Roadha Mihaaru
ހައިޓީގައި އެމެރިކާގެ 17 މީހަކު ވަގަށް ނަގައިފި

ހައިޓީގައި އެމެރިކާގެ 17 މީހަކު ވަގަށް ނަގައިފި

17 އޮކްޓޯބަރ 2021

ހައިޓީގެ ވެރިރަށް ޕޯޓް އޮ ޕްރިންސްގައި މަސައްކަތްކުރި، އެމެރިކާގެ 17 މީހަކު، ހައިޓީގެ ގޭންގަކުން ވަގަށް ނަގައިފި އެވެ.

ހައިޓީގެ ވެރިރަށް ޕޯޓް އޮ ޕްރިންސްގައި މަސައްކަތްކުރި، އެމެރިކާގެ 17 މީހަކު، ހައިޓީގެ ގޭންގަކުން ވަގަށް ނަގައިފި އެވެ.

ކްރިސްޓިއަން ދީން ފެތުރުމުގައި މަސައްކަތް ކުރާ މި 17 މީހުން ވަގަށް ނެގީ، ހައިޓީގެ އެހެން ސަރަހައްދަކަށް ބަދަލުވުމަށްޓަކައި ވެރިރަށް ޕޯޓް އޮ ޕްރިންސްގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރަށް ބަހެއްގައި ދަތުރުކުރަނިކޮށް އިއްޔެ އެވެ. ނިއު ޔޯކް ޓައިމްސް އިން ބުނި ގޮތުގައި ގޭންގެއްގެ ބަޔަކު، އެ 17 މީހުން އަތުލައިގަނެގެން ގެންދިޔައީ، ވެރިރަށުގެ ޔަތީމުޚާނާއެއްގައި ބޭއްވި ކުޑަ ރަސްމިއްޔާތަކަށް ފަހު، އޭގެ ތެރެއިން ބައެއް މީހުން ވައިގެ ބަނދަރަށް ގެންދިއުމަށް ބަހުގައި ދަތުރުކުރަނިކޮށް، މަގުމަތިން ބަސް ހުއްޓުވުމަށް ފަހު އެވެ.

ގޭންގު މީހުން އަތުލައިގަނެގެން ގެންދިޔަ 17 މީހުންގެ ތެރޭގައި ބައެއް ކުޑަކުދިން ވެސް ހިމެނެ އެވެ. އެ 17 މީހުން މިހާރުވީ ކޮން ތަނެއްގައި ކަމެއް އަދި އެމީހުންގެ ހާލަކީ ކޮބައިކަމެއް ވެސް ނޭނގެ އެވެ.

މީހުން ވަގަށް ނަގައި ރަހީނުކުރުމުގެ ހާދިސާތައް ގިނަ ހައިޓީގައި މި އަހަރު ފެށުނު ފަހުން މިހާތަނަށް، މީހުން ވަގަށް ނެގުމުގެ 600 ހާދިސާ ހިނގާފައިވެ އެވެ. މިދިޔަ އަހަރުގެ ފުރަތަމަ 10 މަސްތެރޭގައި ރިޕޯޓްކޮށްފައި ވަނީ މީހުން ވަގަށް ނެގުމުގެ 231 ހާދިސާ އެވެ.

އެމެރިކާ ބައްރުގެ އެންމެ ފަގީރު ގައުމުގެ ގޮތުގައި ބެލެވޭ ހައިޓީގައި މިފަހަކަށް އައިސް ގޭންގުތަކުގެ ހަރަކާތްތައް ފުޅާވުމުގެ ސަބަބުން އެ ގައުމުގެ އިގްތިސާދަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފަ އެވެ. މި ދިޔަ ޖުލައި މަހުގެ ތެރޭގައި، ބަޔަކު ބަޑި ޖަހައި، އެ ގައުމުގެ ރައީސް ޖޮވެނެލް މޮއެސް އަވަހާރަކޮށްލުމާއި، އޮގަސްޓް މަހު އައި ބިންހެލުމުގައި 2،000 އަށް ވުރެ ގިނަ މީހުން މަރުވި ހާދިސާ އަށް ފަހު، ގޭންގު ކުށްތަކާއި ހަމަނުޖެހުން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

ހައިޓީގައި ހަމަނުޖެހުން ބޮޑުވެ، ދޭދޭ ޖަމާއަތްތަކުގެ މެދުގައި ހަމަލާ ބަދަލުކުރުން އިތުރުވެފައިވާތީ، އދ.ގެ ސުލްހަ ބަލަހައްޓާ ލަޝްކަރެއް މިހާރު ވެސް އަންނަނީ އެ ގައުމުގައި ހަރަކާތްތެރިވަމުންނެވެ. އެ ލަޝްކަރުގެ މުއްދަތު އިތުރު ނުވަ މަސްދުވަހަށް އިތުރުކުރުމަށް، އދ.ގެ ސަލާމަތީ މަޖިލީހުން ވަނީ މިދިޔަ ހުކުރު ދުވަހު ފާސްކޮށްފަ އެވެ.

ހައިޓީގައި ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓުވުމުގައި އެހީތެރިވެދިނުމަށް ހައިޓީގެ ބައެއް ސިޔާސީ ފަރާތްތަކުން ވަނީ އެމެރިކާ އަށް ގޮވާލައިފަ އެވެ. ބައެއް ފަރާތްތަކުން އެމެރިކާ އަށް ގޮވާލަމުން ދަނީ، އެމެރިކާގެ ސިފައިންގެ ލަޝްކަރެއް ހައިޓީ އަށް ފޮނުވައިދިނުމަށެވެ.

ނަމަވެސް އެމެރިކާ ސިފައިންގެ ލަޝްކަރެއް ހައިޓީ އަށް ފޮނުވުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ ދެކޮޅު ހައްދަވައިފަ އެވެ.

ހައިޓީގައި ވަގަށް ނެގި 17 މީހުންނާ ބެހޭ ގޮތުން، ހައިޓީގައި ހުންނަ އެމެރިކާ އެމްބަސީން މިހާތަނަށް ވަކި އެއްޗެއް ނުބުނެ އެވެ.