Roadha Mihaaru
ލީބިޔާގެ ރިޔާސީ އިންތިހާބުގެ ވާދަވެރިކަން ބޮޑުވަނީ

ލީބިޔާގެ ރިއާސީ އިންތިހާބުގެ ވާދަވެރިކަން ބޮޑުވަނީ

18 ނޮވެމްބަރ 2021

އަންނަ ޑިސެމްބަރު މަހުގެ ފަހުކޮޅު ލީބިޔާގައި ބާއްވާ ރިޔާސީ އިންތިހާބުގައި އެންމެ ބޮޑު ވާދަވެރިކަމެއް އޮންނާނެ ކަމަށް ބެލެވޭ ތިން ބޭފުޅުން ވެސް، ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާނެކަން އިއުލާން ކުރައްވައިފި އެވެ.

އަންނަ ޑިސެމްބަރު މަހުގެ ފަހުކޮޅު ލީބިޔާގައި ބާއްވާ ރިޔާސީ އިންތިހާބުގައި އެންމެ ބޮޑު ވާދަވެރިކަމެއް އޮންނާނެ ކަމަށް ބެލެވޭ ތިން ބޭފުޅުން ވެސް، ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާނެކަން އިއުލާން ކުރައްވައިފި އެވެ.

އެ ގޮތުން، ލީބިޔާގެ އަވަހާރަކޮށްލާފައިވާ ކުރީގެ ލީޑަރު ކާނަލް މުއައްމަރުލް ގައްޒާފީގެ ދަރިކަލުން ސައިފުލް އިސްލާމް ގައްޒާފީ މި ހަފުތާގެ ކުރީކޮޅު ވަނީ އިންތިހާބުގައި ވާދަކުރެއްވުމަށް ރަޖިސްޓްރީ ކުރައްވައިފަ އެވެ. އޭނާގެ އިތުރުން އެ ގައުމުގެ އިރުމަތީ ސަރަހައްދުގައި ބާރު ހިންގަމުން އަންނަ ކުރީގެ ޖެނެރަލް ޚަލީފާ ޚަފްތަރު ވެސް މި ހަފުތާގައިވަނީ އިންތިހާބުގައި ވާދަކުރެއްވުމަށް ރަޖިސްޓްރީ ކުރައްވައިފަ އެވެ.

ގައްޒާފީގެ ދަރިކަލުން ސައިފިލް އިސްލާމް (ވ)، އިންތިހާބުގައި ވާދަކުރެއްވުމަށް ލިޔުންތައް ހުށަހަޅުއްވަނީ. --އޭއެފްޕީ

ގައްޒާފީގެ ދަރިކަލުން ސައިފިލް އިސްލާމް (ވ)، އިންތިހާބުގައި ވާދަކުރެއްވުމަށް ލިޔުންތައް ހުށަހަޅުއްވަނީ. --އޭއެފްޕީ

މި ލިސްޓަށް އިއްޔެ އިތުރުވީ، ލީބިޔާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް އުގައިލާ ސާލިހެވެ. އޭނާ އިއްޔެ ދެއްވި ޓީވީ އިންޓަވިއުއެއްގައި ވިދާޅުވި ގޮތުގައި އިންތިހާބުގައި ވާދަކުރެއްވުމަށް ނިންމެވީ، ގައުމުގެ ހާލަތު ވަރަށް ބޮޑަށް ރަނގަޅު ކުރަންޖެހޭ ކަމަށް ފެނިވަޑައިގަންނަވާތީ އެވެ.

ލީބިޔާގެ އިންތިހާބުތަކާ ބެހޭ ކޮމިޝަނުން ބުނި ގޮތުގައި ރިއާޔާސީ އިންތިހާބަށް ކުރިމަތިލުމަށް މި މަހުގެ 8 ވަނަ ދުވަހު ހުޅުވައިލި ފުރުސަތުގައި، މިއަދާ ހަމައަށް ކުރިމަތިލައްވާފައިވަނީ 12 ކެންޑިޑޭޓެކެވެ. ނަމަވެސް އެއީ ކޮން ބައެއް ކަމެއް ނުބުނެ، އެ ކޮމިޝަނުން ބުނީ، ކުރިމަތިލެއްވި ބޭފުޅުންގެ ލިޔުއްތައް ދިރާސާ ކުރަމުން އަންނަ ކަމަށެވެ.

