Roadha Mihaaru
ޑޮލަރު ހޯދަން އިއުލާންކުރީ އޮޅުމަކުން: އާރުޑީސީ

ޑޮލަރު ހޯދަން އިއުލާން ކުރެވުނީ އޮޅުމަކުން: އާރުޑީސީ

21 ޖުލައި 2022

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އަށް ޑޮލަރު ވިއްކާނެ ބަޔަކު ހޯދަން އިއުލާނު ކުރެވުނީ ޑިޕާޓްމެންޓްތަކުގެ މުއާމަލާތްތަކުގައި އެރި އޮޅުމަކުން ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އަށް ޑޮލަރު ވިއްކާނެ ބަޔަކު ހޯދަން އިއުލާނު ކުރެވުނީ ޑިޕާޓްމެންޓްތަކުގެ މުއާމަލާތްތަކުގައި އެރި އޮޅުމަކުން ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު ޗުއްޓީގައި ހުންނެވުމުން ކުންފުނި ހިންގެވުމާ ހަވާލުވެ ހުންނެވި ޕްރޮކިއުމަންޓްގެ ޖެނެރަލް މެނޭޖަރު ހަސަން ސައީދު ވިދާޅުވީ، އެ ކުންފުނިން މުދާ ގެންނަން ދޭތެރެއަކުން ޑޮލަރު ހޯދަން ޖެހޭ ކަމަށެވެ. އާންމުކޮށް ޑޮލަރު ހޯދުމުގެ ކަންކަން ހަމަޖައްސަނީ ފައިނޭންސް ޑިޕާޓްމެންޓުން ކަމަށާއި އެ ޑިޕާޓްމެންޓްގެ ގިނަ ބަޔަކު ޗުއްޓީގައި ތިބުމުން އެކަންކަން މިހާރު ބަލަހައްޓަމުން އަންނަނީ ޕްރޮކިއުމެންޓް ޑިޕާޓްމެންޓުން ކަމަށް އޭނާ ވިދާޅުވި އެވެ.

ޑޮލަރު ހޯދަން ދޭތެރެއަކުން އެސްއޯއީތަކުން ވެސް އިއުލާނުކުރާ ކަން ފާހަގަކުރައްވައި ސައީދު ވިދާޅުވީ އާރުޑީސީން އެ އިއުލާނު ނެރުނީ މިހާރު ވެސް އަމަލުކުރަނީ އެ އުސޫލުގެ ދަށުން ކަމަށް ހީކޮށެވެ.

"ގެޒެޓު ކުރިތާ 20 ވަރަކަށް މިނެޓް ތެރޭގައި އެ އިއުލާނު ނެގިން. އެ އިއުލާނު ކުރުމާ އެކު ފިނޭންސް މިނިސްޓްރީން ވަނީ އެސްއޯއީތަކުން ޑޮލަރުގެ މުއާމަލާތްތައް ހިންގުން މިނިސްޓްރީން މެދުވެރިކޮށް ގެންދަން ބުނެފައި. އަދި ޑޮލަރު ހަމަޖައްސައިދޭނެ ކަމަށް ބުނުމުން އެ އިއުލާނު ނެގީ،" އޭނާ ވިދާޅުވި އެވެ.

އާރުޑީސީން އިއްޔެ ކުރި އިއުލާނުގައި އެދިފައި ވަނީ ޑޮލަރު ވިއްކުމުގެ ލައިސެންސް އޮތް ފަރާތްތަކުން އެ ކުންފުންޏަށް ޑޮލަރު ފޯރުކޮށްދިނުމުގެ ޝައުގުވެރިކަން ހާމަކޮށް، މި މަހުގެ 24 ވަނަ ދުވަހުގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުމަށެވެ.

އާރުޑީސީގެ މި އިއުލާނާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ. މިދަނޑިވަޅުގައި ކުންފުނިތަކުން ޑޮލަރު ހޯދަން ކަޅު ބާޒާރަށް ނުކުމެއްޖެ ނަމަ، ޑޮލަރުގެ ރޭޓް އިތުރަށް އުފުލިގެން ހިނގައިދާނެ ކަމަށް ބައެއް މީހުން ބުނެފައިވެ އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުން ހިންގާ ޕްރޮޖެކްޓްތަކަށް ބޭނުންވާ ތަކެތި ހޯދުމަށާއި ބޭރުގެ އިންސްޓިޓިއުޓްތަކުން ނަގާފައިވާ ލޯނުތަކަށް އަނބުރާ ފައިސާ ދެއްކުމަށް ޑޮލަރު ބޭނުންވެ އެވެ. އެހެންކަމުން ކޮންމެ މަހަކު ބޮޑެތި އަދަދުތަކުން ޑޮލަރު ހޯދަން ޖެހެ އެވެ. މިދިޔަ އަހަރު ވެސް ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތަކަށް ބޭނުންވާ ވަރަށް ޑޮލަރު ނުލިބިގެން ކަޅު ބާޒާރަށް ގޮސް ޑޮލަރު ހޯދާފައިވެ އެވެ.

އޭގެތެރޭގައި އެމްޑަބްލިއުއެސްސީ އާއި އެޗްޑީސީ އާއި ސްޓެލްކޯ ފަދަ ކުންފުނިތައް ވެސް ހިމެނެ އެވެ.

އެހެން ނަމަވެސް ފިނޭންސް މިނިސްޓްރީން ވަނީ އެކަން ހުއްޓުވައިފަ އެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ބޭނުންވާ ޑޮލަރު އެމްއެމްއޭ މެދުވެރިކޮށް ހޯދުމުގެ އިންތިޒާމުތައް މިހާރު ވަނީ ހަމަޖައްސައިފަ އެވެ.