Roadha Mihaaru
އޭޑީކޭ އިން ކުދިންނަށް "ރަން ދޫނި"، މާދަމާ ހަވީރެއް

އޭޑީކޭ އިން ކުޑަކުދިންނަށް "ރަން ދޫނި" ބްރޭންޑް ތައާރަފްކޮށްފި، މާދަމާ ހަވީރެއް

22 ޑިސެމްބަރ 2016

ކުޑަކުދިންނަށް ހާއްސަ ހަރަކާތްތަކެއް ހިންގުމަށް "ރަން ދޫނި"ގެ ނަމުގައި ހާއްސަ ބްރޭންޑެއް ތައާރަފްކޮށް، އޭގެ ދަށުން ކުރިއަށް ގެންދާ ފުރަތަމަ ކުޑަކުދިންގެ ހަވީރު މާދަމާ ބާއްވަން އޭޑީކޭ ޖެނެރަލް ޓްރޭޑިން އިން ނިންމައިފި އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

ކުޑަކުދިންނަށް ހާއްސަ ހަރަކާތްތަކެއް ހިންގުމަށް "ރަން ދޫނި"ގެ ނަމުގައި ހާއްސަ ބްރޭންޑެއް ތައާރަފްކޮށް، އޭގެ ދަށުން ކުރިއަށް ގެންދާ ފުރަތަމަ ކުޑަކުދިންގެ ހަވީރު މާދަމާ ބާއްވަން އޭޑީކޭ ޖެނެރަލް ޓްރޭޑިން އިން ނިންމައިފި އެވެ.

އޭޑީކޭ ކޮމްޕެނީގެ މާކެޓިން މެނޭޖަރު މުހައްމަދު ޖިނާން މިއަދު ވިދާޅުވި ގޮތުގައި މާދަމާ ހަވީރު 4:00 އިން އިރުއޮއްސި 6:00 އަށް އާޓިފިޝަލް ބީޗުގައި ބާއްވާ ކުޑަކުދިންގެ ހަވީރުގައި ތަފާތު ކުޅިވަރުތައް އޮންނާނެ އެވެ. އޭގެ ތެރޭގައި، ފޭސް ޕެއިންޓިން އާއި ބޯލިން އާއި ބޯލް ދަ ކްލައުން ފަދަ ތަފާތު ކުޅިވަރުތައް ހިމެނޭކަން އޭނާ ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެންގެ ބޭނުމަކީ މަޖާ މާހައުލެއްގައި ކުދިންނަށް އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމުގެ ފުރުސަތު ދިނުން،" ޖިނާން ވިދާޅުވި އެވެ.

"ރަން ދޫނި ހަވީރު"ގައި، އޭޑީކޭ ޖެނެރަލް ޓްރޭޑިން އިން ރާއްޖެ އެތެރެކޮށް ވިއްކާ އެކި ބާވަތްތަކުގެ ތަކެތި ވަރަށް ހެޔޮ އަގެއްގައި ގަންނަން ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ގޮތުން، ކޮންމެ އެއްޗަކުން ވެސް 20-60 ޕަސެންޓާ ދެމެދުގެ ޑިސްކައުންޓެއް ލިބޭނެކަން ޖިނާން ފާހަގަކުރެއްވި އެވެ.

"ވަރަށް ހާއްސަ، ކުޑަކުދިންނާ ގުޅުންހުރި އަދި ބޭނުންތެރި ތަކެތި ހަދިޔާގެ ގޮތުގައި ވެސް ކުދިންނަށް ލިބޭނެ،" އޭނާ ވިދާޅުވި އެވެ.

އޭޑީކޭ އިން ވަނީ "ރަން ދޫނި" ބްރޭންޑް ފުޅާކޮށް، އިތުރު ހަރަކާތްތައް ހިންގަން ނިންމައިފަ އެވެ. އެ ގޮތުން، އެވޯޑެއް ތައާރަފްކުރަން ވެސް އަންނަނީ ވިސްނަމުންނެވެ

އޭޑީކޭ ޖެނެރަލް ޓްރޭޑިން އިން ގިނަ ބްރޭންޑުތަކެއް ރާއްޖެ އެތެރެކޮށް، ފުޅާ ދާއިރާއެއްގައި ވިއްކަ އެވެ. އޭގެ ތެރޭގައި ޑްރައިޕާސް ބްރޭންޑުގެ ކުޑަކުދިންނަށް ހާއްސަ ތަކެއްޗާއި މާސްޓަ ޝެފް ބްރޭންޑުގެ ބާސްމަތީ ހަނޑުލާއި ޓްވިސްޓް ޖޫހާއި ލީގޯ ޗިޕްސް އާއި އައިމީ ނޫޑުލްސްގެ އިތުރުން ފިރިހެނުންނަށް ހާއްސަ ބޭޑް ލެބް ބްރޭންޑުގެ ތަކެތި ހިމެނެ އެވެ.

އޭޑީކޭ އިން އަންނަނީ ތަފާތު ޕްރޮމޯޝަންތައް ވެސް ހިންގަމުންނެވެ. އޭގެ ތެރޭގައި، މިހާރު ކުރިއަށް ގެންދާ ޑްރައިޕާސް މެގަޕެކް ޕްރޮމޯޝަން ފާހަގަކޮށްލެވެ އެވެ. އަންނަ ފެބްރުއަރީ 15ގެ ނިޔަލަށް ކުރިއަށް ގެންދާ އެ ޕްރޮމޯޝަންގައި، ޑްރައިޕާސްގެ މެގަ ޕެކް ނެޕީ ޕެކެޓެއް ގަނެގެން އެއް އަހަރުދުވަހުގެ މުއްދަތަށް އެޕާޓްމަންޓަކާއި އަދިވެސް އިތުރު އަގުހުރި އިނާމްތަކެއް ލިބުމުގެ ފުރުސަތު އޮންނާނެ އެވެ.