Roadha Mihaaru
ސާރާ އަށް "ގޭސްލައިޓް"

ސާރާ އަށް "ގޭސްލައިޓް"

27 އޯގަސްޓް 2021

އަންނަ މަހު ރިލީޒްކުރާ، ސައިފް އަލީ ޚާންގެ ފިލްމު "ބޫތު ޕޮލިސް" ގެ ޑައިރެކްޓަރު ޕަވަން ކިރްޕަލާނީގެ ފިލްމަކަށް ސައިފްގެ ދަރިފުޅު ސާރާ އަލީ ޚާން ސޮއިކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަންނަ މަހު ރިލީޒްކުރާ، ސައިފް އަލީ ޚާންގެ ފިލްމު "ބޫތު ޕޮލިސް" ގެ ޑައިރެކްޓަރު ޕަވަން ކިރްޕަލާނީގެ ފިލްމަކަށް ސައިފްގެ ދަރިފުޅު ސާރާ އަލީ ޚާން ސޮއިކޮށްފި އެވެ.

މިކަން ކަށަވަރުކޮށްދެމުން، ދެ ފިލްމުގެ ވެސް ޕްރޮޑިއުސަރު ރަމޭޝް ތައުރާނީ ބުނީ ފިލްމުގެ ނަމަކީ "ގޭސްލައިޓް" ކަމަށާއި މީގެ ބަތަލަކީ ވިކްރާންތު މަސީ ކަމަށެވެ. ވިކްރާންތަކީ ދީޕިކާ ޕަދްކޯންގެ މިދިޔަ އަހަރުގެ ފިލްމު "ޗަޕާކް" ގެ ބަތަލެވެ. އޭނާ އެންމެ ފަހުގެ ފިލްމުތަކަކީ މިދިޔަ މަހު ޒީ5 އިން ޕްރީމިއާކުރި "14 ޕޭރޭ" އާއި ނެޓްފްލިކްސް އިން ޕްރީމިއާކުރި "ހަސީން ދިލްރުބާ" އެވެ.

ރަމޭޝް ބުނި ގޮތުގައި ވަރަށް ތަފާތު ކޮންސެޕްޓަކަށް ހަދާ "ގޭސްލައިޓް" ގެ މައިގަނޑު ކާސްޓްގައި ސާރާ އާއި ވިކްރާންގެ އިތުރުން ސީނިއާ ބަތަލާއަކު ވެސް ހިމެނޭނެ އެވެ.

ފިލްމުގެ ޝޫޓިން އަންނަ އޮކްޓޯބަރި މަހުގެ 5 ގައި ފަށާ ގޮތަށް ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.

މިދިޔަ އަހަރު "ކޫލީ ނަމްބަރު 1" އާއި "ލަވް އާޖް ކަލް" އިން ފެނިގެން ދިޔަ ސާރާގެ އެންމެ އަވަހަށް ރިލިޒްވާން އޮތް ފިލްމަކީ އަކްޝޭ ކުމާރާއި ދަނޫޝްއާ އެކު ކުޅެފައިވާ ޑައިރެކްޓަރު އާނަންދު އެލް ރާއީގެ "އަތުރަންގީ ރޭ" އެވެ. އެ ފިލްމަށް މި ވަގުތަކު އަދި އެއްވެސް ތާރީހެއް ނެތެވެ.

ދެހާސް އަށާރައިގައި "ކޭދަރުނާތު" އިން ބޮލީވުޑަށް ނުކުތް ސާރާ، 26، ސޮއިކޮށްފައިވާ ކަމަށް ބުނާ ފިލްމުތަކުގެ ތެރޭގައި ވިކީ ކޯޝަލްގެ ސުޕަހީރޯ ފިލްމު "ދި އިމޯޓަލް އަޝްވަތައްތާ" އާއި ވިކީގެ ކޮއްކޮ ސަނީ ކޯޝަލްގެ "ނަކްރޭވާލީ" ހިމެނެ އެވެ.