Roadha Mihaaru
ކަފާލާތުގެ ދަށުން ވެސް އަރިއަން ދުލެއް ނުކުރި

ކަފާލާތުގެ ދަށުން ވެސް އަރިއަން ދުލެއް ނުކުރި

09 އޮކްޓޯބަރ 2021

މަސްތުވާތަކެއްޗާ އެކު ކްރޫޒް ލައިނާއެއްގައި ޕާޓީ ކުރަނިކޮށް މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހައްޔަރުކުރި ބޮލީވުޑްގެ އެކްޓަރު ޝާހްރުކް ޚާންގެ ދަރިފުޅު އަރިއަން ޚާން ކަފާލާތުގެ ދަށުން ވެސް ދޫކުރެވެން ނެތް ކަމަށް ކޯޓުން ހުކުރު ދުވަހު ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މަސްތުވާތަކެއްޗާ އެކު ކްރޫޒް ލައިނާއެއްގައި ޕާޓީ ކުރަނިކޮށް މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހައްޔަރުކުރި ބޮލީވުޑްގެ އެކްޓަރު ޝާހްރުކް ޚާންގެ ދަރިފުޅު އަރިއަން ޚާން ކަފާލާތުގެ ދަށުން ވެސް ދޫކުރެވެން ނެތް ކަމަށް ކޯޓުން ހުކުރު ދުވަހު ނިންމައިފި އެވެ.

އަރިއަން، 23، އާ އެކު އިތުރު ހަތް މީހަކު ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރި އެވެ. މުމްބާއީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި އެ މީހުންގެ ކަފާލާތުގެ މައްސަލަ ހުކުރު ދުވަހު ބަލައި ނުގަނެ، ބޭރުކޮށްފައި ވާތީ އަރިއަން އާއި އޭނާގެ ބައިވެރިން ދެން ވެސް ތިބޭނީ އެންސީބީގެ ތަހުގީގަށް އެތަނުގެ ބެލުމުގެ ދަށުގަ އެވެ.

އެ މީހުން ހައްޔަރުކޮށް އެންމެ ފުރަތަމަ ބަންދަށް ޖެހީ އެއް ދުވަހެވެ. އަދި ހޯމަ ދުވަހަށް ބަންދުގެ މުއްދަތު ހަމަވާތީ އެ ދުވަހު ކޯޓަށް ގެންދިއުމުން، ބަންދުގެ މުއްދަތު ބުރާސްފަތި ދުވަހާ ހަމައަށް އިތުރުކޮށް ދީފައިވެ އެވެ.

އަރިއަންގެ ފަރާތުން ކޯޓަށް ހުށަހެޅި ކަފާލާތުގެ މައްސަލާގައި ބުނެފައި ވަނީ އޭނާ ކްރޫޒް ލައިނާ އަށް ދިޔައީ ލިބުނު ދައުވަތަކަށް ކަމަށާއި އޭގައި މަސްތުވާތަކެތި ބޭނުންކުރަން ހުށަަހެޅި ނަމަވެސް އެފަދަ އެއްވެސް އެއްޗެއް ބޭނުން ނުކުރާ ކަމަށެވެ. އަދި ތަހުގީގަށް އޭނާގެ ފޯނު ވެސް އަތުލައި އޭގެ ޑޭޓާ ފޮރެންސިކް ތަހުލީލަށް ފޮނުވާފައިވާތީ އެއިން ވެސް އޭނާ އަކީ ކުށެއް ނުކުރާ މީހެއްކަން ހާމަވާނެ ކަމަށެވެ. އެހެންވެ، ކަފާލާތުގެ ދަށުން މިނިވަންކޮށްދޭން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ.

މި އަހަރުގެ މެއި މަހުގެ ތެރޭގައި އެމެރިކާގެ ޔުނިވަސިޓީއަކުން ގްރެޖްއޭޓްވި އަރިއަން ޑްރަގްގެ މައްސަލައެއްގައި ބެދުނު އިރު ހުކުރު ދުވަހަކީ މަންމަ ގޯރީ ޚާންގެ 51 ވަނަ އުފަން ދުވަހެވެ. އެކަމަކު ކުރިން އޭނާގެ އުފަން ދުވަސް ކުލަގަދަކޮށް ފާހަގަކުރިޔަސް، މި ފަހަރު އެކަހަލަ އެއްވެސް ކަމެއް ނެތެވެ. އަދި ބައްޕަ ޝާހްރުކް މަސައްކަތް ކުރަމުން ދިޔަ ދެ ފިލްމުގެ މަސައްކަތް ވެސް އަރިއަންގެ ހައްޔަރާ އެކު ވަނީ ވަގުތީ ގޮތުން މެދުކަނޑާލައިފަ އެވެ.

މި މައްސަލަގަނޑު ފެންމަތިވި އިރު "ޕަތާން" ގެ ޝޫޓިން މި މަހު ޝާހްރުކް ސްޕެއިނަށް ފުރާ ގޮތަށް އޮތީ ހަމަޖެހިފަ އެވެ. އެކަމަކު އެ ދަތުރު ވެސް ވަނީ ކެންސަލްކޮށްފަ އެވެ.