Roadha Mihaaru
ކުޅުދުއްފުށީގައި "ގާލްސް ޓު ކޯޑު" ޕްރޮގްރާމް ފަށައިފި

ކުޅުދުއްފުށީގައި ހިންގާ "ގާލްސް ޓު ކޯޑު" ޕްރޮގްރާމް ފަށައިފި

01 ސެޕްޓެމްބަރ 2021

ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސްއާ ގުޅިގެން ކުޅުދުއްފުށީގައި ހިންގާ "ގާލްސް ޓު ކޯޑު" ޕްރޮގްރާމް އިއްޔެ ފަށައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސްއާ ގުޅިގެން ކުޅުދުއްފުށީގައި ހިންގާ "ގާލްސް ޓު ކޯޑު" ޕްރޮގްރާމް އިއްޔެ ފަށައިފި އެވެ.

މިއީ އަންހެން ކުދިން ޓެކްނޮލޮޖީގެ ދާއިރާއަށް ޝައުގުވެރިކަން އުފެއްދުމަށް ހިންގާ ހަރަކާތެކެވެ. މީގެ ކުރިން ފުވައްމުލަކާއި ގދ. ތިނަދޫގައި ވެސް މި ހަރަކާތް ވަނީ ހިންގައިފަ އެވެ.

ކޯޑިން ދަސްކޮށްދޭ މި ޕްރޮގްރާމް ކުރިއަށްދާނީ ދެ މަސް ދުވަސް ވަންދެން އޮންލައިން ކޮށެވެ. މި ޕްރޮގްރާމުގައި ބައިވެރިންނަށް އެޗްޓީއެމްއެލް އާއި ސީއެސްއެސް އަދި ޖާވާ ސްކްރިޕްޓް ބޭނުންކޮށްގެން ވެބްސައިޓް ފަރުމާކޮށް ޑިވެލޮޕް ކުރަން ދަސްކޮށްދޭނެ އެވެ.

މި ޕްރޮގްރާމުގެ ތެރެއިން ހިންގާ ވޯކްޝޮޕްތަކުގައި ޕްރޮޖެކްޓް މެނޭޖު ކުރުމާއި ވެބް ޑިވެލޮޕްމަންޓާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާ ކުރާނީ ދާއިރާގެ ތަޖުރިބާކާރުންނެވެ.

ދިރާގުގެ ކޯޕަރޭޓް ސަވިސަސް ޑިރެކްޓަރު އާތިފާ އަލީ ވިދާޅުވީ އަންހެންކުދިން ޓެކްނޮލޮޖީ ދާއިރާގައި ބާރުވެރިކުރުމަށް ހިތްވަރު ދިނުމަކީ ދިރާގުގެ އިޖުތިމާއީ ޒިންމާގައި ހާއްސަ އިސްކަމެއް ދޭ ދާއިރާއެއް ކަމަށެވެ. އަދި ކޮންމެ އަހަރަކު ވެސް މި ޕްރޮގްރާމަށް ލިބޭ ތަރުހީބު އިތުރުވަމުން ދާކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ މީގެން ދޭހަވަނީ ކޯޑިން ދާއިރާއިން ކުރިއަށް ދިއުމަށް އަންހެން ކުދިން ޝައުގުވެރިވާ ކަން ކަމަށެވެ.

ވިމެން އިން ޓެކްގެ ރައީސާ ހިންދު އަލީ ވިދާޅުވީ ކޯޑިން ފަދަ ޓެކް ހުނަރަކީ ދުނިޔެ ކުރިއަރާ ސްޕީޑަށް ބަލައި ކުރިއަށް އޮތްތަނުގައި މުހިންމު ހުނަރެއް ކަމަށެވެ. އަދި އެ ޖަމިއްޔާގެ އުއްމީދަކީ މި ޕްރޮގްރާމުގެ ބައިވެރިން ދަސްކުރާ ހުނަރުތައް އާންމު ދިރިއުޅުމުގައި ވެސް ބޭނުން ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.