Roadha Mihaaru
ޑޮލަރު ކަޅުބާޒާރުގެ ރޭޓް ކަނޑައަޅާ މީހާވެސް ހައްޔަރު

ކަޅުބާޒާރުގައި ޑޮލަރުގެ ރޭޓް ކަނޑައަޅާ "މަހުޖަނު" ވެސް ހައްޔަރު!

29 ނޮވެމްބަރ 2021

ކަޅު ބާޒާރުގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތު ކުރެވިގެން ފުލުހުން ހައްޔަރުކުރި ދެ މީހުންގެ ތެރޭގައި، އެ ބާޒާރުގައި ޑޮލަރުގެ ރޭޓް ކަނޑައެޅުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ މީހާ ވެސް ހިމެނޭ ކަމަށް އެކަން ދެނެހުރި ބައެއް މީހުން ބުނެފި އެވެ.

އިސްމާއިލް ނަސީރު އިސްމާއިލް ނަސީރު

ކަޅު ބާޒާރުގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތު ކުރެވިގެން ފުލުހުން ހައްޔަރުކުރި ދެ މީހުންގެ ތެރޭގައި، އެ ބާޒާރުގައި ޑޮލަރުގެ ރޭޓް ކަނޑައެޅުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ މީހާ ވެސް ހިމެނޭ ކަމަށް އެކަން ދެނެހުރި ބައެއް މީހުން ބުނެފި އެވެ.

ބަންގްލަދޭޝްގެ އެ މީހާގެ އިތުރުން، މި ކަމުގައި އިސްކޮށް ހަރަކާތްތެރިވާ ފަސް މީހަކު ފުލުހުން މިހާރު ވަނީ ދެނެގެންފަ އެވެ. އިއްޔެ ހައްޔަރުކުރި ދެ މީހުންގެ ތެރޭގައި ހިމެނޭ ދެ މީހުންނަކީ ވެސް ރާއްޖޭގައި ވަރަށް ފުޅާ ދާއިރާއެއްގައި ގަވައިދާ ހިލާފަށް ޑޮލަރުގެ ވިޔަފާރިކުރާ، އަދި އެ ވިޔަފާރި ކޮންޓްރޯލް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ދެ މީހުން ކަމަށް ވެ އެވެ. އަދި އެ ދެ މީހުންނަކީ ވެސް، އެ މީހުންނާ ގުޅިފައިވާ އެކައުންޓްތަކުން ކޮންމެ ދުވަހަކު ވެސް އެތައް ލައްކަ ރުފިޔާއެއްގެ ވިޔަފާރި ކުރާ ދެ މީހުން ކަމަށް، މައުލޫމާތު އެނގޭ މީހުން ބުނެ އެވެ.

ކަޅު ބާޒާރުގައި ޑޮލަރު ވިއްކަނީ -- ފައިލް ފޮޓޯ: މިހާރު

ކަޅު ބާޒާރުގައި ޑޮލަރު ވިއްކަނީ -- ފައިލް ފޮޓޯ: މިހާރު

"ފުލުހުން އިއްޔެ ހައްޔަރުކުރި ދެ މީހުންނަކީ ވެސް މަހުޖަނުން،" މައުލޫމާތު ދިން މީހާ، ނަން ނުޖަހަން އެދި ބުންޏެވެ.

ފުލުހުން އިއްޔެ ހައްޔަރު ކުރި ދެ މީހުންނަކީ ވެސް ބަންގްލަދޭޝްގެ ދެ މީހުންނެވެ. މީގެ އިތުރުން، އެ ވިޔަފާރީގައި އުޅޭ އެހެން ބައެއް މީހުން ވެސް ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަތާ ދުވަސްތަކެއް ވެއްޖެ އެވެ.

ކިހިނެއް ކުރާ ވިޔަފާރިއެއް؟

ޑޮލަރުގެ ކަޅު ބާޒާރު އޮންނަނީ އާޓިފިޝަލް ބީޗް ސަރަހައްދުގައި ހުންނަ ބޭންކް އޮފް މޯލްޑިވްސްގެ ޑޮލަރު އޭޓީއެމް ސަރަހައްދުގަ އެވެ. އެ ސަރަހައްދުގައި ވަރަށް ފުޅާ ދާއިރާއެއްގައި އެ ވިޔަފާރި ކުރަމުން ދެ އެވެ. ޑޮލަރު ނަގަންދާ މީހުން ޑޮލަރު ނަގާތަނުން، ޑޮލަރު ގަންނަ ބިދޭސީން އެ މީހުންގެ ފަހަތުން ގޮސް އަގު ކިޔައި ބޭންކް ރޭޓަށް ވުރެ ބޮޑު އަގުގައި އެ ގަނެ އެވެ. އަދި ޑޮލަރުގެ ތާށިކަން ކުރިމަތިވާ ދަނޑިވަޅު އެ ވިއްކާލަ އެވެ. އެހެންވެ، މި މަސައްކަތުގައި އުޅޭ މީހުންނަށް މަހެއްގެ މައްޗަށް ވަރަށް ބޮޑު އާމްދަނީއެއް ލިބެމުން ދެ އެވެ.

