Roadha Mihaaru
ގައްޒާފީގެ ދަރިކަލުން ލީބިޔާގެ ރިއާސީ އިންތިހާބަށް

ގައްޒާފީގެ ދަރިކަލުން ލީބިޔާގެ ރިއާސީ އިންތިހާބުގައި ވާދަކުރައްވަނީ

15 ނޮވެމްބަރ 2021

މިއަންނަ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު ލީބިޔާގައި ބާއްވާ ރިއާސީ އިންތިހާބުގައި ވާދަކުރެއްވުމަށް، ލީބިޔާގެ ކުރީގެ ޒައީމް މުއައްމަރުލް ގައްޒާފީގެ ދަރިކަލުން ސައިފުލް އިސްލާމް ގައްޒާފީ، އިއްޔެ ރަޖިސްޓްރީ ކުރައްވައިފި އެވެ.

މިއަންނަ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު ލީބިޔާގައި ބާއްވާ ރިއާސީ އިންތިހާބުގައި ވާދަކުރެއްވުމަށް، ލީބިޔާގެ ކުރީގެ ޒައީމް މުއައްމަރުލް ގައްޒާފީގެ ދަރިކަލުން ސައިފުލް އިސްލާމް ގައްޒާފީ، އިއްޔެ ރަޖިސްޓްރީ ކުރައްވައިފި އެވެ.

ލީބިޔާގެ އިންތިހާބުތަކާ ބެހޭ ކޮމިޝަނުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، ރިއާސީ އިންތިހާބުގައި ވާދަކުރަން ބޭނުންވާ ހުރިހާ ލިޔުންތަކާއި ފޯމުތައް، ސައިފުލް އިސްލާމްގެ ފަރާތުން އިއްޔެ ވަނީ، އެ ކޮމިޝަނަށް ހުށަހަޅައިފަ އެވެ.

ސައިފުލް އިސްލާމަކީ، ލީބިޔާގައި ބާއްވާ ރިއާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އެންމެ ބޮޑަށް ބެލެވުނު ކެންޑިޑޭޓެވެ. އޭނާގެ އިތުރުން، ލީބިޔާގެ އިރުމަތީ ސަރަހައްދު ކޮންޓްރޯލް ކުރައްވަމުން ގެންދަވާ ކުރީގެ ޖެނެރަލް ޚަލީފާ ޚަފްތަރާއި، މިހާރުގެ ބޮޑުވަޒީރު އަބްދުލް ދުބައިބާ އާއި ގާނޫނު ހަދާ މަޖިލީހުގެ ރައީސް އަގީލާ ސާލިހް ވެސް ވަނީ، އިންތިހާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވައިފަ އެވެ.

އަހަރުތަކެއް ވަންދެން ފިއްލަވައިގެން އުޅުއްވުމަށް ފަހު، ސައިފުލް އިސްލާމް އިއްޔެ ވަނީ އެ ގައުމުގެ ދެކުނު ސަހަރެއް ކަމަށްވާ ސަބްހާގައި ހުންނަ އިންތިހާބާ ބެހޭ ކޮމިޝަންގެ އޮފީހަށް ވަޑައިގެން، އިންތިހާބުގައި ވާދަކުރެއްވުމުގެ ލިޔުންތަކުގައި ސޮއިކުރައްވައި ހުށަހަޅުއްވައިފަ އެވެ.

ގައްޒާފީގެ ދަރިކަލުން ސައިފިލް އިސްލާމް (ވ)، އިންތިހާބުގައި ވާދަ ކުރެއްވުމަށް ލިޔުންތައް ހުށަހަޅުއްވަނީ. --އޭއެފްޕީ

ގައްޒާފީގެ ދަރިކަލުން ސައިފިލް އިސްލާމް (ވ)، އިންތިހާބުގައި ވާދަ ކުރެއްވުމަށް ލިޔުންތައް ހުށަހަޅުއްވަނީ. --އޭއެފްޕީ

މިހާރު ތާވަލުކޮށްފައިވާ ގޮތަށް ރިއާސީ އިންތިހާބު ކުރިއަށް ގެންދިއުމަށް، އެ ގައުމުގެ އާންމު ރައްޔިތުންނާއި ބައިނަލްއަގުވާމީ މުޖްތަމައުގެ ތާއީދު އޮތް ކަމުގައި ވިޔަސް، އިންތިހާބުގެ ގަވާއިދުތަކާއި އިންތިހާބު ބާއްވަން ކަނޑައަޅާފައިވާ ގޮތާ މެދު، އެ ގައުމުގެ ސިޔާސީ ވާދަވެރިންގެ މެދުގައި، އަދިވެސް ދެބަސްވުންތަކެއް އެބަ ހުއްޓެވެ.

