Roadha Mihaaru
ޔޮހާނީގެ "މަނިކެ މަގޭ ހިތޭ" ބޮލީވުޑް ފިލްމަކަށް

ޔޮހާނީގެ "މަނިކެ މަގޭ ހިތޭ" ގެ ހިންދީ ވާޝަނެއް ބޮލީވުޑް ފިލްމެއްގައި ހިމަނަން ނިންމައިފި

20 އޮކްޓޯބަރ 2021

މި ފަހުން ވަރަށް ބޮޑަށް ވައިގައި ހިފި ސްރީ ލަންކާގެ ޒުވާން ލަކިޔުންތެރިތާ ޔޮހާނީ ދިލޯކާ ޑި ސިލްސިލާގެ ހިޓް ލަވަ "މަނިކެ މަގޭ ހިތޭ" ގެ ހިންދީ ވާޝަނެއް ބޮލީވުޑްގެ ފިލްމެއްގައި ހިމަނަން ނިންމައި، އެކަން އިއުލާންކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި ފަހުން ވަރަށް ބޮޑަށް ވައިގައި ހިފި ސްރީ ލަންކާގެ ޒުވާން ލަކިޔުންތެރިތާ ޔޮހާނީ ދިލޯކާ ޑި ސިލްސިލާގެ ހިޓް ލަވަ "މަނިކެ މަގޭ ހިތޭ" ގެ ހިންދީ ވާޝަނެއް ބޮލީވުޑްގެ ފިލްމެއްގައި ހިމަނަން ނިންމައި، އެކަން އިއުލާންކޮށްފި އެވެ.

އެ ފިލްމަކީ މިހާރު ޝޫޓް ކުރަމުން އަންނަ އަޖޭ ދޭވްގަންގެ ފިލްމު "ތޭންކް ގޯޑް" އެވެ. އިންދަރު ކުމާރު ޑައިރެކްޓްކުރާ ފިލްމުގެ ކާސްޓްގައި ސިދާތު މަލްއުތުރާ އާއި ރަކުލް ޕްތީރު ސިންގް ވެސް ހިމެނެ އެވެ.

"ތޭންކް ގޯޑް" ގައި "މަނިކެ މަގޭ ހިތޭ" ގެ ހިންދީ ވާޝަން ހިމަނަން ނިންމިކަން ކަށަވަރުކޮށް ދެމުން މަޝްހޫރު ފިލްމު ކްރިޓިކް ތަރަން އަދާޝް ބުނި ގޮތުގައި ޔޮހާނީގެ ލަވައިގެ މިއުޒިކާ ކުޅޭނީ އާންމުކޮށް އެހެން ލަވަތަކުގެ މިއުޒިކާ ކުޅެ، ގަނޑުބަޑުކުރާ މަޝްހޫރު މިއުޒިޝަން ތަނިޝްގް ބަގްޗީ އެވެ. ޔޮހާނީގެ އަޑުން ރެކޯޑްކުރާ ލަވައިގެ ޅެން ލިޔާނީ ރަޝްމީ ވިރާގެވެ.

ތަރަން މި ވާހަކަ ބުނެފައި ވަނީ ޑައިރެކްޓަރު އިންދަރާ އެކު ޔޮހާނީ ނަގާފައިވާ ފޮޓޯއަކާ ވެސް އެކީގަ އެވެ. އިންދަރަކީ "ދިލް" އާއި "ބޭޓާ" އާއި "ރާޖާ" އާއި "އިޝްގް" އާއި "މަސްތީ" އަދި "ދަމާލް" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ޑައިރެކްޓަރެވެ.

ބޮލީވުޑްގެ ފިލްމެއްގައި ޔޮހާނީގެ ލަވައެއް ހިމަނަން ފުރުސަތު ލިބިފައި މި ވަނީ އިންޑިއާ އަށް ކުރަމުން އަންނަ ފުރަތަމަ ޓުއާގެ ތެރެއިންނެވެ. އަދި މި ޓުއާގެ ތެރެއިން ކަލާޒް އަށް ސަލްމާން ޚާން ހޯސްޓްކުރާ ރިއަލިޓީ ޝޯ "ބިގް ބޮސް 15" ގައި މެހުމާނެއްގެ ގޮތުގައި ވެސް މީގެ ހަފުތާއެއް ކުރިން ޔޮހާނީ ބައިވެރިވެ، ސަލްމާނަށް ވެސް "މަނިކެ މަގޭ ހިތޭ" ކިޔައި ދީފައިވެ އެވެ.

އުމުރުން 28 އަހަރުގެ ލަވަކިޔުންތެރިޔާ އަށް ބޮލީވުޑްގެ ފިލްމަކުން ފުރުސަތު މި ލިބުނީ އެއް އަމާޒަކީ ވެސް އެ އިންޑަސްޓްރީ އަށް ލަވަކިޔުން ކަމަށް އިންޓަވިއުއެއްގައި ދާދި ފަހުން ބުނެފައި ވަނިކޮށެވެ. ޔޮހާނީ މިހާރު އަންނަނީ ސިންގަޅަ ބަހުން ނެރޭ ފުރަތަމަ އަލްބަމަށް ތައްޔާރު ވަމުންނެވެ. ޖުމްލަ 12 ލަވަ ހިމެނޭ "ކެއްލާ" ގެ ނަން ދީފައިވާ އަލްބަމް މި އަހަރުގެ ޑިސެމްބަރުގެ 9 ގައި ނެރޭނެ އެވެ.