކާފައިވާ ވާހަކަތަކުންނާއި އެރޭ އެ ހާދިސާ ހިނގުމަށް ފަހު އެކަމުގައި ބައިވެރިވި ބައެއް މީހުންނާ އެކު އެ ދެ ކުދިން އޭޑީކޭ ހޮސްޕިޓަލްގައި އުޅޭ މަންޒަރު ފެންނަ ވީޑިއޯ ފުޓޭޖަކުންނެވެ.
މުހީތުގެ މަރުގެ ހާދިސާ ހިނގި ރޭގެ ފަހުން، ޖެހިގެން އައި ދުވަހު ފޯން ކޯލެއްގަައި އެ ދެ ކުދިން އެހެން މީހަކާ އެކު ދައްކާފައިވާ ވާހަކަތަކުގައި މުހީތަށް ހަމަލާ ދިން ގޮތާއި އެކަން ކުރި މީހުން ކިޔައިދީފައިވެ އެވެ.
އެގޮތުން މުހީތުގެ ބޮލަށް ތޫނު އެއްޗަކުން ހަމަލާ ދިނުމުން ބޮލުގެ ފުށްކިބައިގެ ތަންތަންކޮޅު ބިންމައްޗަށް ވެއްޓުނު ވާހަކަ އާއި އޭނާގެ ބޮލުގެ އިސްތަށިތައް ބުރިވެގެން ބިންމައްޗަށް ފޭބި ވާހަކަ އެ ފޯންކޯލްގައި އެއް ކުއްޖަކު ދައްކާފައިވެ އެވެ. އަދި މުހީތުގެ ބޮލުގައި އެއްޗަކުން ޖެހުމުން "ކާށްޓެއް ދެ ފަޅިވެގެންދާ ހެން" ބޯ ފަޅައިގެން ދިޔަ ވާހަކަ ވެސް އޭގެ ތެރެއިން އެއް ކުއްޖަކު އެ ފޯން ކޯލްގައި ބުނެފައިވާ އިރު އެ ދެ ކުދިންގެ އަަސްލު އަޑާއި ފޯން ކޯލްގައި ހުރި އަޑުތައް ދިމާވެ އެވެ.
އެ ދެ ކުދިންގެ އެ ވާހަކަތަކަކީ އެކަމުގައި ބައިވެރިނުވާ ބަޔަކަށް ނޫނީ ނޭނގޭނެ މައުލޫމާތުތަކެއް ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ. އަދި ހެކިބަސް ދިން ހެކިންގެ އަދުލުވެރިކަމާ މެދު އެ ކުދިންގެ ފަރާތުން ސުވާލު އުފެއްދިޔަސް ހެކިންގެ އަދުލުވެރިކަން ގެއްލޭ ފަދަ ކަމެއް ނެތް ކަމަށް ވެސް، މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ކުރި އެ ދެ ހުކުމުގައިވެ އެވެ.
އުމުރުން 18 އަހަރު ނުވިޔަސް ބާލިޣު ވެފައިވާ ނަމަ ކުށުގެ ޒިންމާ އުފުލަންޖެހޭނެ ކަމަށް އިސްލާމީ ޝަރީއަތުގައި އޮންނަ އިރު އުމުރުން 15 އަހަރު ވެފައިވާ ނަމަ އެއީ ބާލިޣުވެފައިވާ މީހެއް ކަމަށް ބެލެވޭނެ ކަމަށް އިސްލާމީ ޝަރީއަތުގައި އޮންނަ ކަމަށް ހުކުމުގައިވެ އެވެ. މުހީތު މަރައިލި އިރު އެ ދެ ކުދިންނަކީ 15 އަހަރު ފުރިފައި ތިބި ކުދިން ކަމަށް ހުކުމުގައި ފާހަގަ ކޮށްފައިވެ އެވެ.
މުހީތުގެ ހުރިހާ ވާރިސުން ވެސް ބޭނުންވަނީ މަރަށް މަރު ހިފަން ކަމަށްވާތީ އެ ކުދިންނަށް ދޭންޖެހޭނީ މަރުގެ އަދަބު ކަމަށް ހުކުމުގައިވެ އެވެ.
ޖުވެނައިލް ކޯޓުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އިއްވި މަރުގެ ހުކުމް ކަމަށްވާ މުހީތުގެ ދެ ގާތިލުންގެ މަރުގެ ހުކުމަށް ހައި ކޯޓުން މިއަދު ތާއީދު ކުރި އިރު އެ މައްސަލައިގައި އިތުރު ތިން މީހެއްގެ މައްޗަށް ކްރިމިނަލް ކޯޓުގައި ހިންގާ ޝަރީއަތް އަދިވެސް ނުނިމެ އެވެ.
ހައި ކޯޓުގެ ހުކުމް އިސްތިއުނާފް ކުރަން އެ ކުދިންނަށް 30 ދުވަސް ލިބޭނެ އެވެ. އެ މުއްދަތުގައި އެ ކުދިން އިސްތިއުނާފް ނުކޮށްފި ނަމަ އެ ހުކުމް ރަނގަޅު ތޯ ބަލަން ދައުލަތުން ސުޕްރީމް ކޯޓަށް ދާނެ އެވެ. މަރުގެ އަދަބު ތަންފީޒު ކުރާނީ ސުޕްރީމް ކޯޓުން އެ ހުކުމަށް ތާއީދުކޮށް، އެންމެ ފަހު ވަގުތު ވެސް ވާރިސަކު އެ މީހުންނަށް މައާފް ނުދީފި ނަމަ އެވެ.
މަރުގެ ހުކުމަށް ފަސް އަހަރު، އިސްތިއުނާފް ފަސްވެއްޖެ
ދެ މީހެއްގެ މަރު: މައްސަލަ ނުފެށި ހަތަރު އަހަރު!
މުހީތުގެ މަރު: ވަކީލުން ހޯދަން ފަހު ފުރުސަތު
ގާނޫނު ލިޔެފައި އޮތީ މަރުގެ އަދަބު ނުދެވޭ މިންވަރަށް
މަހްމޫދުގެ ގާތިލްގެ މަރުގެ ހުކުމަށް ތާއީދު
ނޫރުގެ ގާތިލަށް ކުށް ސާބިތުވިޔަސް މަރުގެއަދަބު ނުދެވޭނެ
ގާތިލަކު މަރަން ކުރި ހުކުމް ކަށަވަރުކުރަން ހައިކޯޓަށް
ސާލިމް މަރަން ކުރި ހުކުމް ކަށަވަރުކުރަން ހައިކޯޓަށް
މިރުޒާގެ މަރު: އެކަކު މަރުގެ އަދަބުން ސަލާމަތްވެއްޖެ
މިރުޒާގެ މަރު: ދެވަނަ މީހާއަށް ވެސް ބައްޕަ މާފުދީފި