ލީބިޔާގެ ސިޔާސީ ފަރާތްތަކާއި ބައިނަލްއަގުވާމީ މުޖްތަމައު ބައިވެރިވެގެން، މިދިޔަ ހުކުރު ދުވަހު ޕެރިހުގައި ބޭއްވި ބައްދަލުވުމުގައި ނިންމީ، އިންތިހާބަށް ހުރަސް އެޅުމަށް ނުވަތަ އިންތިހާބު ބޭއްވިޔަ ނުދިނުމަށް އެއްވެސް ފަރާތަކުން މަސައްކަތް ކުރާ ނަމަ، އެ ފަރާތަކަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށެވެ.

ނަމަވެސް އިންތިހާބުގައި ވާދަކުރުމަށް ހުޅުވާލައި، އިންތިހާބު ބޭއްވުމަށް މަސްދުވަހަށް ވެގެންދާއިރު، އިންތިހާބުގައި ވާދަކުރެވޭނީ ކޮންކޮން ބަޔަކަށް ކަން ކަނޑައަޅާނެ ގޮތަކާ މެދު، ސިޔާސީ ވާދަވެރިންގެ މެދުގައި އަދިވެސް އެއްބަސްވުމަކަށް ނާދެވެ އެވެ.

ރައީސް ކަމަށް މިހާރު ކުރިމަތިލައްވާފައިވާ ސައިފުލް އިސްލާމް ގައްޒާފީއަކީ ވެސް، އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކެއް ހިންގެވި ކަމުގެ ތުހުމަތުގައި، ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން ހޯދަމުންދާ މީހެކެވެ. އެއީ، ސައިފްގެ ބައްޕަ ކާނަލް މުއައްމަރުލް ގައްޒާފީގެ ވެރިކަމުގެ ދުވަސްވަރު ގައްޒާފީއާ ދެކޮޅަށް 2011 ވަނަ އަހަރު އާންމުން ކުރި މުޒާހަރާއެއް ރޫޅައިލުމުގެ ތެރޭގައި، އޭނާގެ އަމުރަށް ސިފައިން ބަޑިޖަހައި ގިނަ އަދަދެއްގެ ބަޔަކު މަރައިލި މައްސަލައިގަ އެވެ.

ސައިފުލް އިސްލާމް ގައްޒާފީ އިންތިހާބުގައި ވާދަކުރެއްވުމަށް ހުށަހެޅި ލިޔުންތައް ލީބިޔާގެ އިންތިހާބުތަކާ ބެހޭ ކޮމިޝަނުން ރަޖިސްޓްރީ ކޮށްދިނީ، ސައިފުލް އިސްލާމާއި ޖެނެރަލް ހަފްތަރުގެ ލިޔުންތައް ގަބޫލު ނުކުރުމަށް، އެ ގައުމުގެ އަސްކަރީ ޕްރޮސެކިއުޓާ، އިންތާހާބާ ބެހޭ ކޮމިޝަންގެ ރައީސަށް ގޮވާލާފައި ވަނިކޮށެވެ.

އިންތިހާބުތަކާ ބެހޭ ކޮމިޝަންގެ ރައީސް ވިދާޅުވި ގޮތުގައި، ސައިފުލް އިސްލާމަކީ މިމަހުގެ 8 ވަނަ ދުވަހު، އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލި ފަހުން، މިހާތަނަށް ކުރިމަތިލެއްވި ދެ ވަނަ ކެންޑިޑޭޓެވެ. އޭނާގެ ކުރިން އެހެން ބޭފުޅަކު، އިންތިހާބުގައި ވާދަކުރައްވަން ރަޖިސްޓްރީ ކުރައްވާފައިވާކަމަށް ވިދާޅުވިޔަސް، އެއީ ކާކު ކަމެއް އެ ކޮމިޝަނުން ނުބުނެ އެވެ.