ޖަޕާނުގެ ބޮޑުވަޒީރުގެ މަގާމަށް، ވެރިކަން ކުރާ ލިބެރަލް ޑިމޮކްރެޓިކް ޕާޓީގެ ފުމިއޯ ކިޝީޑާ، 64، މިއަދު އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން އައްޔަން ކޮށްފި އެވެ.
ޖަޕާނުގެ ބޮޑުވަޒީރުގެ މަގާމަށް، ވެރިކަން ކުރާ ލިބެރަލް ޑިމޮކްރެޓިކް ޕާޓީގެ ފުމިއޯ ކިޝީޑާ، 64، މިއަދު އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން އައްޔަން ކޮށްފި އެވެ.
ޖަޕާނުގެ 100 ވަނަ ބޮޑުވަޒީރުގެ ހައިސިއްޔަތުން މިއަދު މަގާމާ ހަވާލުވެވަޑައިގަންނަވާ އިރު، ފުމިއޯގެ ކުރިމަތީގައި ވަރަށް ގިނަ ގޮންޖެހުންތައް އެބަހުއްޓެވެ. އޭގެ ތެރެއިން އެންމެ މުހިންމު ކަމަކީ، ދުނިޔޭގެ ތިން ވަނަ އަށް އެންމެ ބޮޑު އިގްތިސާދު، ކޮވިޑުގެ ވަބާއިން ސަލާމަތް ކުރުމެވެ.
ވެރިކަންކުރާ ޕާޓީގެ ލީޑަރުގެ މަގާމަށް ފުމިއޯ އިންތިހާބުކުރީ ހުސްވި ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހު އެވެ. ފުމިއޯ އަށް ވެރިކަން ކުރާ ޕާޓީގެ ލީޑަރުކަން ލިބިވަޑައިގަތުމާ ގުޅިގެން، އެ ޕާޓީގެ ލީޑަރުގެ ހައިސިއްޔަތުން ބޮޑުވަޒީރުގެ މަގާމުގައި ހުންނެވި ޔޮޝިހީޑާ ސޫގާ ވަނީ އިއްޔެ ބޮޑުވަޒީރުގެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.
ފުމިއޯ މަގާމާ ހަވާލުވެވަޑައިގެން އެންމެ ބޮޑަށް ސަމާލުކަން ދެއްވަން ޖެހިވަޑައިގަންނަވާ ކަންކަމުގެ ތެރޭގައި، ކޮވިޑް ވަބާގެ އިތުރުން، ގައުމުގެ އިގްތިސާދު ހަރުދަނާ ކުރުން ހިމެނެ އެވެ. އަދި ޖަޕާނުގެ މުސްކުޅިންގެ އާބާދީ އިތުރުވާ މައްސަލަ އާއި ޗައިނާއާ ދެމެދު މަސްރަހު ގޯސްވާ މައްސަލަ ހިމެނެ އެވެ.
ޖަޕާނުގައި މިހާތަނަށް އެންމެ ގިނަ ދުވަހު ބޮޑުވަޒީރުކަން ކުރެއްވި ޝިންޒޯ އަބޭގެ ސަރުކާރުގައި، 2012-2017 އަށް ފުމިއޯ ވަނީ ހާރިޖީ ވަޒީރުކަން ކުރައްވައިފަ އެވެ.
ސިޔާސީ ގޮތުން ބަލާއިރު، ފުމިއޯ އަށް ކުރިމަތިވާނެ އެންމެ ފުރަތަމަ ގޮންޖެހުމަކަށް ވާނީ ކުރިއަށް އޮތް އާންމު އިންތިހާބެވެ. ކޮވިޑް ކޮންޓްރޯލް ކުރުމުގައި އެކަށީގެންވާ ކާމިޔާބެއް ނުހޯދުނު ކަމަށް ބުނެ، ވެރިކަންކުރާ ޕާޓީގެ ވެރިންނަށާއި ސަރުކާރަށް އާންމުންގެ ފާޑުކިޔުންތައް އަމާޒުވަމުންދާއިރު، އެ އިންތިހާބުގައި ކުރި ހޯދުމަކީ ބޮޑު ގޮންޖެހުމަކަށް ވާނެ އެވެ.
ބޮޑުވަޒީރު ފުމިއޯ އަކީ އާންމު ރައްޔިތުންގެ މެދުގައި މާބޮޑު މަގުބޫލުކަމެއް ނެތް ބޭފުޅަކަށް ވިޔަސް، އޭނާއަކީ ޖަޕާނު ރައްޔިތުން ބޭނުންވާ ހަމަޖެހުމާއި ރައްކާތެރިކަން ހޯއްދަވައިދެއްވޭނެ ބޭފުޅެއް ކަމަށް، ގިނަ ބަޔަކު ދެކެ އެވެ. ސަބަބަކީ އޭނާގެ އިގްތިސާދީ ސިޔާސަތަކީ، ޖަޕާނުގެ މިހާރުގެ ހާލަތަށް އެކަށޭނަ ސިޔާސަތެއް ކަމަށް ގިނަ ބަޔަކަށް ގަބޫލުކުރެވޭތީ އެވެ.