މި ވިޔަފާރި އެހާ ފުޅާވެފައި އޮތް އިރު ވެސް، ކަމާ ބެހޭ ފަރާތްތަކުން އެކަމާ އަޅައެއް ނުލަ އެވެ. ބައެއް މީހުން ބުނާ ގޮތުގައި، ކަޅު ބާޒާރު އެހާ ފުޅާވެގެން ދިޔައީ ވެސް އެކަމާ އެމްއެމްއޭ ވެސް އަދި ފުލުހުން ވެސް އެކަމާ ފަރުވާ ކުޑަކޮށްލައިގެން ތިބީމަ އެވެ. އެކަމަކު، އެ ނެޓްވޯކް ފުޅާވެ، އޭގެ ތެރޭގައި ޖިނާއީ ބޮޑެތި ކުށްތަކެއް ހިންގައި، މުޅި ގައުމުގެ ޑޮލަރުގެ ކޮންޓްރޯލް ކަޅު ބާޒާރުގެ ތެރެއަށް ދާން ފެށުމާ އެކު ފުލުހުން އޮޕަރޭޝަންތަކެއް ފެށީ އެވެ.

ކަޅު ބާޒާރު މައްސަލައަކަށް ވަނީ ކީއްވެ؟

ޑޮލަރުގެ ވިޔަފާރި ކުރުމަކީ އެމްއެމްއޭގެ ވަކި ހުއްދައެއްގެ ދަށުން ނޫނީ ނުކުރެވޭ ކަމެކެވެ. އެކަމަށް އެމްއެމްއޭ އިން ލައިސަންސެއް ދޫކުރެ އެވެ. ޑޮލަރުގެ ވިޔަފާރި ކުރުމަށް މިހާރު ވެސް ވަނީ ވަރަށް ގިނަ އަދަދެއްގެ ލައިސަންސް ދޫކޮށްފަ އެވެ. މަނީ ޗޭންޖްގެ ބޯޑު ޖަހާފައިވާ ހުރިހާ ތަންތަނަކީ ވެސް އެގޮތަށް ދީފައިވާ ހުއްދައިގެ ދަށުން ހިންގާ ތަންތަނެވެ.

އެކަމަކު އެތަންތަން ހުއްޓާ އުނގު ވިޔަފާރި އުސޫލުން ޑޮލަރުގެ ވިޔަފާރި "ކަޅު ބާޒާރު"ގައި ކުރަން ފެށުމާ އެކު، ހުއްދަ ނަގައިގެން މިކަން ކުރާ ފަރާތްތަކަށް ވެސް ބޮޑު ގެއްލުމަކާ ވަނީ ކުރިމަތިލާން ޖެހިފަ އެވެ. ރާއްޖޭގެ އިންފްލޭޝަނާއި އިގްތިސާދުގެ ތެރޭގައި ކަޅު ބާޒާރުގެ ނުފޫޒު ގަދަވެ، ހުއްދަ ނަގައިގެން އެކަން ކުރާ ބައެއް ފަރާތްތަކުން ވެސް އެ ވިޔަފާރީގެ ތެރެއަށް ވަންނަން ވަނީ މަޖުބޫރު ވެފަ އެވެ. ކަޅު ބާޒާރު ސަރަހައްދުގައި މިހާރު ވެސް ހުއްދައިގެ ދަށުން މަނީ އެކްސްޗޭންޖް ކުރާ ތަންތަން ހުޅުވައި، ބައެއް ތަންތަނުން ގަވައިދާހިލާފަށް ޑޮލަރު މާރުކުރާ ކަމަށް ވެ އެވެ.

Bidheysee labouregge accountugai 4 million dollar

Bidheysee labouregge accountugai 4 million dollar

The most trusted news source in the Maldives

Mihaaru

ޑޮލަރުގެ ކަޅު ބާޒާރާ ބެހޭ ގޮތުން "މެދުސަފުހާ"ގައި ތަްޔާރު ކުރި ރިޕޯޓެއް

ފުލުހުން ބުނެފައިވާ ގޮތުގައި މީގެ ތެރޭގައި ހިންގާ ޖިނާއީ ކުށްތައް އިތުރުވެ ފްރޯޑްތައް ވެސް ވަނީ އިތުރުވެފަ އެވެ. އަދި ގަވައިދާހިލާފަށް ރާއްޖެ އައިސް އުޅޭ ބިދޭސީން މި ވިޔަފާރީގެ ތެރޭގައި އުޅެ، ޑޮކިއުމެންޓް ފޯޖްކޮށްގެން އެތައް ބައިވަރު ޑޮލަރެއް ރާއްޖެއިން ބޭރަށް ގެންދާ ކަމުގެ ހެކި ހުރި ކަމަށް ފުލުހުން ވަނީ، މީގެ މަހެއްހާ ދުވަސް ކުރިން "މިހާރު"ގެ "މެދުސަފުހާ" އަށް ދިން އިންޓަވިއުއެއްގައި ބުނެފަ އެވެ. އޭގެ ތެރެއިން ބައެއް ބިދޭސީންގެ އެކައުންޓްގައި މިލިއަނުން ފައިސާ ދައުރުވެފައިވާ ކަމަށް ފުލުހުން ބުނެފައި ވެ އެވެ.

ޑޮލަރުގެ ކަޅު ބާޒާރަށް ހާއްސަކުރި އެ ރިޕޯޓްތަކުގައި، ފުލުހުން ބުނެފައިވާ ގޮތުގައި އެ މީހުން އަތުލައިގަތަސް، އެ ފައިސާ އަކީ ނުހައްގު ގޮތުގައި ހޯދި ފައިސާތޯ ކޯޓުގައި ސާބިތު ކުރުމަކީ، ރާއްޖޭގެ ގާނޫނުތައް އޮތް ގޮތުން ފަސޭހަ ކަމެއް ނޫނެވެ. މަނީ ލޯންޑަރިންގެ ގާނޫނު ބުނާ ގޮތުން، އެ ފައިސާ ހޯދައިފައި ވަނީ ގަވައިދާހިލާފަށް ކަން ސާބިތުކޮށްދޭން ޖެހެނީ ދައުލަތުންނެވެ.