Roadha Mihaaru
ހިޔާ ޕެޓިޝަނާ ގުޅިގެން އަސްލަމާއި މުއިއްޒު ކޮމިޓީއަށް

ހިޔާ ޔޫނިއަންގެ ޕެޓިޝަނާ ގުޅިގެން އަސްލަމާއި މުއިއްޒު ކޮމިޓީއަށް

06 ސެޕްޓެމްބަރ 2021

ހިޔާ ފްލެޓްތަކުގެ ކުއްޔާއި އެތަނާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތަކަށް ޖަވާބުދާރީކުރުވަން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާއި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުގެ އިތުރުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ހާޒިރުކުރަން މިއަދު ފާސްކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ހިޔާ ފްލެޓްތަކުގެ ކުއްޔާއި އެތަނާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތަކަށް ޖަވާބުދާރީކުރުވަން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާއި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުގެ އިތުރުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ހާޒިރުކުރަން މިއަދު ފާސްކޮށްފި އެވެ.

އެ ކޮމިޓީން މިގޮތަށް ނިންމީ ފްލެޓް ލިބުނު މީހުންގެ ހައްގުގައި ވަކާލަތުކުރަމުން އަންނަ "ހިޔާ ޔޫނިއަން" އިން 2،177 މީހުންގެ ސޮޔާ އެކު ހުށަހެޅި ޕެޓިޝަނާ ގުޅިގެންނެވެ.

އެ ޕެޓިޝަންގައި އެދިފައި ވަނީ ފްލެޓްތަކުގެ މަހު ކުލި 5،600ރ. އަށް ކުޑަކޮށްދިނުމަށާއި އިންޓީރި އާއި ފިނިޝިން އަށް ހޭދަވާ ގްރޭސް ޕީރިއަޑް 12 މަހަށް އިތުރުކޮށް، ޖުމުލަ އަގުން އިންޓީރިއާއަށް ހޭދަވާ އެއް ލައްކަ ރުފިޔާ މާފުކޮށްދިނުމަށެވެ.

ކޮމިޓީގައި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޣުނީ ވިދާޅުވީ ޕެޓިޝަންގައި ސޮއިކޮށް ހުށަހެޅި އަދަދަށް ވުރެ ގިނަ ބަޔަކު ފްލެޓްތަކުގެ ކުލި ކުޑަކުރުމަށް ބޭނުންވާނެ ކަމަށާއި އެގޮތުން ފްލެޓާއި ގުޅިގެން ހުރި ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމަށް ކުރެވެން އޮތީ ކޮން މަސައްކަތެއްތޯ މަޖިލީހުން ބަލަން ޖެހޭ ކަމަށެވެ.

"ބަޔަކު މީހުންވެފައި އޮތް އިހުމާލެއްގެ ސަބަބުން އަޅުގަނޑުމެންނާ ހަމައަށް މިއަދު އައިސް އުޅޭ ޕެޓިޝަނެއް މީ. މިކަމުގައި ޝާމިލުވާ ހުރިހާ ފަރާތްތައް ހާޒިރުކޮށް، މިކަމުގެ މައުލޫމާތު ހޯދައި، ޕެޓިޝަނާ މެދު ގޮތެއް ނިންމަން ފެނޭ." މުގުނީ ވިދާޅުވި އެވެ.

މިކަމުގެ ކަންބޮޑުވުން ހިއްސާކުރައްވައި އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު (ހަސަންޓޭ) ވިދާޅުވީ މި މައްސަލަ ވަރަށް ފުންކޮށް ބަލައި މައުލޫމާތު ސާފުކުރަން ޖެހޭ ކަމަށެވެ. އޭނާ ވަނީ އިދާރާތަކުން މިކަމުގައި ނިންމި ނިންމުންތައް އެއްކޮށް، ޕެޓިޝަނާ ގުޅިގެން ހުރި ކަންބޮޑުވުންތަކަށް ވެސް އާންމުންގެ ހިޔާލު ހޯދަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

