Roadha Mihaaru
ގެއްލުންވާގޮތަށް ހިޔާމަޝްރޫއު ހިންގި މައްސަލަ މަޖިލީހަށް

ގެއްލުންވާ ގޮތަށް ހިޔާ މަޝްރޫއު ހިންގި މައްސަލަ ބަލަން އެދި މަޖިލީހަށް

26 އޮކްޓޯބަރ 2021

ހިޔާ މަޝްރޫއުގައި ދައުލަތާއި ރައްޔިތުންނަށް ގެއްލުންވާ ގޮތަށް ކޮށްފައިވާ ކަންކަމުގެ ފުރިހަމަ ޖިނާއީ ތަހުގީގެއް ހިންގައި، އެ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު މައްސަލައެއް ހުށަހަޅައިފި އެވެ.

އާނިފާ ހުސެއިން ސިރާޖް އާނިފާ ހުސެއިން ސިރާޖް

ހިޔާ މަޝްރޫއުގައި ދައުލަތާއި ރައްޔިތުންނަށް ގެއްލުންވާ ގޮތަށް ކޮށްފައިވާ ކަންކަމުގެ ފުރިހަމަ ޖިނާއީ ތަހުގީގެއް ހިންގައި، އެ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު މައްސަލައެއް ހުށަހަޅައިފި އެވެ.

މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު ހުށަހެޅުއްވި އެ މައްސަލައިގައި ވިދާޅުވީ ހިޔާގެ ނަމުގައި ފެށި މަޝްރޫއުގެ ދަށުން ދައުލަތަށް ފައިދާވާން އޮތް ކަމެއްގައި، އެހެން ގޮތަކަށް އަމަލުކޮށްފައިވާ ކަމަށާއި އެކަމުގައި މަކަރާއި ކޮރަޕްޝަން ހިމެނޭ ކަމަށެވެ.

ހިޔާ މަޝްރޫއު ހިންގާފައިވާ ގޮތާއި ހައުސިން ޔުނިޓުގެ އަގު ކަނޑައަޅާފައިވާ ގޮތް ދިރާސާކުރުމަށް ފަހު ހައުސިން މިނިސްޓްރީ އާއި އެޗްޑީސީގެ ފަރާތުން ކަމުގެ ހަގީގަތް އޮޅުންފިލުވައިދިނުމުގެ ގޮތުން ކުރާ މަސައްކަތަކީ ސައްހަ މައުލޫމާތު ނޫން ކަމަށް ދެއްކުމަށް ބަޔަކު މަސައްކަތްކުރާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދިފައިވާ ކަމަށް ފަލާހު ވިދާޅުވި އެވެ.

"ރައީސް ޔާމީންގެ ވެރިކަމުގައި ބޯހިޔާވަހިކަން ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ނަމުގައި ހެދި ހިޔާ ފްލެޓުތައް މިހާރު ވެގެން ގޮސްފައި މިއޮތީ ރައްޔިތުންނަށް ބޮޑު އުނދަގުލަކަށް. އެތަނަށް ވަންނަ މީހުންނަށް އެތަނުގައި ދިރިއުޅެވޭކަށް ނެތް. ނޫޅެ ވާކަށް ނެތް. އެހެން ތަނަކަށް ދެވޭކަށް ނެތް. އެހެން ގޮތެއް ނުމެ ނެތްމެ،" ފަލާހު ވިދާޅުވި އެވެ.

މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު ފަލާހު: ހިޔާ މަޝްރޫއުގެ ކޮރަޕްޝަން ބަލައި ފިޔަވަޅު އެޅުމަށް އޭނާ ވަނީ ހުށަހަޅުއްވާފައި. --މިހާރު ފޮޓޯ

މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު ފަލާހު: ހިޔާ މަޝްރޫއުގެ ކޮރަޕްޝަން ބަލައި ފިޔަވަޅު އެޅުމަށް އޭނާ ވަނީ ހުށަހަޅުއްވާފައި. --މިހާރު ފޮޓޯ

އޭނާ ވިދާޅުވި ގޮތުގައި ހިޔާ މަޝްރޫއުގެ 7،000 ހައުސިން ޔުނިޓު އިމާރާތްކުރުމުގައި ގިނަ ޖަރީމާތަކެއް ވަނީ ހިންގައިފަ އެވެ. އަދި އެކަމުގައި އިސްކޮށް ތިބި ފަރާތްތަކުގެ މައްސަލަތައް ހާއްސަ އިސްކަމެއް ދީގެން ބެލުމަށާއި ކަމުގެ ހަގީގަތް އޮޅުވާލަން މަސައްކަތްކުރާ ފަރާތްތަކުގެ މައްސަލަ ބަލައި ގާނޫނީ ފިޔަވަޅު އެޅުމަށް ގޮވައިލެއްވި އެވެ.

