Roadha Mihaaru
ފްރާންސްގެ ޗެމްޕިއަން އަތުން ޗެލްސީ މޮޅުވެއްޖެ

ފްރާންސްގެ ޗެމްޕިއަން އަތުން ޗެލްސީ މޮޅުވެއްޖެ

23 ފެބުރުއަރީ 2022

ލަންޑަން (ފެބްރުއަރީ 23) - ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ޗެލްސީ އިން 2-0 އިން ފްރާންސްގެ ލިލް ބަލިކޮށް ކުއާޓާ ފައިނަލުގެ ޖާގައަކާ ގާތަށް ޖެހިލިއިރު ޔުވެންޓަސް އާއި ވިޔަރެއާލް ބައްދަލުކުރި މެޗު 1-1 އިން އެއްވަރު ވެއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ލަންޑަން (ފެބްރުއަރީ 23) - ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ޗެލްސީ އިން 2-0 އިން ފްރާންސްގެ ލިލް ބަލިކޮށް ކުއާޓާ ފައިނަލުގެ ޖާގައަކާ ގާތަށް ޖެހިލިއިރު ޔުވެންޓަސް އާއި ވިޔަރެއާލް ބައްދަލުކުރި މެޗު 1-1 އިން އެއްވަރު ވެއްޖެ އެވެ.

ގަދަ 16 ޓީމު ވާދަކުރާ ބުރުގެ ފުރަތަމަ ލެގުގައި ރޭ ޗެލްސީ އިން ކުޅުނީ ފޯވާޑް ރޮމެލޫ ލުކާކޫ ބެންޗުގައި ބައިންދައިގެންނެވެ. ޗެލްސީ އިން އެންމެ ފުރަތަމަ ލަނޑު ޖެހީ އަށްވަނަ މިނިޓުގައ ހަކީމް ޒިޔެޝް ނަގައިދިން ކޯނަރަކުން ކައި ހަވާޓްޒް އެވެ. މި ލަނޑު ޖެހުމުގެ ކުރިން ވެސް ހަވާޓްޒް އަށް ވަނީ ލަނޑު ޖަހަން ދެ ފުރުސަތެއް ލިބި އެންމެ ރަނގަޅަށް އޭގެ ބޭނުން ނުހިފިފަ އެވެ.

މެޗުގެ 63 ވަނަ މިނިޓުގައި ޗެލްސީ އަށް ލީޑު ފުޅާ ކޮށްދިނީ އެންގޯލޯ ކަންޓޭގެ އެހީތެރިކަމާ އެކު ކްރިސްޓިއަން ޕުލިސިކެވެ. ލިބުނު މަދު ފުރުސަތުތަކުގައި ލިލް އިން ޗެލްސީގެ ގޯލަށް ނުރައްކާކުރަން މަސައްކަތް ކުރި ނަމަވެސް ޑިފެންޑަރު ތިއާގޯ ސިލްވާ އާއި މިޑްފީލްޑަރު ކަންޓޭ ވަނީ ހަމަލާތައް ރޫޅާލައިފަ އެވެ.

މި މޮޅާއެކު ހިތްހަމަޖައްސާލެވުނަސް، މެޗުގައި ޗެލްސީގެ ޒިޔެޝް އާއި މަޓެއޯ ކޮވަސިޗަށް އަނިޔާވެގެން ވަނީ ބަދަލުކުރަން ޖެހިފަ އެވެ. ކޯޗު ތޯމަސް ޓުޗެލް ބުނީ އަންނަ އާދިއްތަ ދުވަހުގެ ރޭ ލީގް ކަޕް ފައިނަލުގައި ލިވަޕޫލާ ދެކޮޅަށް ޗެލްސީ ކުޅޭ މެޗަށް ދެ ކުޅުންތެރިން ވެސް ފިޓު ވާނެކަމަށް އުންމީދު ކުރާކަމަށެވެ.

މިދިޔަ ސީޒަނުގެ ފްރާންސް ލީގު ކާމިޔާބުކޮށް ޗެމްޕިއަންސް ލީގަށް ކޮލިފައިވި ލިލް މި ސީޒަނުގައި މިވަގުތު އޮތީ 11 ވަނައިގަ އެވެ.

