Roadha Mihaaru
ކަޅު ބާޒާރުގައި ޑޮލަރު 17ރ. އަށް ވުރެ މައްޗަށް

ޑޮލަރުގެ އަގު ކަޅު ބާޒާރުގައި 17ރ. އަށް ވުރެ މައްޗަށް އަރައިފި

13 ޖުލައި 2016

ޓޫރިޒަމް ދަށްވެ، އެމެރިކާ ޑޮލަރު ލިބުން މަދުވުމާ ގުޅިގެން ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ އަގު 17.10ރ. އަށް އަރައިފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ޓޫރިޒަމް ދަށްވެ، އެމެރިކާ ޑޮލަރު ލިބުން މަދުވުމާ ގުޅިގެން ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ އަގު 17.10ރ. އަށް އަރައިފި އެވެ.

ޑޮލަރު ގަންނަ ވިޔަފާރިވެރިއަކު "މިހާރު"އާ ވާހަކަ ދައްކަމުން މިއަދު ބުނީ ރޯދަ މަސް ފެށުމުގެ ކުރިން 16.70ރ. އަށް ލިބުނު ޑޮލަރު މިހާރު 17ރ. އަށް ވުރެ މައްޗަށް ގޮސްފައިވާ ކަމަށެވެ. އޭގެ މައިގަނޑު އެއް ސަބަބަކީ، އޭނާ ބުނި ގޮތުގައި، މި ދުވަސްވަރު ރިސޯޓުތަކުން ލިބޭ ޑޮލަރު ވަރަށް ބޮޑަށް މަދުވުމެވެ.

"އަނެއްކާ ޑޮލަރު މިހާ ތާށިކޮށް އުޅެނިކޮށް ގިނަ އަދަދެެއްގެ ބަޔަކު އުމްރާ އަށާއި އީދު ޗުއްޓީ އަށް ރާއްޖޭން ބޭރަށް ފުރައިގެން ދިޔަ. އެހެންވެ ޑޮލަރު ލިބުން އެހާ ތާށިވީ،" އޭނާ ބުންޏެވެ.

އެ މީހާ ބުނީ 100 އަދި 200 ޑޮލަރުން ވިއްކާ މީހަކު ވެސް 17ރ. އަށް ވުރެ ކުޑަކޮށް ނުވިއްކާ ކަމަށެވެ.

"އަގުގެ ތަފާތު އާދޭ ނަގުދު ފައިސާ އިން ގަންނަ ނަމަ. ޗެކު ނުވަތަ ޓްރާންސްފާއެއް ނަމަ ކުޑަ ތަންކޮޅެއް އަގު ހެޔޮވޭ،" އޭނާ ބުންޏެވެ.

އެމްއެމްއޭ އިން ކަނޑައަޅާފައިވާ ރޭޓު ކަމަށްވާ 15.42 އަށް ވުރެ ބޮޑު އަގުގައި ޑޮލަރު ވިއްކުމަކީ މަނާކަމެކެވެ. ނަމަވެސް ވިޔަފާރިވެރިން ބޭނުންވާ ވަރަށް ބޭންކުތަކުން ޑޮލަރު ނުލިބޭތީ މުދާ އެތެރެކުރުމަށާއި އެ ނޫން ބޭނުންތަކަށް ޑޮލަރު ގަންނަން ޖެހެނީ ކަޅު ބާޒާރުންނެވެ.

ރާއްޖޭގެ އެންމެ ބޮޑު ބޭންކު، ބީއެމްއެލް ބުނީ މިދިޔަ އީދު ބަންދާ ދިމާކޮށް ރޯދަ މަހުގެ ފަހު އަށް ދުވަހު 4،000 ވުރެ ގިނަ ކަސްޓަމަރުންނަށް ދެ މިލިއަނަށް ވުރެ ގިނަ ޑޮލަރު ވިއްކާފައިވާ ކަމަށެވެ. މި މަހުގެ ފުރަތަމަ ދިހަ ދުވަހު ރާއްޖޭން ބޭރުގައި ކާޑު ބޭނުންކޮށްގެން 3.4 މިލިއަން ޑޮލަރުގެ ވިޔަފާރި ކޮށްފައިވާ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.