Roadha Mihaaru
ޝާހްރުކްގެ ފިލްމެއްގައި ބޫމީ ނޫސްވެރިޔަކަށް

ޝާހްރުކް ޕްރޮޑިއުސްކުރާ ފިލްމެއްގައި ބޫމީ ނޫސްވެރިޔަކަށް

14 އޮކްޓޯބަރ 2021

ޝާހްރުކް ޚާންގެ ފިލްމު ކުންފުނި ރެޑް ޗިލީޒް އިން ޕްރޮޑިއުސްކުރާ ފިލްމެއްގައި ބަތަލާ ބޫމީ ޕިޑްނޭކަރް ނޫސްވެރިއެއްގެ ރޯލު ކުޅެން ސޮއިކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޝާހްރުކް ޚާންގެ ފިލްމު ކުންފުނި ރެޑް ޗިލީޒް އިން ޕްރޮޑިއުސްކުރާ ފިލްމެއްގައި ބަތަލާ ބޫމީ ޕިޑްނޭކަރް ނޫސްވެރިއެއްގެ ރޯލު ކުޅެން ސޮއިކޮށްފި އެވެ.

މި ފިލްމު އަދި ރަސްމީކޮށް އިއުލާން ނުކުރި ނަމަވެސް މީޑިއާތަކުން ބުނީ އިންވެސްޓިގޭޓިވް ކްރައިމް-ތުރިލާއެއްގެ ގޮތުގައި ހަދާ ފިލްމުގެ ނަމަކީ "ބަކްޝަކް" އެވެ. އަދި އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ޝޫޓިން ފެށުމަށް ތައްޔާރީތައް ވަމުން އަންނަ ފިލްމު ލިޔެ، ޑައިރެކްޓްކުރަނީ ޕުލްކިތެވެ. އޭނާ އަކީ އެކްތާ ކަޕޫރްގެ އޯލްޓް ބާލާޖީ އަށް ރާޖްކުމާރު ރާއޯ ކުޅުނު 2017 ގެ ވެބް ސީރީޒް "ބޯސް: ޑެޑް/އެލައިވް" ގެ ޑައިރެކްޓަރެވެ.

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި "ބަކްޝަކް" އަކީ އިންޑިއާގައި ހިނގާފައިވާ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ހަދާ ފިލްމެކެވެ. އެގޮތުން މީގެ ވާހަކަ ބިނާ ކޮށްފައި އޮތީ މުޒައްފަރުޕޫރްގެ ޝެލްޓާ ހޯމެއްގައި ގިނަ އަންހެން ކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއް 2018 ގައި ފަޅާއެރި ހާދިސާއަށެވެ.

މި ހާދިސާ އަށް ހަދާ ފިލްމު ކުޅެން ބޫމީ އަށް ލިބުނު އިރު، މި ފިލްމު ކުރިން އަރުޖުން ކަޕޫރަށް ހުށަހެޅިކަމުގެ އަޑުތަކެއް ވެސް މިދިޔަ އަހަރު އެރި އެވެ. އޭރު ބުނެފައި ވަނީ ފިލްމުގެ ނަމަކީ "ދަމާކާ" ކަމަށެވެ. އެކަމަކު ފަހުން އެކަމާ ބެހޭ އެއްވެސް ވާހަކައެއް ނުދެކެވެ އެވެ.

ކާތިކް އާރިޔަން "ދަމާކާ" ގެ ނަމުގައި ކުޅެފައިވާ އެކްޝަން ތުރިލާއެއް އަންނަ މަހު ނެޓްފްލިކްސް އިން ޕްރީމިއާ ކުރާނެ އެވެ. އެއީ 2013 ގެ ކޮރެއާ ފިލްމު "ދަ ޓެރާ ލައިވް" އަސްލަކަށް ބަލައިގެން ރާމް މަދުވާނީ ޑައިރެކްޓް ކޮށްފައިވާ އެއްޗެކެވެ.

މިދިޔަ އަހަރު ހަތަރު ފިލްމަކުން ފެނުނު ބޫމީގެ ކުރިއަށް ހުރި ޕްރޮޖެކްޓަކުގެ ތެރޭގައި ވިކީ ކޯޝަލްގެ "މިސްޓަ ލޭލޭ" އާއި ރާޖްގެ "ބަދާއީ ދޯ" ގެ އިތުރުން އަކްޝޭ ކުމާރުގެ "ރަކްޝާ ބަންދަން" ހިމެނެ އެވެ.

މިދިޔަ އަހަރު ގެނެސްދިން ބޫމީ، 32، ގެ ފިލްމުތަކަކީ "ދުރުގާމަތީ"، "ޑޯލީ ކިޓީ އޯރް ވޯ ޗަމަކްތޭ ސިތާރޭ" އާއި "ބޫތު-ޕާޓް ވަން: ދަ ހޯންޓެޑް ޝިޕް" އަދި "ޝުބް މަންގަލް ޒާދާ ސާވްދާން" އެވެ.