ޔުވެންޓަސް އާއި ވިޔަރެއާލް ބައްދަލުކުރި މެޗުގެ ތެރެއިން.-- އޭއެފްޕީ

ޔުވެންޓަސް އާއި ވިޔަރެއާލް ބައްދަލުކުރި މެޗުގެ ތެރެއިން.-- އޭއެފްޕީ

ރަށުން ބޭރުގައި ޔުވެންޓަސް ކުޅުނު މެޗުގައި އެޓީމަށް އެންމެ ފުރަތަމަ ލަނޑު ޖަހައިދިނީ ވްލަހޮވިޗެވެ. މިއީ އޭނާ ޗެމްޕިއަންސް ލީގުގައި ކުޅުނު ފުރަތަމަ މެޗެވެ. އޭނާ ވަނީ ފުރަތަމަ މެޗު ފެށިގެން އެންމެ 32 ސިކުންތު ތެރޭ ޔުވެންޓަސް އަށް ލީޑު ނަގައިދީފަ އެވެ. ފުރަތަމަ ހާފުގައި ޔުވެންޓަސް ޑޮމިނޭޓް ކޮށްގެން ކުޅުނު ނަމަވެސް އިތުރު ލަނޑެއް ޖެހޭގޮތެއް ނުވި އެވެ. ނަމަވެސް ދެވަނަ ހާފުގައި ވިޔަރެއާލުން ވަނީ ކުޅުން ރަނގަޅުކޮށް 66 ވަނަ މިނިޓުގައި ޑަނީ ޕަރޭހޯ ޖެހި ލަނޑާ އެކު 1-1 އިން އެއްވަރު ކޮށްފަ އެވެ.

ލަނޑަށް ފަހު ޔުވެންޓަސްގެ މިޑްފީލްޑަރު އެޑްރިއެން ރަބިއޮޓް، ވިޔަރެއާލްގެ ސެމިއުލް ޗުކްވުއެޒޭ ފައިގެ ފަލަމަސްގަނޑުގުގައި ދަށްފައިން ޖެހުމުން ރެފްރީ ވަނީ ވީއޭއާރު ބެލުމެއް ނެތި ރަބިއޮޓް އަށް ރީނދޫ ކާޑެއް ދައްކައިފަ އެވެ. އެއީ ރަތް ކާޑެއް ދަންކަން ޖެހޭ ވަރު ފައުލެއްކަމަށް އިޝާރާތްކޮށް ވިޔަރެއާލްގެ ކުޅުންތެރިން ވަނީ ވަރަށް ބޮޑަށް ރެފްރީ ކައިރީ ނުރުހުން ފާޅު ކޮށްފަ އެވެ.

މި ސީޒަނުން ފެށިގެން އަވޭ ގޯލް އުސޫލަށް އަމަލުކުރުން ހުއްޓާލައިފައި ވުމާ އެކު، ދެވަނަ ލެގުގެ މެޗާ ކުރިމަތި ލާއިރު، ޔުވެންޓަސް އަށް ރޭ ރަށުން ބޭރުގައި ޖެހި ގޯލުގެ ފައިދާއެއް ނުނެގޭނެ އެވެ. މެޗު އެއްވަރުވުމާ އެކު ދެ ޓީމަށް ވެސް އޮތީ ދެވަނަ ލެގު ކާމިޔާބު ކުރުމެވެ.

މިރޭ ވެސް ޗެމްޕިއަންސް ލީގު ގަދަ 16 ގެ ދެ މެޗު ކުޅޭނެ އެވެ. އެތުލެޓިކޯ މެޑްރިޑުން އަމިއްލަ ދަނޑުގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނައިރު، ބެންފީކާ އާއި އަޔެކްސް ވެސް މިރޭ ބައްދަލު ކުރާނެ އެވެ. ދެ މެޗު ވެސް ފަށާނީ މިރޭ ރާއްޖެ ގަޑިން 1 ޖަހާއިރެވެ.