Roadha Mihaaru
ފިޔަވަތީގެ ކުދިންނާއި ނައިބު ރައީސްގެ ބައްދަލުވުމެއް

ފިޔަވަތީގައި އުޅޭ ކުދިންނާ ނައިބު ރައީސް ބައްދަލުކުރައްވައިފި

18 ސެޕްޓެމްބަރ 2021

ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ، "ފިޔަވަތީ"ގައި މައްސަލަތައް ގިނަވެ، މައްސަލަ ބޮޑުވެފައިވަނިކޮށް ނައިބު ރައީސް ފައިސަލް ނަސީމް އެ ކުދިންނާ މިއަދު ބައްދަލުކުރައްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ، "ފިޔަވަތީ"ގައި މައްސަލަތައް ގިނަވެ، މައްސަލަ ބޮޑުވެފައިވަނިކޮށް ނައިބު ރައީސް ފައިސަލް ނަސީމް އެ ކުދިންނާ މިއަދު ބައްދަލުކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ، ފާއިތުވި ތިން ދުވަހު ހިނގައިދިޔަ ހާދިސާތަކާ ގުޅިގެން ނައިބު ރައީސް ފިޔަވައްޗަށް ވަޑައިގެން އެ ކުދިންގެ ކަންބޮޑުވުންތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވި ކަމަށެވެ. އަދި އެ ތަނުގައި މަސައްކަތްކުރާ މުވައްޒަފުންނާ ވެސް ނައިބު ރައީސް ބައްދަލުކުރެއްވި އެވެ.

ސަރުކާރުގެ ބެލުމުގެ ދަށުގައި ތިބޭ ނުވަ އަހަރުން ދަށުގެ ކުދިން ބެލެހެއްޓުމަށް ހާއްސަ މަރުކަޒުގައި އުޅޭ ކުދިންތަކެއް އިއްޔެ ފުރާޅުމައްޗަށް އަރައި ތަނަށް ގެއްލުން ދީފައިވެ އެވެ. އަދި ބޭރަށް ނުކުމެ ނުކިޔަމަންތެރިކަން ދައްކާތާ 24 ގަޑިއިރު ފަހުން، އެ ތަނުގައި ރޭ އަލިފާން ވެސް ރޯކޮށްލި އެވެ.

ނަމަވެސް އަލިފާންގަނޑު ނުފެތުރެނީސް ވަނީ ނިއްވާލައިފަ އެވެ.

ނައިބު ރައީސްއާ އެކު ބައްދަލުވުމުގައި ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީއާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ބައިވެރިވެވަޑައިގަތެވެ.

އެ އޮފީހުން ބުނީ ފެމިލީ އެންޑް ސޯޝަލް ސާވިސަސް އަދި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސަސްގެ ޓީމަކުން އެކަމާ ގުޅޭ ބައެއް މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ. އަދި، ކުދިންނަށް އެހީތެރިކަން ދިނުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުގެ ކަމާގުޅޭ އިދާރާތަކުން ކުރަމުން އަންނަކަމަށް ބުންޏެވެ.

ޖެންޑާ މިނިސްޓްރީން ވެެސް ރޭ ނެރުނު ބަޔާނެއްގައި ބުނީ "ފިޔަވަތި" ގައި އުޅޭ ބައެއް ކުދިން، އެ ތަނުގެ ފުރާޅުމައްޗަށް އަރައި އުޅޭއިރު، އެ ކުދިންގެ ފޮޓޯ ނެގުމާއި ވީޑިއޯ ކުރުމާއި ކުދިން އުޅޭ ގޮތް ބަލަން ތިބުމަކީ އެ ކުދިން އިތުރަށް ޓްރިގާ ވާނެ ކަމެއް ކަމަށެވެ. އެހެންވެ، އެ ކުދިންނަށް ބޭނުންވާ އެހީތެރިކަން ދިނުމަށް ކުރަންޖެހޭ ކަންކަމުގައި އެންމެން އެއްބާރުލުން ދިނުމަށް އެދިފައިވެ އެވެ.