Roadha Mihaaru
ސްކޫލްތަކުގެ މަސައްކަތު މީހުންނަށް ވެސް ލައިސަންސެއް

ދަރިވަރުންނާ ދިމާވާ އެންމެން ސްކްރީންކޮށް ލައިސަންސް ދެނީ

02 ނޮވެމްބަރ 2021

ސްކޫލްތަކުގައި ދަރިވަރުންނާ މުއާމަލާތުކުރަން ޖެހޭ ހުރިހާ މުވައްޒަފުންނަށް ވެސް އެކަމުގެ ހުއްދަ ދީ ލައިސަންސެއް އޮންނަންޖެހޭ ގޮތަށް ހަމަޖައްސަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ސްކޫލްތަކުގައި ދަރިވަރުންނާ މުއާމަލާތުކުރަން ޖެހޭ ހުރިހާ މުވައްޒަފުންނަށް ވެސް އެކަމުގެ ހުއްދަ ދީ ލައިސަންސެއް އޮންނަންޖެހޭ ގޮތަށް ހަމަޖައްސަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

ގަލޮޅު މަދަރުސާގައި އުމުރުން އެންމެ ހަތަރު އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ އަނިޔާދިން މައްސަލައާ ބެހެ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ދަރިވަރުންނާ ދިމާވާނެ މުވައްޒަފުންނަށް ލައިސަންސް ދިނުމަކީ ސްކޫލްތަކުގައި އެފަދަ ހާދިސާތައް ހިނގިޔަ ނުދިނުމަށް އަޅާ ފިޔަވަޅެއް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ގަލޮޅު މަދަރުސާގައި ހިނގި ފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ކަންތައްތައް ތަރުތީބުކުރަމުން އަންނަ ކަމަށެވެ.

"ތައުލީމީ ގާނޫނުގެ ތެރެއިން މިހާރު ޓީޗާ ލައިސަންސިން މަޖުބޫރުވެފައި މި އޮތީ. އެހެންވީމާ ހަމަ ޓީޗާ ލައިސަންސިން އާ އެކުއެކީގައި، ދަރިވަރުންނާ ދިމާވާނެ އެހެނިހެން ފަރާތްތަކަށް ވެސް މިކަހަލަ ލައިސަންސިން ނިޒާމެއް ގާއިމްކުރުމުގެ ކަންތައްތައް ވެސް މިނިސްޓްރީން ކުރިއަށް އެބަ ގެންދޭ،" އައިޝަތު އަަލީ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ މިއަދު ޖަވާބުދެއްވަނީ. އޭނާ ވިދާޅުވީ ދަރިވަރުންނާ ދިމާވާ ހުރިހާ މުވައްޒަފުން ލައިސަންސް ނަގަން ޖެހޭ ނިޒާމެއް ގާއިމްކުރަމުން އަންނަ ކަމަށް. ފޮޓޯ: މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ މިއަދު ޖަވާބުދެއްވަނީ. އޭނާ ވިދާޅުވީ ދަރިވަރުންނާ ދިމާވާ ހުރިހާ މުވައްޒަފުން ލައިސަންސް ނަގަން ޖެހޭ ނިޒާމެއް ގާއިމްކުރަމުން އަންނަ ކަމަށް. ފޮޓޯ: މަޖިލީހުގެ އިދާރާ

ގަލޮޅު މަދަރުސާގައި ކުއްޖަކަށް ޖިންސީ އަނިޔާދިން ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅޭ ގޮތުން، ހިންނަވަރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ މުގައްްރިރު ކުރެއްވި ސުވާލުގައި އެއްސެވީ އެފަދަ ކަންތައްތައް ތަކުރާރުވިޔަ ނުދިނުމަށް އަޅަމުން ގެންދާ ފިޔަވަޅުތަކަކީ ކޮބައިތޯ އެވެ.

އެ ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ އެފަދަ މައްސަލަތައް އެޑިއުކޭޝަން މިނިސްޓްރީން ވަރަށް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލާ ކަމަށެވެ. ގަލޮޅު މަދަރުސާގައި ޖިންސީ އަނިޔާދިން މައްސަލަ ސްކޫލަށް ހުށަހެޅީ ބެލެނިވެރިން ކަމަށާއި އެކަން ފުލުހުންނަަށާއި ޖެންޑާއަށް ހުށަހެޅީ ސްކޫލުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެފަދަ ކަމެއް ހިނގައިފި ނަމަ، ތުހުމަތުވާ ފަރާތްތައް ވަގުތުން ސަސްޕެންޑްކުރާ ކަމަށް ވެސް ވިދާޅުވި އެވެ

"އަޅުގަނޑުމެން މި ފިޔަވަޅު އަޅަނީ ދަރިވަރުން އުޅޭ މާހައުލުން އެފަދަ ފަރާތްތައް އެކަހެރިކުރުމަށް ޓަކައި،" އައިޝަަތު އަލީ ވިދާޅުވި އެވެ.

ސްކޫލްތަކަކީ ދަރިވަރުނަަށް ރައްކާތެރި މާހައުލަކަށް ހެދުމަށް ޓަކައި މިހާރުވެސް ވަރަށް ގިނަ ފިޔަވަޅުތައް އަޅާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ ފިޔަވަޅުތައް އެޅުމަކީ އޭނާ ވިދާޅުވިގޮތުގައި އެކިއެކި ގާނޫނުތަކުން ލާޒިމުވެސް ކޮށްފައިވާ ކަންތައްތަކެކެވެ.

މިނިސްޓަަރު ވިދާޅުވި ގޮތުގައި މިސަކާރުގެ ދައުރު ފެށުނު ފަހުން، ސްކޫލްތަކުގައި ޖިންސީ އަނިޔާ ދިންކަމަށް ތުހުމަތުކުރެވޭ 40 މައްސަލައެެއް ބަލައި 30 މީހަކު ވަނީ ވަޒީފާއިން ވަކިކޮށްފަ އެވެ. ނުނިމި ހުރި މައްސަލަތަކުގައި ހިމެނޭ މީހުންނާ ދެކޮޅަށް ކިރިޔާ ހެއްކެއް ލިބުނަސް އެމީހުން ވެސް ވަޒީފާއިން ވަކިކުރެވޭނެ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ. ސްކޫލްތަކުގައި ޖިންސީ އަނިޔާދިނުމުގެ ހަތް މައްސަލައެއް މިހާރުވެސް އަންނަނީ ބަަލަމުންނެވެ.