Roadha Mihaaru
ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ގައުމީ ޓީމު ގަތަރަށް

ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ގައުމީ ޓީމު ގަތަރަށް

10 ސެޕްޓެމްބަރ 2021

އަންނަ މަހު ރާއްޖޭގައި ބާއްވާ ދެކުނު އޭޝިއާގެ ފުޓްބޯޅަ މުބާރާތް، ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ގައުމީ ޓީމު ގަތަރަށް މިއަދު ފުރައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

އަންނަ މަހު ރާއްޖޭގައި ބާއްވާ ދެކުނު އޭޝިއާގެ ފުޓްބޯޅަ މުބާރާތް، ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ގައުމީ ޓީމު ގަތަރަށް މިއަދު ފުރައިފި އެވެ.

އެ ޓްރޭނިން ކޭމްޕަށް ފުރި ގައުމީ ޓީމާއެކު، ހެޑް ކޯޗް އަލީ ސުޒޭނަށް ބައިވެރިއެއް ނުވެ އެވެ. އެއީ ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުން ހޯމް ކަރަންޓީނުގައި އޭނާ ހުންނަން ޖެހޭތީ އެވެ.

އެހެންވެ، މި ތަމްރީނުތަކުގައި ލީޑް ކުރާނީ އެސިސްޓެންޓް ކޯޗު އިސްމާއީލް މަހްފޫޒު (އިންމަ) އެވެ. އެންމެ ފަހުން ބޭއްވި ސާފް ޗެމްޕިއަންޝިޕުގައި ވެސް ގައުމީ ޓީމުން ޓްރޭނިން އަށް ކޭމްޕް ކުރީ ގަތަރުގަ އެވެ.

އެންމެ ފަހުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގައި ހިމެނުނު ދެ ކުޅުންތެރިން ކަމަށްވާ މުހައްމަދު އާރިފް (ބަކާ) އާއި މުހައްމަދު އިރުފާން (އިރޭ) ވަނީ ގަތަރަށް ފުރި ޓީމުން ބާކީ ކޮށްފަ އެވެ. މިޑްފީލްޑާ އިމްރާން ނަޝީދަށް ސްކޮޑުން ވަކިވާން ޖެހުނީ އާއިލީ ކަމެއް ދިމާވެގެންނެވެ.

ގަތަރަށް ޓީމު ފުރުމުގެ ކުރިން ގްރޭޓާ މާލޭ އޭރިއާ ބަސް ޓާމިނަލުގައި --- ފޮޓޯ: އެފްއޭއެމް

ގަތަރަށް ޓީމު ފުރުމުގެ ކުރިން ގްރޭޓާ މާލޭ އޭރިއާ ބަސް ޓާމިނަލުގައި --- ފޮޓޯ: އެފްއޭއެމް

މާލޭގައި ކުރިއަށް ގެންދިޔަ ޕްރެކްސްޓިސްތަކުގައި ޑިފެންޑަރު މުހައްމަދު އަޖުފާނާއި މުހައްމަދު ސާއިފަށް ބައިވެރި ނުވެވުނެވެ. އެ ދެ ޑިފެންޑަރުންގެ ބަދަލުގައި ދަ ގްރާންޑޭގެ ޑިފެންޑަރު ގާސިމް ސަމާމް (ސައްމޭ) ވަނީ ސްކޮޑްގައި ހިމަނައިފަ އެވެ.

ގަތަރުގެ ޓްރޭނިން ކޭމަށް ފަހު، ގައުމީ ޓީމު ރާއްޖެ އަންނާނީ މި މަހުގެ 28 ގަ އެވެ.

އަންނަ މަހު ރާއްޖޭގައި ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ފަސް ޓީމެއް ވާދަކުރާއިރު، މުބާރާތް ކުރިއަށް ގެންދާނީ ލީގު އުސޫލުންނެވެ. ފައިނަލަށް ދާނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ. މުބާރާތަށް ތައްޔާރުވުމަށް އިންޑިއާ އާއި ނޭޕާލް އަދި ބަންގްލަދޭޝުން ވަނީ އެކުވެރިކަމުގެ މެޗުތަކެއް ކުޅެފަ އެވެ.

ބަންގްލަދޭޝުން ވަނީ ކިރިގިސްތާންގައި ކުރިއަށް ގެންދާ ތިން ގައުމު ބައިވެރިވާ މުބާރާތެއްގައި ވާދަކުރަމުންނެވެ. ފަލަސްތީނާއި ކިރިގިސްތާނާ ދެކޮޅަށް ކުޅުނު މެޗުން އެ ޓީމު ވަނީ ބަލިވެފަ އެވެ. ނޭޕާލުން ވަނީ އިންޑިއާ އެކު ސީރީޒް ދެ މެޗު ކުޅެފަ އެވެ. ފުރަތަމަ މެޗު ނިމުނީ އެއްވަރު ވެގެންނެވެ. ދެ ވަނަ މެޗު އިންޑިއާ ކާމިޔާބު ކުރި އެވެ.

ގަތަރަށް ޓީމު ފުރުމުގެ ކުރިން ގްރޭޓާ މާލޭ އޭރިއާ ބަސް ޓާމިނަލުގައި --- ފޮޓޯ: އެފްއޭއެމް

ގަތަރަށް ޓީމު ފުރުމުގެ ކުރިން ގްރޭޓާ މާލޭ އޭރިއާ ބަސް ޓާމިނަލުގައި --- ފޮޓޯ: އެފްއޭއެމް

ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އޮކްޓޯބަރު 1 ގައި ވާދަކުރާނީ ނޭޕާލާ ދެކޮޅަށެވެ. ރާއްޖޭގެ ދެ ވަނަ މެޗު އޮންނާނީ އޭގެ ހަ ދުވަސް ފަހުން އޮކްޓޯބަރު 7 ގަ އެވެ. އެ ދުވަހު ރާއްޖެ އިން ނުކުންނާނީ ބަންގަލަދޭޝްއާ ދެކޮޅަށެވެ. ރާއްޖޭގެ ތިން ވަނަ މެޗުގައި އޮކްޓޯބަރު 10 ގައި ނުކުންނާނީ ލަންކާއާ ދެކޮޅަށެވެ. އޭގެ ދެ ދުވަސް ފަހުން އޮކްޓޯބަރު 12 ގައި ރާއްޖެ ކުޅޭނީ އިންޑިއާއާ ދެކޮޅަށެވެ.

ގައުމީ ކޯޗު އަލީ ސުޒޭން ބުނެފައި ވަނީ މުބާރާތުގެ ތާވަލު އޮތް ގޮތުން ޓީމަކަށް އޭގެ ފައިދާ ކުރާ ނަމަ އެންމެ ބޮޑަށް އޭގެ ފައިދާ ކުރާނީ ރާއްޖެ އަށް ކަމަށެވެ. މި މުބާރާތުގައި އެންމެ ވާދަވެރި ތިން ޓީމަކަށް ވާނީ ރާއްޖެ، ބަންގްލަދޭޝް އަދި އިންޑިއާ ކަމަށް ސުޒޭން ބުނެފައިވެ އެވެ. އެކަމަކު ގްރޫޕް ސްޓޭޖުގެ އެންމެ ފަހު މެޗުގައި އިންޑިއާއާ ދެކޮޅަށް ކުޅެން ލިބުމަކީ ވެސް ރާއްޖެ އަށް ރަނގަޅެއް ކަމަށް ސުޒޭން ފާހަގަކުރި އެވެ.