Roadha Mihaaru
ކޮންމެ މެމްބަރަކަށް ގެކޮޅު ކައިރިން ޕާކިން ސްލޮޓެއް!

މެންބަރުންގެ ގެކޮޅު ކައިރިން އެ ބޭފުޅުންނަށް ޕާކިން ސްލޮޓް ހަމަޖައްސަން މަޝްވަރާ ކުރަނީ

26 އޯގަސްޓް 2021

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިއްބަވާ ގެކޮޅުގެ ކައިރިން އެ ބޭފުޅުންނަށް ހާއްސަ ޕާކިން ސްލޮޓް ހަމަޖެއްސުމުގެ މަޝްވަރާތައް ފަށަން މަޖިލީހުގެ އިމްތިޔާޒު އަދި ސުލޫކު ކޮމިޓީން އިއްޔެ ފާސްކޮށްފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިއްބަވާ ގެކޮޅުގެ ކައިރިން އެ ބޭފުޅުންނަށް ހާއްސަ ޕާކިން ސްލޮޓް ހަމަޖެއްސުމުގެ މަޝްވަރާތައް ފަށަން މަޖިލީހުގެ އިމްތިޔާޒު އަދި ސުލޫކު ކޮމިޓީން އިއްޔެ ފާސްކޮށްފި އެވެ.

އެ ކަން މަޖިލީހަށް ހުށަހެޅުއްވި މަކުނުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވީ، ކާރު ގެންގުޅުއްވާ މެންބަރުން ސަރުކާރަށް ދައްކަން ޖެހޭ ފައިސާ އަމިއްލަ އަށް ދައްކަވާ ގޮތަށް ޕެއިޑް ޕާކިން ސްލޮޓް ހަމަޖައްސަން ޖެހޭ ކަމަށެވެ. މެންބަރުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ވެސް އެއީ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުންނަކީ ގިނަ ކަންކަމުގައި އެކި ތަންތަނަށް ދަތުރު ކުރަން ޖެހޭ މީހުން. ކާރު ނުލިބިގެން ގަޑި ޖެހޭ ފަހަރު އެބަދޭ. އަމިއްލަ ކާރު އޮތަސް ބޭނުން ނުކުރެވޭ އެތައް ހާލަތެއް ވެސް އާދޭ،" ރާއީ ވިދާޅުވި އެވެ.

ސަރުކާރުން މިހާރު ވެސް ހުރިހާ ވަޒީރުންނަށް އެ ބޭފުޅުންގެ ގެކޮޅު ކައިރިން ޕާކިން ސްލޮޓް ހަމަޖައްސާފައިވާ ކަން ރާއީ ފާހަގަ ކުރެއްވި އެވެ. މަޖިލިހުގެ މެންބަރުންނަކީ ވެސް ޝަރަފާއި ގަދަރު ހުންނަ ބޭފުޅުން ކަމަށާއި ގެކޮޅު ކައިރި ޕާކިން ޒޯނަކުން ވިޔަސް ސްލޮޓު ހަމަޖެހިފައި ހުންނަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"ރަސްމީކޮށް ގާނޫނެއްގެ ތެރެއިން މިކަން ކަށަވަރު ވެގެން ދިޔުން އެއީ ބުއްދިވެރި ކަމެއް. އަދި ރައީސް، ނައިބު ރައީސް އަދި ލީޑަރުން އަދި އެހެން ޕާޓީތަކުގެ މެންބަރުންނާ ވެސް ހިއްސާ ކޮށްފައި [މަޖިލީހުގެ] ފްލޯ އިން ފާސްވާން އަޅުގަނޑު ބޭނުން ވަނީ،" ރާއީ ވިދާޅުވި އެވެ.

އޭނާގެ އެ ހުށަހެޅުއްވުމަށް ތިނަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު އަބްދުﷲ ސަނީފް ތާއީދު ކުރެއްވި އެވެ. އަދި އެ ކަން ކުރިއަށް ގެންގޮސް މަޝްވަރާތައް ފަށަން އެހެން މެންބަރުން ވެސް އެއްބަސްވެ ކޮމިޓީން ފާސްކުރި އެވެ.