Roadha Mihaaru
ކެތީ އެންމެ ފަހުން ރިހިވެލި ދޫކޮށް ފުރައިފި

ކެތީ އެންމެ ފަހުން ރިހިވެލި ދޫކޮށް ފުރައިފި

17 ސެޕްޓެމްބަރ 2021

ރިހިވެލި ރިސޯޓު ހިންގަން ކުރިން ހަވާލުކުރި، ފްރާންސްގެ ސޭވް ދަ ޑްރީމް މޯލްޑިވްސްގެ އަތުން އެ ތަން އަތުލާފައިވީ ނަމަވެސް އެ ރިސޯޓުން ފުރަން ދެކޮޅު ހަދައި ރިސޯޓުގައި މަޑުކުރި އެ ކުންފުނީގެ ހިއްސާދާރެއްގެ އަންހެނުން ކެތީ ކެލްބު އެންމެ ފަހުން އެ ރިސޯޓު ދޫކޮށް ފުރައިފި އެވެ.

ރިހިވެލި ރިސޯޓު ހިންގަން ކުރިން ހަވާލުކުރި، ފްރާންސްގެ ސޭވް ދަ ޑްރީމް މޯލްޑިވްސްގެ އަތުން އެ ތަން އަތުލާފައިވީ ނަމަވެސް އެ ރިސޯޓުން ފުރަން ދެކޮޅު ހަދައި ރިސޯޓުގައި މަޑުކުރި އެ ކުންފުނީގެ ހިއްސާދާރެއްގެ އަންހެނުން ކެތީ ކެލްބު އެންމެ ފަހުން އެ ރިސޯޓު ދޫކޮށް ފުރައިފި އެވެ.

މާހަލް އިން ރިހިވެލި ހިންގަން ސަބްލީޒް ހަވާލުކުރީ ފްރާންސްގެ ސޭވް ދަ ޑްރީމް ކުންފުންޏާއި މާހަލްގެ ހިއްސާދާރެއް ކަމަށްވާ ހުސައިން ޝިހާމްގެ 50 ޕަސެންޓު ހިއްސާ އޮންނަ ގޮތަށް ހެދި 50-50 ޖޮއިންޓް ވެންޗާ ކުންފުނި "ސޭވް ދަ ޑްރީމް މޯލްޑިވްސް" އާ އެވެ. އެ ކުންފުންޏާއެކު ހެދި އެއްބަސްވުން މާހަލް އިން ބާތިލުކުރީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން ނިންމުމުން މާހަލް އިން ވަނީ ރިސޯޓާ ހަވާލުވެ، ކެތީ އެ ތަނުން ބޭރު ކުރަން މަސައްކަތް ކޮށްފަ އެވެ.

އެކަމަކު، ރިސޯޓު ދޫކޮށް ދާން ދެކޮޅު ހަދައި ކެތީ އެ ރިސޯޓުގައި މަޑުކުރީ އެވެ. އެ ތަނުގައި ތިބި އޭނާގެ ގާތް ބައެއް މުވައްޒަފުން ފުރައިގެން ދިޔުމުން ވެސް ނިންމީ ތަން ދޫކޮށް ނުގޮސް މަޑުކުރުމަށެވެ.

ރިހިވެލީގައި ތިބި މާހަލްގެ އޮފިޝަލުން "މިހާރު" އަށް ބުނިގޮތުގައި ރިސޯޓު ދޫކޮށް ކެތީ ފުރައިގެން ދިޔައީ ރޭގެ ވަގުތެއްގަ އެވެ. އެއީ ސިވިލް ކޯޓުން ހުކުމް ކުރިތާ 16 ދުވަސް ފަހުންނެވެ.

ރިހިވެލީގައި ކެތީ މަޑުކުރުމަކީ ހުއްދަ ނެތި ތަނަކަށް ވަނުން ނުވަތަ "ޓްރެސްޕާސް" ކުރުން ކަމުގައި ބަލައި އޭނާ ރަށުން ބާލަން މާހަލްގެ ފަރާތަކުން ފުލުހުން ގާތުގައި އެދުނަސް ފުލުހުން އެކަމެއް ކޮށެއް ނުދެވުނެވެ. އޭނާ ރަށުން ބާލަން ކޯޓުން އަމުރެއް ވެސް ނެރެއެއް ނުދެ އެވެ.