ކޮމިޓީގައި ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވެސް މި ވާހަކަތަކަށް ތާއިދުކުރައްވައި ވިދާޅުވީ ފްލެޓްތަކުގެ ކުލި މާ ބޮޑު ކަމަށެވެ. އެތަންތަނަކީ މީހުން ދިރިއުޅެން އެކަށީގެން ނުވާ ތަންތަން ކަމަށް އަދިވެސް ގަބޫލުކުރައްވާ ކަމަށާއި ފްލެޓަށް ވަންނަން ލިބުނު ވަގުތަކީ ވެސް އާއިލާތަކުގެ އަތްމަތި ދަތި ދުވަސްވަރެއް ކަމަށް ސަލީމް ވިދާޅުވި އެވެ.

ޕެޓިޝަން ކޮމިޓީގައި ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވާހަކަ ދައްކަވަނީ-- ފޮޓޯ؛ އަހުމަދު އަވްޝަން/ މިހާރު

ޕެޓިޝަން ކޮމިޓީގައި ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވާހަކަ ދައްކަވަނީ-- ފޮޓޯ؛ އަހުމަދު އަވްޝަން/ މިހާރު

ސަލީމް ވިދާޅުވި ގޮތުގައި ހިޔާ ފްލެޓްތަކުގެ އެތެރޭގެ މަސައްކަތް އެއްކޮށް ނުނިންމާ އެތަންތަން ހަވާލުކުރާއިރު މި ދުވަސްވަރަކީ ފިހާރަތަކުގައި މުދާ ވެސް އަގު ބޮޑު ދުވަސްވަރެކެވެ. އެގޮތުން ސޯޝަލް ހައުސިން ސްކީމެއްގެ ދަށުން މާލީ ހާލަތު ދަށް ބަޔަކަށް ފްލެޓް ދޭއިރު އެތަނަށް ވަނުމަށް ބޮޑު ހޭދައެއް ކުރަންޖެހުމަކީ ކަންބޮޑުވާކަމެއް ކަމަށް ސަލީމް ވިދާޅުވި އެވެ.

"ފްރައިޓް އަގު ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައި. ކުރިން 2000 ޑޮލަރަށް ގެންނަ ކޮންޓެއިނަރެއް މިހާރު 7000 އަށް އަރައިގެން ހިނގައްޖެ. އެހެންވީމަ ތަކެތީގެ އަގު ވެސް ބޮޑުވާނެ ވަގުތެއް މިއީ."

އެހެންވެ، ޕެޓިޝަންގައި ހުރި ކަންކަން ދިރާސާކޮށް ސުވާލުކުރުމަށް ސަލީމް އެދިވަޑައިގަތީ ޕެޓިޝަން ކޮމިޓީއަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރާއި މިހާރުގެ ހައުސިން މިނިސްޓަރާއި ކުރީގެ ހައުސިން މިނިސްޓަރު އަދި ފިނޭންސް މިނިސްޓަރުރާއި އެޗްޑީއެފްސީގެ މެނޭޖިން ޑިރެކްޓަރާއި ރައީސް އޮފީސްގެ ބޭފުޅުން ހާޒިރު ކުރެއްވުމަށެވެ.

ބޮޑު އާބާދީއެއް ހުޅުމާލޭ ދެވަނަ ފިޔަވަައްސަށް އާބާދުވާއިރު އިޖުތިމާއީ މައްސަލަތައް ވެސް އިތުރުވާނެ ކަން މުޣުނީ ވިދާޅުވި އެވެ. އޭނާ އެދިވަޑައިގަތީ އެކަމަށް ފުލުހުން ތައްޔާރަށް އޮތް މިންވަރު ބަލަން ކޮމިޝަނާ އޮފް ޕޮލިސް އަދި އެހާ އުސް ޓަވަރުތަކަކުން ކުނި ނަގާނެ ގޮތް ސާފުކުރުމަށް ވެމްކޯގެ މެނޭޖިން ޑިރެކްޓަރު ވެސް ހާޒިރުކުރެއްވުމަށެވެ.

