Roadha Mihaaru
ޗެލްސީ މޮޅުވި މެޗުގައި ލުކާކޫ އާއި ވާނާ އަށް އަނިޔާ

ޗެލްސީން މަލްމޯ ބަލިކުރި މެޗުގައި ލުކާކޫ އާއި ވާނާ އަށް އަނިޔާވެއްޖެ

21 އޮކްޓޯބަރ 2021

ލަންޑަން (ސެޕްޓެމްބަރު 20) - ޔޫއެފާ ޗެމްޕިއަންސް ލީގުގައި ޗެލްސީން ސްވިޑްންގެ ޗެމްޕިއަން މަލްމޯ 4-0 އިން ބަލިކުރި މެޗުގައި ޗެލްސީގެ ފޯވަޑް ރޮމެލޫ ލުކާކޫ އާއި ޓިމޯ ވާނާ އަށް އަނިޔާ ވެއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ލަންޑަން (ސެޕްޓެމްބަރު 20) - ޔޫއެފާ ޗެމްޕިއަންސް ލީގުގައި ޗެލްސީން ސްވިޑްންގެ ޗެމްޕިއަން މަލްމޯ 4-0 އިން ބަލިކުރި މެޗުގައި ޗެލްސީގެ ފޯވަޑް ރޮމެލޫ ލުކާކޫ އާއި ޓިމޯ ވާނާ އަށް އަނިޔާ ވެއްޖެ އެވެ.

އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީން މެޗުގައި ލީޑު ނެގީ ނުވަވަނަ މިނިޓުގައި ތިއާގޯ ސިލްވާގެ ހުރަހަކުން، ޑިފެންޑަރު އަންޑްރެސް ކްރިސްޓެންސެން އެވެ. މިއީ ކްރިސްޓެންސެން ޗެލްސީއަށް ކުޅެދިން 137 ވަނަ މެޗުން ޖެހި ފުރަތަމަ ލަނޑެވެ.

ޗެލްސީގެ ދެވަނަ ލަނޑަކީ ލިބުނު ޕެނަލްޓީއަކުން ޖޯޖީނިއޯ ކާމިޔާބު ކޮށްދިން ލަނޑެކެވެ. މި ލަނޑަކީ ލުކާކޫ އޭރިއާ ތެރެއިން ދެ ޑިފެންޑަރުން ކައިރިން ނައްޓާފައި ބޯޅަ ގޯލަށް ޖަހަން އުޅެނިކޮށް މަލްމޯގެ ޑިފެންޑަރު ކުރި ފައުލަކުން ލިބުނު ޕެނަލްޓީއެކެވެ. މި ފައުލްގައި ލުކާކޫ އަށް އަނިޔާވެ ބަދަލުކުރަން ޖެހުނުއިރު، ބަދަލުގައި ކުޅެން އެރީ ކައި ހަވަޓްޒް އެވެ.

ފުރަތަމަ ހާފު ނިމެން ފަސް މިނިޓަށް ވެފައި ވަނިކޮށް ހަވަޓްޒް އަށް ހަމަލާއެއް އުފައްދަން ލިބުނު ފުރުސަތެއްގައި ވާނާ ކުރިޔަށް އަރަނިކޮށް އޭނާގެ ފަލަމަސްގަނޑަށް އަނިޔާވެ، ވާނާ ވެސް ބަދަލު ކުރަން ޖެހުނެވެ. ވާނާގެ ބަދަލުގައި ކުޅެން އެރުވީ ކަލުމް ހަޑްސަން އޮޑޯއި އެވެ.

ލުކާކޫ ގޯލު ޖަހަން އުޅުނު ވަގުތު އޭނާ ހުއްޓުވަން މަލްމޯގެ ޑިފެންޑަރު ލާސޭ ނީލްސަން ޓެކްލް ކުރަނީ: މި ޓެކްލްގައި އަނިޔާވެގެން ލުކާކޫ ވަނީ ބަދަލު ކޮށްފައި. -- ފޮޓޯ: އޭއެފްޕީ

ލުކާކޫ ގޯލު ޖަހަން އުޅުނު ވަގުތު އޭނާ ހުއްޓުވަން މަލްމޯގެ ޑިފެންޑަރު ލާސޭ ނީލްސަން ޓެކްލް ކުރަނީ: މި ޓެކްލްގައި އަނިޔާވެގެން ލުކާކޫ ވަނީ ބަދަލު ކޮށްފައި. -- ފޮޓޯ: އޭއެފްޕީ

މަލްމޯ އިން ދެވަނަ ހާފު ފެށީ ފުރަތަމަ ހާފުގައި އެ ޓީމުގެ ގޯލު ބެލެހެއްޓި ޔޯހާން ޑަހްލިންގެ ބަދަލުގައި އިސްމާއިލް ޑިއަވާރާ ކުޅެން އަރުވައިފަ އެވެ. މިހާފު ފެށިގެން ތިން މިނިޓު ތެރޭ ޗެލްސީން ކާމިޔާބުކުރި ތިން ވަނަ ލަނޑުން ފެނުނީ ވާނާ އާއި ލުކާކޫގެ ބަދަލުގައި އެރުވި ދެ ކުޅުންތެރިންގެ ކޮމްބިނޭޝަނެވެ. ތިންވަނަ ލަނޑު ހަވަޓްޒް ޖެހީ ހަޑްސަން އޮޑޯއި ގެ އެހީތެރިކަމާ އެކު އެވެ.

ޗެލްސީގެ ހަތަރު ވަނަ ލަނޑަކީ ވެސް ޕެނަލްޓީއަކުން ޖޯޖީނިއޯ ކާމިޔާބު ކޮށްދިން ލަނޑެކެވެ. މި ޕެނަލްޓީ ލިބުނީ ޑިފެންޑަރު އެންޓޯނިއޯ ރުޑިގާ އޭރިއާ ތެރޭގައި ހުރެ ބޯޅަ ފޮނުވާލަނިކޮށް މަލްމޯގެ އެރިކް ލާސަން ފައުލް ކުރުމުންނެވެ.

ޗެލްސީ ހިމެނޭ ގުރޫޕް އެޗްގެ ޔުވެންޓަސް ވަނީ 1-0 އިން ރަޝިއާގެ ޒެނިތު ބަލިކޮށްފަ އެވެ. ޔުވެންޓަސް އިން ޖެހި ހަމައެކަނި ލަނޑު މެޗު ނިމެން ހަތަރު މިނިޓަށްވެފައި ވަނިކޮށް ކާމިޔާބު ކޮށްދިނީ ޑެޔާން ކުލުސެވްސްކީ އެވެ.

ޔުވެންޓަސް ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ގުރޫޕްގެ އެއްވަނައިގައި އޮތްއިރު، ދެވަނައިގައި އޮތީ ޗެލްސީ އެވެ. ތިން ޕޮއިންޓާއެކު ޒެނިތު ތިންވަނައިގައި އޮތްއިރު މަލްމޯއަކަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.