Roadha Mihaaru
"ޖައްގާ ޖާސޫސް" ވެބް ސީރީޒަކަށް ބަދަލުކޮށްފާނެ

އަނޫރާގްގެ "ޖައްގާ ޖާސޫސް" ވެބް ސީރީޒަކަށް ބަދަލުކޮށްފާނެ

04 ސެޕްޓެމްބަރ 2021

ކުރީގެ ދެ ލޯބިވެރިން ކަމަށްވާ ރަންބީރް ކަޕޫރާއި ކެޓްރީނާ ކައިފް އެކީގައި އެންމެ ފަހުން ކުޅުނު ފިލްމު "ޖައްގާ ޖާސޫސް" ވެބް ސީރީޒަކަށް ބަދަލުކުރުމުގެ ވިސްނުންތަކެއް ގެންގުޅޭ ކަމަށް ޑައިރެކްޓަރު އަނޫރާގް ބާސޫ ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކުރީގެ ދެ ލޯބިވެރިން ކަމަށްވާ ރަންބީރް ކަޕޫރާއި ކެޓްރީނާ ކައިފް އެކީގައި އެންމެ ފަހުން ކުޅުނު ފިލްމު "ޖައްގާ ޖާސޫސް" ވެބް ސީރީޒަކަށް ބަދަލުކުރުމުގެ ވިސްނުންތަކެއް ގެންގުޅޭ ކަމަށް ޑައިރެކްޓަރު އަނޫރާގް ބާސޫ ބުނެފި އެވެ.

ބޮލީވުޑްގެ އެންމެ ހުނަރުވެރި ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ އަނޫރާގް މިޑް-ޑޭ އަށް ދިން އިންޓަވިއުއްގައި ބުނީ 2017 ގައި ރިލީޒްކުރި މިއުޒިކަލް އެޑްވެންޗަ ކޮމެޑީ ވެބް ސީރީޒެއްގެ ގޮތުގައި ގެނެސްދޭން، މަޝްހޫރު ސްޓްރީމިން ޕްލެޓްފޯމަކުން ހުށަހަޅާފައިވާ ކަމަށެވެ.

"އެކަމަކު މި ވަގުތު އެއީ ކޮން ޕްލެޓްފޯމެއް ކަމަށް ހާމަކުރާކަށް ބޭނުމެއް ނޫން. ޖައްގާ ޖާސޫސް ވެބް ސީރީޒެއްގެ ގޮތުގައި ގެނެސްދޭން އެ މީހުންގެ ވަރަށް ބޮޑު ޝައުގުވެރިކަމެއް އެބަހުރި. އެހެންވީމަ އެކަމާ ދޭތެރޭ އެބަޖެހޭ ވަރަށް ސީރިއަސްކޮށް ވިސްނަން،" ސޮނީ ޓީވީގެ "ސުޕަ ޑާންސާ" ޗެޕްޓަރު 4 ގެ ޖަޖް ބުންޏެވެ. "މި ހުށަހެޅުމެއް އަންނަތާ މިހާރު ދެ އަހަރުވަރު ވެދާނެ. އަނެއްކާ ފިލްމަށް މިއުޒިކް ހެދި ޕްރިތަމާ ވެސް މިކަމާ ބެހޭ ގޮތުން ވާހަކަ ދެއްކީމަ އޭނަ ވެސް ވަރަށް ބޮޑަށް މިކަމަށް ޝައުގުވެރިވޭ މިކަމަށް."

އަނޫރާގް ބުނި ގޮތުގައި "ޖައްގާ ޖާސޫސް" އަކީ ބޮކްސް އޮފީހުގައި މާ ހިނގި ފިލްމެއް ނޫނަސް ވެބް ސީރީޒެއްގެ ގޮތުގައި ގެނެސްދީފި ނަމަ ބޮޑު ތަރުހީބެއް ލިބިދާނެކަމުގެ އުންމީދު އެބައޮތެވެ.

"އަހަރެންގެ ވެސް ވަރަށް ބޮޑު ޝައުގެއް އެބައޮތް މީތި އެގޮތަށް ގެނެސްދޭން،" އޭނާ ބުންޏެވެ.

ނަމަވެސް "ޖައްގާ ޖާސޫސް" ވެބް ސީރީޒެއްގެ ގޮތުގައި ގެނެސްދޭނީ ފިލްމާ އެކު އިތުރު ބައިތަކެއް ހިމަނައިގެންތޯ އާއި އިތުރު ކާސްޓުންތަކެއް މީގައި ބައިވެރިކުރާނެތޯ އެއީ އަދި ސާފުނުވާ ކަމެކެވެ.

ޖުލައި 14، 2017 ގައި ރިލީޒްކުރި "ޖައްގާ ޖާސޫސް" އަކީ 162 މިނިޓް (ދެ ގަޑިއިރާއި ހަތް މިނިޓް) ގެ ފިލްމެކެވެ. ރަންބީރާއި އަނޫރާގް ޕްރޮޑިއުސަރުންގެ ގޮތުގައި ހިއްސާވެގެން އެ ފިލްމު ހެދީ 131 ކްރޯޑް ރުޕީސް (17.93 މިލިއަން ޑޮލަރު) ގެ ބަޖެޓަކުންނެވެ. އެކަމަކު ފިލްމަށް ކުރި ހަރަދު ވެސް އަނބުރާ ލިބިފައެއް ނުވެ އެވެ. ބޮކްސް އޮފީހުގައި ފިލްމަށް ލިބުނީ އެންމެ 83 ކްރޯޑް ރުޕީސް (11.34 މިލިއަން ޑޮލަރު) އެވެ.

މިއީ ބެލުންތެރިންގެ ތަރުހީބު ނުލިބުނު ފިލްމަކަށް ވިޔަސް އެ ފިލްމުގެ ލަވަތަކުގެ ތެރެއިން "ގަލްތި ސެ މިސްޓޭކް" އަކީ ވަރަށް މަޝްހޫރުވި ލަވައެކެވެ.

މި ފިލްމުގެ ކުރިން އަނޫރާގާ އެކު ރަންބީރް މަސައްކަތްކުރި ފުރަތަމަ ފިލްމަކީ ބޮޑު ތަރުހީބެއް ލިބުނު 2012 ގެ "ބަރުފީ" އެވެ.

"ލައިފް އިން އަ...މެޓްރޯ" އާއި "މާޑާ" އާއި "ގޭންގްސްޓާ" ފަދަ ފިލްމުތައް ވެސް ގެނެސްދިން އަނޫރާގްގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ނެޓްފްލިކްސް އިން ގެނެސްދިން އެންތޮލޮޖީ ފިލްމު "ލޫޑޯ" އެވެ.