Roadha Mihaaru
ވަގުތީ ޓީޗަރުން އިތުރުވާތީ ރައީސްގެ ކަންބޮޑުވުން

ވަގުތީ ޓީޗަރުން އިތުރުވާތީ ރައީސް ކަންބޮޑުވުން ފާޅުކުރައްވައިފި

17 އޮކްޓޯބަރ 2021

ވަގުތީ ޓީޗަރުންގެ އަދަދު އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާ މައްސަލަ އަށް އަވަސް ހައްލެއް ނުހޯދައިފި ނަމަ ތައުލީމީ ދާއިރާގައި މަސައްކަތްކުރާނެ މީހުން ރާއްޖެ އިން ނުލިބުމުގެ ބިިރު ވަރަށް ބޮޑު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ވަގުތީ ޓީޗަރުންގެ އަދަދު އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާ މައްސަލަ އަށް އަވަސް ހައްލެއް ނުހޯދައިފި ނަމަ ތައުލީމީ ދާއިރާގައި މަސައްކަތްކުރާނެ މީހުން ރާއްޖެ އިން ނުލިބުމުގެ ބިިރު ވަރަށް ބޮޑު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެެއްޖެ އެވެ.

އޭ ލެވެލްގެ ގަދަ 10 ގައި ހިމެނުނު ދަރިވަރުންނަށް އެވޯޑު ދިނުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ރައީސް ވިދާޅުވީ ކުދިންނަށް ރަނގަޅު ތައުލީމެއް ދިނުމަށް ޓީޗަރުން ކުރާ މަސައްކަތް ސްކޫލާ ހަމައިން ނިމިގެން ނުދާ ކަމަށެވެ. ލެސަން ޕްލޭނާއި ޓީޗިން އެއިޑް ތައްޔާރުކޮށް ކުޅިވަރު ދަނޑުތަކުގައި ވެސް އެ ޓީޗަރުން ވަރަށް ބުރަކޮށް މަސައްކަތްކުރައްވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ތައުލީމީ ދާއިރާގައި މި ވަގުތު ދާއިމީ ދިވެހި ޓީޗަރުންގެ ގޮތުގައި 6،498 ޓީޗަރުންނާއި ބިދޭސީ 1،730 އަދި ވަގުތީ 891 ޓީޗަރުންނާ އެކު ޖުމްލަ 9،119 ޓީޗަރުން މަސައްކަތްކުރެ އެވެ.

ރައީސް ވިދާޅުވީ އެ އަދަދުތަކަށް ބަލާއިރު ފެންނަނީ ތައުލީމީ ނިޒާމުގައި ވަގުތީ ޓީޗަރުންގެ އަދަދު އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާ ތަން ކަމަށެވެ. އެކަމަށް ބަދަލުތަކެއް ގެންނަން ޖެހޭކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

އޭ ލެވެލްގެ ގަދަ 10 ގައި ހިމެނޭ ދަރިވަރުންނަށް އެވޯޑު ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅުދައްކަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އޭ ލެވެލްގެ ގަދަ 10 ގައި ހިމެނޭ ދަރިވަރުންނަށް އެވޯޑު ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅުދައްކަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

"މިކަމަށް އަވަސް ހައްލެއް ހޯދަން މަސައްކަތް ނުކޮށްފި ނަމަ ތައުލީމީ ދާއިރާއަށް ބޭނުންވާ މުދައްރިސުންނާއި ތައުލީމީ މަންހަޖު ތަރައްގީ ކުރާނެ މީހުން އަދި ޕްރިންސިޕަލުން ރާއްޖެއިން ނުލިބުމުގެ ބިރު ވަރަށް ބޮޑު،" ތާޖުއްދީން ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވި އެވެ.

"މިކަން މިގޮތަށް ދޫކޮށްލެވިއްޖެނަމަ އަޅުގަނޑުމެންގެ ކުރިމަގުގެ ޖީލަކީ އިލްމީ ގޮތުންނާއި ވިސްނުމުގެ ގޮތުންނާއި ފަންނީ ގޮތުން އަޅުގަނޑުމެން މި ބޭނުންވާ ފަދަ އީޖާދީ ވިސްނުމުގެ އަހުލުވެރި ބަޔަކަށް ނުވުމަކީ ވަރަށް އެކަށީގެންވާ ކަމެއް."

އެ މަނިކުފާނު ވިދާޅުވީ ރާއްޖޭގެ ތައުލީމީ ދާއިރާގައި ހުރި އެ ފަދަ މައްސަލަތަކާ ގުޅޭގޮތުން އިލްމީ ދިރާސާތަކެއް ހަދަންޖެހޭ ކަމަށެވެ. ތައުލީމީ ދާއިރާއަށް މީހުން ޝައުގުވެރިނުވާ ސަބަބުތައް ސާފުކޮށް އެނގޭނީ އިލްމީ ގޮތެއްގައި އެކަންކަން ބަލައިގެން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އެހެންވެ، ޓީޗަރުންނާއި ތައުލީމީ ދާއިރާގެ ކަންތައްތައް މިހާރު ހުރި ގޮތާ ގުޅޭގޮތުން ވަރަށް އަވަހަށް އިލްމީ ދިރާސާއެއް ހަދަން ނިންމާފައިވާ ކަން ވަނީ ރައީސް އިއުލާނުކުރައްވައިފަ އެވެ.

