Roadha Mihaaru

ގައްޒާފީގެ ދަރިކަލުން މިނިވަންކޮށްފި

ލީބިޔާގެ ކުރީގެ ޒައީމް ކާނަލް މުއައްމަރުލް ގައްޒާފީގެ ތިން ވަނަ ދަރިކަލުން އައްސާއިދީ ގައްޒާފީ ލީބިޔާގެ ޖަލުގައި ހައްޔަރު ކޮށްފައި ހުންނަތާ ހަތް އަހަރު ފަހުން މިއަދު މިނިވަންކޮށްފި އެވެ.

ގައްޒާފީގެ ދަރިކަލުން މިނިވަންކޮށްފި

ލީބިޔާގެ ކުރީގެ ޒައީމް ކާނަލް މުއައްމަރުލް ގައްޒާފީގެ ތިން ވަނަ ދަރިކަލުން އައްސާއިދީ ގައްޒާފީ ލީބިޔާގެ ޖަލުގައި ހައްޔަރު ކޮށްފައި ހުންނަތާ ހަތް އަހަރު ފަހުން މިއަދު މިނިވަންކޮށްފި އެވެ.

ލީބިޔާގެ ވަގުތީ ސަރުކާރުގެ ބޮޑުވަޒީރު އަބްދުލް ހަމީދު ދަބައިބާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވި ގޮތުގައި ސާއިދީ މިނިވަންކުރީ، އޭނާ މިނިވަންކުރުމަށް އެ ގައުމުގެ ކޯޓުން ކުރިން ކޮށްފައި އޮތް އަމުރަކާ ގުޅިގެންނެވެ. ލީބިޔާގެ ވަގުތީ ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހަމޫދާ ވިދާޅުވީ، ސާއިދީ ގައްޒާފީ މިހާރު ވަނީ، އޭނާ ހައްޔަރުކޮށްފައި ހުންނެވި ޓްރިޕޮލީގެ އަލް ހަދަބާ ޖަލުން ބޭރަށް ވަޑައިގެންފައި ކަމަށެވެ. ގައްޒާފީގެ ސަރުކާރުގެ ގިނަ ބަޔަކު މިހާރު ވެސް އެ ޖަލުގައި ހައްޔަރުކޮށްފައި އެބަ ތިއްބެވެ. އޭގެ ތެރެއިން ގިނަ މީހުންގެ މައްޗަށް ޝަރީއަތެއް ވެސް ނުކުރެ އެވެ.

ގައްޒާފީގެ ސަރުކާރުގެ އިސް ވެރިންގެ ތެރެއިން ޖަލަށް ލާފައި ތިބި ގިނަ ބޭފުޅުން ޖަލުގައި ހައްޔަރުކޮށްފައިވަނީ، އޭނާގެ ވެރިކަމާ ދެކޮޅަށް 2011 ވަނަ އަހަރު އާންމުން ކުރި މުޒާހަރާތައް ރޫޅައިލުމުގައި، އިންސާނިއްޔަތާ ހިލާފު ޖަރީމާތަކެއް ހިންގި ކަމުގެ ތުހުމަތުގަ އެވެ.

ލީބިޔާގެ ބައެއް ނޫސްތަކުން ބުނާ ގޮތުގައި ސާއިދީ ގައްޒާފީ މިނިވަންކުރީ، އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކުން އޭނާ ބަރީއަ ވެގެންވާކަން ކޯޓުން ކަނޑައެޅުމުންނެވެ. ބައެއް ނޫސްތަކުން ބުނި ގޮތުގައި، ސާއިދީ މިނިވަންކުރުމާއެކު އޭނާ ވަނީ ތުރުކީ ވިލާތަށް ފުރާވަޑައިގެންފަ އެވެ.

ވަގުތީ ބޮޑުވަޒީރު ވިދާޅުވި ގޮތުގައި "ގައުމީ އެއްބައިވަންތަކަށް ގާއިމުކޮށްގެން ނޫނީ، ގައުމާއިގެން ކުރިއަށް ދެވޭކަށް ނެތް" ކަން އެންމެން ވެސް ގަބޫލުކުރާނެ އެވެ. ދިހަ އަހަރަށް ވުރެ ގިނަދުވަސްވީ ދާހިލީ ހަނގުރާމަ ނިމުމަކަށް ގެނެސް، ޑިމޮކްރެޓިކް ހަމަތަކުގެ މަތިން އާ ސަރުކާރެއް އެކުލަވައިލުމަށްޓަކައި އިންތިހާބު ބޭއްވުމުގެ ޒިންމާއާ ހަވާލުވެފައިވަނީ މިހާރު އޮތް ވަގުތީ ސަރުކާރާ އެވެ.

ގައްޒާފީގެ ވެރިކަމާ ދެކޮޅަށް 2011 ވަނަ އަހަރު އާންމު ރައްޔިތުން މުޒާހަރާ ކުރި އިރު، ސާއިދީ ގައްޒާފީއަކީ ލީބިޔާގެ ސިފައިންގެ ތެރޭގައި އޮންނަ ހާއްސަ ފައުޖުގެ ކޮމާންޑަރެވެ. މުޒާހަރާތައް ރޫޅައިލުމުގައި އެންމެ އިސް ދައުރެއް އަދާކުރީ ހާއްސަ ފައުޖުގެ ސިފައިންނެވެ.

މުޒާހަރާތަކާ ގުޅިގެން ގައްޒާފީގެ ވެރިކަން ވެއްޓުމާއެކު، ސާއިދީ ފިއްލަވައިގެން ސަހަރާގެ ތެރެއިން ނައިޖަރް އަށް ވަޑައިގެންނެވި އެވެ. ނަމަވެސް ނައިޖަރްގައި ހުންނެވުމަށް ނައިޖަރް ސަރުކާރުން ކަނޑައެޅި ޝަރުތުތަކާ ސާއިދީ ހިލާފުވެވަޑައިގެންނެވި ކަމަށް ނިންމައި، ނައިޖަރް ސަރުކާރުން، 2014 ވަނަ އަހަރު ވަނީ ސާއިދީ އާއި އޭނާގެ އެކުވެރިން ލީބިޔާ ސަރުކާރާ ހަވާލުކޮށްފަ އެވެ.

މުއްމަރުލް ގައްޒާފީގެ އަށް ބޭފުޅުން ތިއްބަވާ އިރު، އެއިން ކޮންމެ ބޭފުޅަކީ ވެސް ލީބިޔާ ސަރުކާރުގައި އިސް މަގާމުތައް ފުރުއްވި ނުފޫޒު ގަދަ ބޭފުޅުންނެވެ. ގައްޒާފީގެ ދަރިކަލުންގެ ތެރެއިން މުއުތަސިމް ގައްޒާފީ އަވަހާރަކޮށްލީ، އިދިކޮޅު ހަނގުރާމަވެރިންގެ ހަމަލާތަކުގައި ބައްޕާފުޅު ހައްޔަރުކޮށް އަވަހާރަކޮށްލުމުގެ ތެރޭގަ އެވެ.

ސައިފުލް އަރަބް ގައްޒާފީ އާއި ޚާމިސް ގައްޒާފީ އަވަހާރަކޮށްލީ، ގައްޒާފީގެ ވެރިކަން ވެއްޓުނުތާ ވަރަށް ކުރީކޮޅުގަ އެވެ.