ވެރިކަން ކުރާ ޕާޓީގެ ލީޑަރުގެ މަގާމަށް ވާދަކުރެއްވި އިރު، ފުމިއޯ ވައުދުވެވަޑައިގެންނެވި އެއް ކަމަކީ، ބޮޑުވަޒީރުކަން ލިބިވަޑައިގެންވި ނަމަ، އޭނާ އުފައްދާ ސަރުކާރެއްގައި ކެޕިޓަލިޒަމްގެ އާ ވިސްނުންތަކެއް ކުރިއަށް ނެރުއްވާނެ ކަމަށެވެ. އެ ގޮތުން އާންމުންގެ މެދުގައި ހުރި އާމްދަނީގެ ފަރަގު ކުޑަކުރެއްވުމަކީ އޭނާގެ އެންމެ މުހިންމު އަމާޒެވެ. އޭނާ ވިދާޅުވި ގޮތުގައި ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭގެ އިގްތިސާދީ ސިޔާސަތުގެ ސަބަބުން ޖަޕާނަށް ވަރަށް ބޮޑު ގެއްލުމެއް ލިބިއްޖެ އެވެ. ފަގީރުކަމުން މުއްސަނދިކަމަށް ދިއުމުގެ ބަދަލުގައި ޖަޕާނު ވެއްޓުނީ މުއްސަނދިކަމުގެ ތެރެއިން ފަގީރުކަމުގެ ތެރެއަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފުމިއޯ ވިދާޅުވި ގޮތުގައި ކޮވިޑާ ގުޅިގެން އިގްތިސާދަށް ލިބުނު ގެއްލުންތައް ފޫބެއްދުމަށް، އެތައް ޓްރިލިއަން ޔެންގެ، އިގްތިސާދު އިއާދަކުރުމުގެ ޕެކޭޖެއް އިއުލާން ކުރައްވާނެ އެވެ.
ޖަޕާނުގެ މުޅި އާބާދީގެ 60 ޕަސެންޓް މީހުން މިހާރު ވަނީ ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފަ އެވެ. އެހެންކަމުން އެ ގައުމުގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު ދުވަހުން ދުވަހަށް ދަށަށް ދާން ފަށާފައިވާތީ، ކޮވިޑާ ގުޅިގެން އިއުލާންކޮށްފައި އޮތް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މިދިޔަ ހަފުތާގައިވަނީ އުވާލައިފަ އެވެ.
އޭގެ އިތުރުން އާންމު ތަންތަނަށް ނުކުމެ އުޅޭ އިރު، ހިފަހައްޓަންޖެހޭ އުސޫލުތައް ވެސް މިހާރު އަންނަނީ މަޑުމަޑުން އުވާލަމުންނެވެ. އަދި ޖަޕާނަށް އެތެރެވުމުގައި އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް ވެސް މިދިޔަ ހަފުތާގައި ވަނީ ލުއިތަކެއް ދީފަ އެވެ.
ޖަޕާނުގެ ބޮޑުވަޒީރަކަށް ދެން ވާނީ ފުމިއޯ ކިޝީޑާ
ގުޅުން ބަދަހިކުރުމަށް ދެކުނު ކޮރެއާގެ ރައީސް ޖަޕާނަށް
އެމެރިކާ އާއި ޖަޕާންގެ އަސްކަރީ ގުޅުން ވަރުގަދަކޮށްފި
އިޓަލީގެ ފުރަތަމަ އަންހެން ބޮޑުވަޒީރު ކަމަށް ޖިއޯޖިއާ
ބެލްޖިއަމްގައި ދިރިއުޅޭ މީހަކު ޓޯކިޔޯގެ މޭޔަރަކަށް
ބޮޑުވަޒީރުކަން ލިބުނުތާ އެއްދުވަސްތެރޭ އިސްތިއުފާ
ޖަޕާނުގެ އާ ބޮޑުވަޒީރުގެ އިމްތިހާނީ އިންތިހާބު ކުރިއަށް
އަރަބި ދުނިޔޭގެ ފުރަތަމަ އަންހެން ބޮޑުވަޒީރު ތޫނިސްގައި
މެލޭޝިޔާގެ ސަރުކާރާއި އިދިކޮޅު ކޯލިޝަން އެއްގަލަކަށް
މުއްސަނދި ގައުމުތަކުގެ ވެރިން އިލެކްޓްރޯނިކް ކުނިބުނިން