"ރާއްޖޭގެ ތައުލީމީ ނިޒާމުގައި ދިވެހިންގެ ހިއްސާ އިތުރުކުރުމަކީ އިސްލާމީ ސައްހަ އަގީދާގެ މަތީގައި ދަރިން ތަރުބިއްޔަތުކޮށް އެކަކު އަނެކަކަށް އަޅައިލާ، އޯގާތެރިކަމާއި އެކުވެރިކަމާ އެކު ދިރިއުޅޭ ރައްޔިތެއް ބިނާކުރުމަށްޓަކައި ވަރަށް މުހިއްމު ކަމެއް. އަދި ދިވެހި ގައުމިއްޔަތާއި ދިވެހި ބަހާއި ރާއްޖޭގެ ސަގާފަތަށް ކުދިންގެ ހިތްތަކުގައި ލޯބި އިތުރުކުރުމަށްޓަކައި ވެސް ވަރަށް ބޭނުންތެރި ކަމެއް،" އެ މަނިކުފާނު ވިދާޅުވި އެވެ.

ފެންނަނީ ވަޒީފާގެ ފަހަތުން ދުވާ ޒުވާނުން

ގައުމު އާރާސްތުކުރުމުގެ މަސައްކަތަށް ދަރިވަރުންގެ ވިސްނުން އަމާޒުކުރަންވީ މަތީ ސާނަވީ ނިންމައި މަތީ ތައުލީމަށް ކުރިމަތިލާއިރު ކަމަށާއި ސަރުކާރު އޮތީ އެ ދަރިވަރުންގެ ވިސްނުން އަމާޒުކުރި ކޮންމެ މިސްރާބަކަށް ގެންގޮސްދިނުމަށް ތައްޔާރަށް ކަމަށް ރައީސް ވިދާޅުވި އެވެ.

ނަމަވެސް އެ ދަރިވަރުންނަށް ވަދެވެނީ، އެ މަނިކުފާނު ވިދާޅުވި ގޮތުގައި، އިލްމީ ހޯދުންތަކުން ގައުމުތައް ތަރައްގީކޮށް ކުރިއެރުވުމަށް މުޅި ދުނިޔެ އަމާޒު ހިފާފައިވާ ޒަމާނެއްގެ ތެރެއަށް ކަން ވިސްނަންޖެހެ އެވެ.

ރައީސް ވިދާޅުވީ ޓެކްނޮލޮޖީގެ ޒަމާނުގައި ވަޒީފާއަކީ ވަކި ތަނަކުން ވަކި މީހަކު ދޭ އެއްޗެއް ނޫން ކަމަށެވެ. އެއީ އެމީހާ އަމިއްލައަށް އުފަންކުރުވާ އެއްޗެއް ކަމަށާއި މުސާރައަކީ ވެސް އެ މީހެއްގެ އުފެއްދުންތެރިކަމަށް ބިނާކޮށް އޭނާ އަމިއްލައަށް ކަނޑައަޅާ އެއްޗެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ނަމަވެސް މިހާރު ފެންނަނީ ވަޒީފާގެ ފަހަތުން ދުވާ ޒުވާނުން ކަމަށާއި އޭގެ ބަދަލުގައި މަސައްކަތްކުރަންވީ އީޖާދީ ވިސްނުން ތަރައްގީކޮށް، ކުދިންގެ ފަހަތުން ވަޒީފާ ދާނެ ގޮތަށް ހެދުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.

"ވަކި ވަޒީފާއަކަށް ވިސްނުން ބެހެއްޓުމުގެ ބަދަލުގައި ތިޔަ ކުދިންގެ ވިސްނުން އަމާޒުކުރަންވީ އެ ކުއްޖެއްގެ ކިބައިގައި ހުރި ހުނަރާއި ފަންނުވެރިކަމުގެ ދާއިރާއިން އީޖާދީ ވިސްނުންތައް ތަރައްގީ ކުރުމަށް،" އެ މަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ކިޔާ 21 ވަނަ ގަރުނުގެ އުފެއްދުންތެރި ޒުވާނުން ބިނާވާނީ އޭރުން. އެފަދަ ޒުވާނުން ގައުމުގެ ހިންގުމާ ހަވާލުވާނީ ވަކި ތައްގަނޑަކަށް ގައުމުގެ ކުރިމަގު ފެއްތުމުގެ ބަދަލުގައި ޒަމާނީ ތަރައްގީއާ ފައިހަމަވާގޮތަށް ގައުމީ ތަރައްގީގެ ދުވެލި ހަލުވި ކުރުމަށް. މި ޒަމާނުގެ ތަރައްގީ އާއި ކުރިއެރުން ހާސިލްކުރެވެން އޮތީ އީޖާދީ ވިސްނުންތައް ސިކުނޑިތަކުގައި އުފަންކުރުވައިގެން،"

އޭ ލެވެލްގެ ގަދަ 10 ގައި 2019 ވަނަ އަހަރު 219 ކުއްޖަކު ހިމެނިފައިވެ އެވެ. އޭގެ ތެރެއިން ފަސް ދަރިވަރަކު ވަނީ ރާއްޖެއިން އެއް ވަނަ ހޯދައިފަ އެވެ.