ރިހިވެލި ރިސޯޓާ، މާހަލްގެ ފަރާތުން ހަވާލުވި ފަހުން ކެތީ އެ ރިސޯޓުގައި ހުރީ ބޮޑު ނުރައްކަލެއްގައި ކަމަށް އޭނާ އާއި އޭނާގެ ގާތް މީހުން ބުނެފައި ވެ އެވެ. އޭނާ އެ ރިސޯޓުގައި ހުރި އިރު، ކަރަންޓާއި ފެނާއި ވައިފައި ވެސް ކަނޑާލައި ދަތިކުރުމުގެ ފިޔަވަޅުތައް ވެސް އެޅި ކަމުގެ ތުހުމަތު ކުރިޔަސް، މާހަލްއިން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ. އެ ކުންފުނިން ބުނެފައިވާ ގޮތުގައި ރިހިވެލީގައި ކެތީ އަށް އެއްވެސް ނުރައްކަލެއް ނެތެވެ.

ގާތްގަނޑަކަށް އެއް ދުވަސް ވަންދެން ކޮޓަރިން ނުނިކުމެ ކެތީ ނުކައި ވެސް އުޅުނެވެ. އޭނާގެ ގާތް ބައެއް މީހުން ބުނެފައި ވަނީ ކެތީ އެ ގޮތަށް އަމަލުކުރީ ކޮޓަރިން ނުކުމެއްޖެ ނަމަ އޭނާ އަށް ނުވަދެވޭ ގޮތަށް ކޮޓަރި ތަޅުލައިފާނެތީ އެވެ.

ރިހިވެލީގައި ކެތީގެ އިންސާނީ ހައްގުތަކަށް އުނިކަން ލިބޭ ކަމެއް ކުރާތޯ ބަލަން މިދިޔަ އަންގާރަ ދުވަހު ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް އެ ރިސޯޓަށް ދިޔަ އެވެ. އެ މައްސަލައިގެ އިތުރުން ރިހިވެލީގެ ބައެއް މުވައްޒަފުންގެ ޕާސްޕޯޓު ކެތީ ހިފަހައްޓައިގެން އުޅޭ ކަމަށް ބުނާ މައްސަލައެއް ވެސް އެ ކޮމިޝަނުން ބެލި ކަމަށް އެނގިފައި ވެ އެވެ. ދެ މައްސަލައެއް ތަހުގީގު ކުރަން ރިހިވެއްޔަށް ދިޔަ ކަމަށް އެ ކޮމިޝަނުން ބުންޏަސް ތަހުގީގު ކުރީ ކޮން މައްސަލަތަކެއް ކަމެއް ކަށަވަރެއް ނުކޮށްދެ އެވެ.

ސިވިލް ކޯޓުގެ ހުކުމް ފްރާންސްގެ ހިއްސާދާރުންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު، ހުކުމް ތަންފީޒު ކުރުން ފަސް ކުރުމުގެ އަމުރަކަށް ވެސް ވަނީ އެދިފަ އެވެ. ނަމަވެސް، މިހާތަނަށް ވަގުތީ އަމުރާ ބެހޭގޮތުން އަޑުއެހުމެއް ބާއްވާފައި ނުވެ އެވެ.

ސޭވް ދަ ޑްރީމް މޯލްޑިވްސްގެ ދިވެހި ހިއްސާދާރު ހުސައިން ޝިހާމް އަށް ބޮޑެތި ތުހުމަތުތަކެއް ކެތީ އާއި ފްރާންސްގެ ހިއްސާދާރުން ކުރެ އެވެ. އެ މީހުން ބުނަނީ މާހަލް އަށް ވެސް ނިސްބަތްވާ ހުސައިން ޝިހާމް ސޭވް ދަ ޑްރީމް މޯލްޑިވްސްގެ އެކައުންޓަށް ޖަމާކުރި 550،000 ޑޮލަރު ވަގަށް ނަގާފައިވާ ކަމަށެވެ. ނަމަވެސް، މީގެ ކުރިން ސިވިލް ކޯޓުން ނިންމާފައި ވަނީ އެ ފައިސާ ނެގުމުގައި ގޯހެއް ނެތް ކަމަށެވެ. އެ މައްސަލަ ވެސް މިހާރު ވަނީ އިސްތިއުނާފު ކޮށްފަ އެވެ.

އެއްބަސްވުން ބާތިލުކުރީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން ހުކުމް ކުރީ ސޭވް ދަ ޑްރީމް މޯލްޑިވްސް އިން ހެޑް ލީސް އަދި ސަބްލީސް ކުލި ނުދައްކައި ހުރުމުންނެވެ. ނަމަވެސް، ފްރާންސްގެ ހިއްސާދާރުން ބުނާ ގޮތުގައި އެ ފައިސާ ވެސް ނުދެއްކުނީ "ވައްކަމުގެ" ސަބަބުންނެވެ.