ލީބިޔާގެ ރިޔާސީ އިންތިހާބު އޮންނާނީ އަންނަ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު އެވެ. އަދި އޭގެ މަހެއްހާ ދުވަސް ފަހުން، ގާނޫނު ހަދާ މަޖިލީހަށް މެމްބަރުން އިންތިހާބު ކުރުމަށް ބާއްވާ އިންތިހާބު އޮންނާނެ އެވެ.

ލީބިޔާގެ އިރުމަތީ ސަރަހައްދުގައި ބާރު ހިންގަމުން އަންނަ ކުރީގެ ޖެނެރަލް ޚަލީފާ ޚަފްތަރު އިންތިހާބުގައި ވާދަކުރެއްވުމަށް ލިޔުންތައް ހުށަހަޅުއްވަނީ. --އޭއެފްޕީ

ލީބިޔާގެ އިރުމަތީ ސަރަހައްދުގައި ބާރު ހިންގަމުން އަންނަ ކުރީގެ ޖެނެރަލް ޚަލީފާ ޚަފްތަރު އިންތިހާބުގައި ވާދަކުރެއްވުމަށް ލިޔުންތައް ހުށަހަޅުއްވަނީ. --އޭއެފްޕީ

"ލީބިޔާގެ ދާހިލީ ކަންކަމުން ބޭރުގެ ނުފޫޒު ނައްތައިލުމަކީ މި ވަގުތު ވަރަށް މުހިންމު ކަމެއް. އަދި ގައުމުގައި ސުލްހަވެރިކަން ގާއިމުވެފައި އޮތުމަކީ ގައުމުގެ ހަމަޖެހުމަށްޓަކައި ކޮންމެހެން ބޭނުންތެރި ކަމެއް،" ސައޫދީ އަރަބިއްޔާގެ "އަލް އަރަބިއްޔާ" ޓީވީ ޗެނަލަށް ދެއްވި އިންޓަވިއުއެއްގައި އުގައިލާ ވިދާޅުވި އެވެ.

ލީބިޔާގެ ރިޔާސީ އިންތިހާބަށް ވަގުތު ކުޑަތަންވަމުން އަންނަ އިރު، އިންތިހާބަށް ކުރިމަތިލައްވާފައިވާ ދެ ބޭފުޅަކާ މެދު މިހާރު ވެސް ވަނީ ސިޔާސީ ދެކޮޅުހެދުންތަކެއް ކުރިމަތިވެފަ އެވެ. އޭގެ ތެރެއިން އެއް ބޭފުޅަކީ ސައިފުލް އިސްލާމް ގައްޒާފީ އެވެ. އަނެއް ބޭފުޅަކީ، ޖެނެރަލް ޚަލީފާ ޚަފްތަރެވެ.

ބައެއް ސިޔާސީ ފަރާތްތަކުންނާއި އެ ގައުމުގެ އަސްކަރީ ޕްރޮސެކިއުޓާ ޖެނެރަލް ވިދާޅުވާ ގޮތުގައި، އެ ދެ ބޭފުޅުންނަކީ ލީބިޔާ ރައްޔިތުންނާ ދެކޮޅަށް ހަނގުރާމައިގެ ޖަރީމާތައް ހިންގަވާފައި ތިއްބެވި ހަނގުރާމައިގެ ކުށްވެރިންނެވެ. އޭގެ ތެރެއިން ސައިފުލް އިސްލާމަކީ، އޭނާގެ ބައްޕަގެ ވެރިކަމުގެ ދުވަސްވަރު ސަރުކާރާ ދެކޮޅަށް އާންމު ރައްޔިތުން ކުރި މުޒާހަރާތައް ރޫޅައިލުމުގެ ތެރޭގައި، އެތައް ބަޔަކު މަރުވެފައިވާތީ، އެކަމުގެ ތުހުމަތުގައި ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން ހޯދަމުންދާ މީހެކެވެ.