Roadha Mihaaru
ދަރިން އެކްޓަރުންނަށް ވާން މަޖުބޫރެއް ނޫން: ބޮބީ

ދަރިން އެކްޓަރުންނަށް ވާން މަޖުބޫރެއް ނޫން: ބޮބީ ޑިއޯލް

22 އޮކްޓޯބަރ 2019

ދޮށީ ފިރިހެން ދަރިފުޅު އަރިއަމަން ޑިއޯލް އެކްޓަރަކަށް ވެއްޖެ ނަމަ ވަރަށް އުފާވާނެ ކަމަށާއި އެކަމަކު ވަކި ކެރިއަރެއް އިހުތިޔާރުކުރަށް ދަރިފުޅަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް އެކްޓަރު ބޮބީ ޑިއޯލް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދޮށީ ފިރިހެން ދަރިފުޅު އަރިއަމަން ޑިއޯލް އެކްޓަރަކަށް ވެއްޖެ ނަމަ ވަރަށް އުފާވާނެ ކަމަށާއި އެކަމަކު ވަކި ކެރިއަރެއް އިހުތިޔާރުކުރަށް ދަރިފުޅަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް އެކްޓަރު ބޮބީ ޑިއޯލް ބުނެފި އެވެ.

އުމުރުން 17 އަހަރުގެ އަރިއަމަން އަކީ ބޮބީގެ ދެ ކުދިންގެ ތެރެއިން ދޮށީ ދަރިފުޅެވެ. އޭނާ މިހާރު އަންނަނީ އެމެރިކާގެ ނިއު ޔޯކްގެ މަޝްހޫރު ޔުނިވަސިޓީއެއްގައި ބިޒްނެސް މެނޭޖްމަންޓް ދާއިރާ އިން ކިޔަވަމުންނެވެ.

އަރިޔަމަންގެ އިތުރުން ބޮބީ، 50، ގެ ދެން ވެސް ހުންނަނީ ފިރިހެން ދަރިއެކެވެ. އެއީ 14 އަހަރުގެ ދަރަމް ޑިއޯލް އެވެ.

މީޑިއާތަކާ ވާހަކަ ދައްކަމުން ބޮބީ ބުނީ އޭނާގެ އާއިލާ އަކީ ޖީލުތަކަކަށް ދެމިގެން ގޮސްފައިވާ ފިލްމީ އާއިލާއަކަށްވާތީ، ދޮށީ ދަރިފުޅު އެކްޓަރަކަށްވާން ބޭނުން ނަމަ އެކަމަށް ހިތްވަރު ދޭނެ ކަމަށެވެ.

"އެކަމަކު އެކްޓަރަކަށްވާކަށް މަޖުބޫރެއް ނޫން. ދަރިން ބޭނުން ކެރިއަރެއް އިހުތިޔާރުކުރުމުގެ ފުރުސަތު އަބަދު ވެސް އޮންނާނެ،" އަންނަ ހުކުރު ދުވަހު ރިލީޒްކުރާ "ހައުސްފުލް 4" ގެ ބަތަލު ބުންޏެވެ.

ބޮބީ ބުނިގޮތުގައި އަރިޔަމަން ކިޔެވުމަށް ވަރަށް ބޮޑަށް ލޯބިކުރާތީ އޭނާ ކިޔަވަން ބޭނުން ވަރަކަށް އެ ފުރުސަތު ވެސް އާއިލާ އިން ފަހިކޮށްދޭނެ އެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުން ދަރުމެންދުރާގެ އާއިލާ އިން ދެން އެންމެ އަވަހަށް ފިލްމީ ދާއިރާ އަށް ނުކުންނާނެ މީހަކީ ބޮބީގެ ދޮށީ ދަރިފުޅެވެ. އެކަމަކު އެކަން ވިޔަސް، އެއީ ކިހާ ތާކު ވާނެ ކަމެއް ކަމަށް ބުނާކަށް ނޭނގޭ ކަމަށް ބޮބީ ބުންޏެވެ.

ދަރޭގެ އާއިލާ އިން އެންމެ ފަހުން ބޮލީވުޑަށް ނިކުތީ ސަނީ ޑިއޯލްގެ ދޮށީ ދަރިފުޅު ކަރަން ޑިއޯލް، 28، އެވެ. އެއީ މިދިޔަ މަހު ރިލީޒްކުރި "ޕަލް ޕަލް ދިލް ކޭ ޕާސް" އިންނެވެ. އެކަމަކު އެ ފިލްމަކީ ބެލުންތެރިންނަށް އެހާ ކަމުދިޔަ ފިލްމެއް ނޫނެވެ.