އެހެންވެ ކޮމިޓީއަށް އެ ހުރިހާ ބޭފުޅުން އެއްކޮށް ހާޒިރުކޮށް ސުވާލުކުރުމަށް ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި ހަތް މެމްބަރުންގެ އިއްތިފާގުން ފާސްކުރި އެވެ.

އެ ބޭފުޅުން ކޮމިޓީއަށް ހާޒިރުކުރުން އަވަސްކުރުމަށް އެދިވަޑައިގެން ސަލީމް ވިދާޅުވީ ފްލެޓްގެ ފިނިޝިން މުއްދަތަކީ ތިން މަސް ދުވަސް ކަމަށްވާތީ މައްސަލަ ބެލުމަށް އެހާ މުއްދަތު ހޭދަވާނަމަ މަގުސަދު ހާސިލު ނުވާނެ ކަމަށެވެ.

"ތަންކޮޅެއް އަވަސް ސްޕީޑެއްގައި މައްސަލަ ބައްލަވައިދެއްވައި އަޅުގަނޑުމެންނަށް ނެރެވެން އޮތް ނަތީޖާއެއް އަވަހަށް ނެރުމަށް އަޅުގަނޑު އެދެން."

ޕެޓިޝަން ކޮމިޓީގައި ހިޔާ ޔޫނިއަންގެ އިސް ބޭފުޅަކު-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

ޕެޓިޝަން ކޮމިޓީގައި ހިޔާ ޔޫނިއަންގެ އިސް ބޭފުޅަކު-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

އިވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވީ ފްލެޓްގެ އަގު ބޮޑުވި ސަބަބު ދެނެގަންނަން ޖެހޭ ކަމަށާއި އެގޮތުން ބޮޑު ކުލި ނަގައިގެން ބަޔަކު މާލީ މަންފާ ހޯދާތޯ ވެސް ބަލަން ޖެހޭ ކަމަށެވެ.

"ބަޔަކު މީހުން ކުރި މަސައްކަތެއް ބޮޑު ދަންތުރައަކަށްވެފައި މިއޮތީ. މިހާ ހިސާބުން އަޅުގަނޑުމެން ޔަގީންކުރަންޖެހޭ ކަމަކީ މި ފްލެޓްތައް ދިނުމުގެ ތެރޭގައި ދައުލަތަށް މާލީ މަންފާއެއް ލިބިގެން ނުވާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. ދައުލަތަށް ވީހާވެސް ކުޑަ ކުއްޔެއް ނަގައިގެން އުޅެވޭނެ ގޮތެއް ހޯދައިދޭން މަސައްކަތް ކުރަންޖެހޭ،" އޭނާ ވިދާޅުވި އެވެ.

ހިޔާ ފްލެޓްގެ ކުއްޔަށް މަހަކު 7،500ރ. އަދި ސާވިސް ފީގެ ގޮތުގައި 1،000 ރުފިޔާ ނަގަން ސަރުކާރުން ވަނީ ކަނޑައަޅައިފަ އެވެ. ފްލެޓް އެޅުމަށް ނެގި ލޯނު އަނބުރާ ދައްކަން ޖެހޭތީ ކުލި ކުޑަކުރެވެން ނެތް ކަމަށް ސަރުކާރުން ބުނެ އެވެ. އެކަމަކު ފްލެޓްގެ އެތެރޭގެ މަސައްކަތް ވެސް ފްލެޓް ލިބޭ މީހުން އަމިއްލަ ހަރަދުގައި ކުރަން ޖެހޭއިރު އެކަމަށް ލައްކައެއްހާ ރުފިޔާ ހަރަދުވާނެ ކަމަށް ފްލެޓް ލިބުނު މީހުން ބުނެ އެވެ.