ރައްޔިތުން ދިރިއުޅުމަށް އިމާރާތްކުރި ތަނެއްގައި ފުރިހަމަވާންޖެހޭ އަސާސީ ކަންކަން ފުރިހަމަކޮށްފައި ނުވާ ކަމަށާއި އެތަނުގައި ދިރިއުޅެންފަށާ މީހުންނަށް ފަސޭހަވާ ގޮތަށް ކަންކަން ހަމަޖައްސައިދިނުމުގެ ބަދަލުގައި ގަސްތުގައި ހިންގާފައިވާ ނޫނީ އިހުމާލުން ހިނގާފައިވާ ކަންކަމުގެ ސަބަބަބުން ދައުލަތަށާއި ރައްޔިތުންނަށް ދާއިމީ ގޮތެއްގައި ގިނަ ގެއްލުންތަކެއް ވެދާނެކަމަށް އޮޑިޓް ރިޕޯޓުގައި އަންދާޒާކޮށްފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

މި މައްސަލަ މިހާރު ވަނީ މަޖިލީހަށް ބަލައިގަނެ ބަހުސް ފަށައިފަ އެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ފްލެޓްތައް: ފްލެޓުތައް އިމާރާތްކުރުމުގައި ބޮޑެތި ކޮރަޕްޝަންތައް ހިންގާފައިވާ ކަމަށް ތުހުމަތުކުރޭ-- ފޮޓޯ: ފަޔާޒު މޫސާ / މިހާރު

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ފްލެޓްތައް: ފްލެޓުތައް އިމާރާތްކުރުމުގައި ބޮޑެތި ކޮރަޕްޝަންތައް ހިންގާފައިވާ ކަމަށް ތުހުމަތުކުރޭ-- ފޮޓޯ: ފަޔާޒު މޫސާ / މިހާރު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިމާރާތްކުރި ހިޔާ ފްލެޓްތަކަށް މި ސަރުކާރުން އަގު ކަނޑައަޅާފައިވާ ގޮތް ބަލަން އެޗްޑީސީން އެދިގެން ކުރި އޮޑިޓަކަށް ފަހު އޮޑިޓަ ޖެނެރަލް އޮފީހުން އާއްމުކުރި ރިޕޯޓުގައިވާ ގޮތުން، 2018 ވަނަަ އަހަރު ކަނޑައަޅާފައިވާ ގޮތަށް ފްލެޓަކަށް މަހަކު 6،600ރ. ދައްކާ ގޮތަށް ހަމަޖައްސައިފި ނަމަ ކޮންމެ ޔުނިޓަކުން 1.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ގެއްލުންވާނެ އެވެ. މަހަކު އެ އަދަދަށް ފައިސާ ދައްކާ ގޮތަށް 25 އަހަރަށް ދޫކޮށްފި ނަމަ އެޗްޑީސީގެ ނެޓް ކޭޝްފްލޯގެ ގޮތުގައި ގާތްގަނޑަކަށް 9.2 ބިލިއަން ޑެފިސިޓް ވާނެ ކަމަށް ވެސް އޮޑިޓް ރިޕޯޓްގައިވެ އެވެ.

ރިޕޯޓްގައިވާ ގޮތުން ސަރުކާރުން މިހާރު ކަނޑައަޅާފައިވާ އަގު ކަމަށްވާ 8،500ރ. އަށް ދޫކުރުމުން ވެސް ނެޓް ކޭޝްފްލޯގެ ގޮތުގައި 138.6 މިލިއަން ރުފިޔާ ޑެފިސިޓް ވާނެ އެވެ. އަދި މަހަކު 5،548ރ. އަށް ފްލެޓެއް ދޫކުރެވޭނެ ކަމަށް ބުނެ މާލޭ ސިޓީ ކައުންސިލުން ޖަހާފައިވާ ހިސާބު ވެސް ގެއްލުން ވާނެ ކަމަށް މި ރިޕޯޓުގައި ބުނެފައިވެ އެވެ.

މި އޮޑިޓް ރިޕޯޓު ނެރުމާ އެކު ސަރުކާރުގެ ބައެއް އިސްވެރިން ވަނީ ކުރީގެ ސަރުކާރުން ފްލެޓުތަކުގެ އަގު ކުޑަކޮށް އިއުލާން ކުރީ ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅުވާލައިގެން ކަމަށް ތުހުމަތުކޮށްފަ އެވެ.