Roadha Mihaaru
އޮޕޯގެ ފަތްޖެހޭ ފޯނު އަންނަ މަހު ނެރެނީ

އޮޕޯގެ ފަތްޖެހޭ ފޯނު އަންނަ މަހު ނެރެނީ

16 ނޮވެމްބަރ 2021

ޗައިނާގެ ކުންފުނި އޮޕޯގެ ފަތްޖެހޭ ފޯނުގެ ޕްރޮޓޯޓައިޕް ދައްކާލިތާ ދެ އަހަރެއްހާ ދުވަސް ފަހުން އަންނަ މަހުގެ ތެރޭގައި އެ ފޯނު ނެރެން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޗައިނާގެ ކުންފުނި އޮޕޯގެ ފަތްޖެހޭ ފޯނުގެ ޕްރޮޓޯޓައިޕް ދައްކާލިތާ ދެ އަހަރެއްހާ ދުވަސް ފަހުން އަންނަ މަހުގެ ތެރޭގައި އެ ފޯނު ނެރެން ނިންމައިފި އެވެ.

ޓެކް ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނީ ކޯޑް ނަމަކަށް "ޕީކޮކް" ގެ ނަން ދީފައިވާ ފޯނު އަންނަ މަހުގެ ކުރީކޮޅު ފުރަތަމަ ނެރޭނީ ޗައިނާގެ މާކެޓަށް ކަމަށެވެ. އަދި މީގެ "ހައި-އެންޑް" ވާޝަން "ބަޓަފްލްއި" ގެ ނަމުގައި އިންޓަނޭޝަނަމް މާކެޓަށް ނެރޭނީ އަންނަ އަހަރުގެ ކުރީކޮޅު އެވެ.

އޮޕޯގެ ފަތްޖެހޭ ފޯނާ ގުޅޭ ގޮތުން ރަސްމީކޮށް ކުންފުނިން މާ ބޮޑު ތަފުސީލުތަކެއް މިހާތަނަށް ހާމަކުރި ނުކުރި ނަމަވެސް މިއީ ސެމްސަންގް ގެލެކްސީ ޒީ ފޯލްޑް 3 އާއި ވާވޭ މޭޓް އެކްސް2ގެ ފީޗާތަކާ ވައްތަރު ފީޗާތަކެއް ހުންނާނެ ފޯނެކެވެ. އެކަމަކު މި ނެރޭނީ އެންޑްރޮއިޑް 12 ނުވަތަ 11 ގައި ކަމެއް އަދި ސާފެއް ނުވެ އެވެ.

ބައެއް މީޑިއާތަކުން ތިލަކޮށްފައިވާ މި ފޯނާ ގުޅޭ ބައެއް ސްޕެސިފިކޭޝަންތަކަށް ބަލާ އިރު "ޕީކޮކް" އަކީ އެއްކޮށް ދަމާލުމުން 8 އިންޗީގެ އެލްޓީޕީއޯ އޯލެޑް ޑިސްޕްލޭއަކާ ކްއަލްކޮމް ސްނެޕްޑްރެގަން 888 ޗިޕްސެޓް އެކުލެވޭނެ އަދި ވަރުފަދަ ކެމެރާ ވެސް ހިމެނޭނެ ފޯނަކަށް ވާނެ އެވެ. އަދި "ބަޓަފްލައި" އަކީ ކްއަލްކޮމް ސްނެޕްޑްރެގަން 898 ޗިޕްސެޓް އެކުލެވޭނެ ފޯނެކެވެ.

އޮޕޯގެ ފަތްޖެހޭ ފޯނު ނެރެން ވަގުތު ކުޑަތަންވަމުން އަންނަ އިރު އެ ކުންފުނިން މިހާރު އަންނަނީ ރޯލަބަލް ފޯނަކަށް ވެސް މަސައްކަތް ކުރަމުންނެވެ. މިއީ ވާޓިކަލްކޮށް ދަމާލެވޭ ގޮތަށް ފަރުމާކޮށް ނެރޭ އެއްޗެކެވެ.

ފަތްޖެހޭ ފޯނު ނެރުމުގެ ވާދަވެރި ކަމަކީ ފޯނު އުފައްދާ ކުންފުނިތަކުގެ ތެރޭގައި މިހާރު އޮތް ވަރަށް ބޮޑު ވާދަވެރި ކަމެކެވެ. މި ޒާތުގެ ފޯނުތައް ސެމްސަންގާއި ވާވޭގެ މައިކްރޮސޮފްޓުން ނެރެފައިވެ އެވެ. އަދި ފަތްޖެހޭ ފޯނު ނެރެން މަސައްކަތްކުރާ އިތުރު ކުންފުނިތަކުގެ ތެރޭގައި ގޫގުލް އާއި ޓީސީއެލް އާއި ޒީޓީއީ އަދި ފޯނު އުފައްދާ އެންމެ މަޝްހޫރު ކުންފުނިތަކުގެ ތެރެއިން އެޕަލް ވެސް ހިމެނެ އެވެ.