Roadha Mihaaru
ޑޮލަރުގެ މައްސަލަ: އާ ސަރުކާރުގެ ފުރަތަމަ އިމްތިހާން!

ޑޮލަރުގެ މައްސަލަ: އާ ސަރުކާރުގެ ފުރަތަމަ އިމްތިހާން!

29 އޮކްޓޯބަރ 2023

މި ފަސް އަހަރުގެ ދައުރު އިގްތިސޯދުގައި އެންމެ ގޯސްކޮށް ހިނގި ކަމަކީ ކޮބައިތޯ ރާއްޖޭގެ އިގްތިސާދު ދިރާސާ ކުރައްވާ ބޭފުޅުން ކައިރީގައި އަހައިފި ނަމަ، ދެއްވާނެ އެއް ޖަވާބަކީ ފަސް އަހަރުގެ ތެރޭގައި ވެސް ޑޮލަރުގެ މައްސަލަ ހައްލު ނުކުރެވުނު ކަމެވެ. އެއީ ތެދެކެވެ. ބޭންކް ރޭޓުގައި ޑޮލަރު ލިބުނު ހަނދާނެއް ނެތެވެ. އޭގެ ބަދަލުގައި ޑޮލަރު ލިބެމުން އައީ، ކަނޑައަޅާފައި އޮތް އަގާ ވެސް ނުބައްދަލު އަގުތަކެއްގަ އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

މި ފަސް އަހަރުގެ ދައުރު އިގްތިސޯދުގައި އެންމެ ގޯސްކޮށް ހިނގި ކަމަކީ ކޮބައިތޯ ރާއްޖޭގެ އިގްތިސާދު ދިރާސާ ކުރައްވާ ބޭފުޅުން ކައިރީގައި އަހައިފި ނަމަ، ދެއްވާނެ އެއް ޖަވާބަކީ ފަސް އަހަރުގެ ތެރޭގައި ވެސް ޑޮލަރުގެ މައްސަލަ ހައްލު ނުކުރެވުނު ކަމެވެ. އެއީ ތެދެކެވެ. ބޭންކް ރޭޓުގައި ޑޮލަރު ލިބުނު ހަނދާނެއް ނެތެވެ. އޭގެ ބަދަލުގައި ޑޮލަރު ލިބެމުން އައީ، ކަނޑައަޅާފައި އޮތް އަގާ ވެސް ނުބައްދަލު އަގުތަކެއްގަ އެވެ.

މިދިޔަ ސްކޫލު ބަންދުގައި ޑޮލަރުގެ އަގު ހުރީ 18،20-18.25ރ. ގަ އެވެ. މިއީ އެތައް ބަޔަކަށް ހައިރާންކަން ގެނުވި އަގެކެވެ.

ޑޮލަރުގެ ރަސްމީ ރޭޓަކީ 15.42ރ. ވިޔަސް ފަހުގެ ތާރީހެއްގައި 17ރ. އަށް ވުރެ ތިރިން ޑޮލަރެއްގައި އަތެއްނުލެވޭތާ އެތައް އަހަރެއްވީ އެވެ. ސްކޫލް ބަންދާއި ހައްޖު މޫސުން ކަހަލަ ދުވަސްވަރު ދިވެހިން ޖެހެނީ ޑޮލަރު ފަހާ ދުވާށެވެ.

އެކަމަކު، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވެސް އަދި އެމްއެމްއޭ އިން ވެސް ގަބޫލުކުރާ ކަމަކީ ޑޮލަރު ހޯދަން ދިވެހިން ދުވާނަމަ އެއީ ގޯހެއް ކަމެވެ. ސަބަބަކީ، ރާއްޖެ އަށް ބޭނުންވާ ވަރަށް ރާއްޖެ އަށް ޑޮލަރު ވަންނާތީ އެވެ. މައްސަލަ އަކީ، ދިވެހިންގެ އަތު ނުޖެހި ޑޮލަރުކޮޅު ރާއްޖެ އިން ބޭރުވުމެވެ. ހައްލު ހޯދަން ޖެހިފައިވާ، އަދި އެއްވެސް ސަރުކާރަކަށް ވެސް ކުރަން ނުކެރުނު ނުވަތަ ނުކުރެވުނު ކަމަކީ، އެ ޑޮލަރުކޮޅު ރާއްޖޭގައި ހިފެހެއްޓޭނެ މަގެއް ހޯދުމެވެ.

މި މައްސަލަ ދާއިމަށް ހައްލުކުރަން މަރުކަޒީ ބޭންކު، އެމްއެމްއޭ އިން އަތުކުރި އޮޅާލައިގެން މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ނުކުތެވެ. އިގްތިސާދުގައި ޑޮލަރު ހިފެހެއްޓުމާއި ޑޮލަރުގެ ޑިމާންޑް ދަށް ކުރުމަށް އެމްއެމްއޭ އިން މައިގަނޑު ފަސް ދާއިރާ އަކުން ފިޔަވަޅުތައް އަޅަން މަސައްކަތް ފެށި ކަން އެމްއެމްއޭގެ ޑެޕިޔުޓީ ގަވަރުނަރު އަހުމަދު އިމާދު އޭރު ހާމަކުރެއްވި އެވެ.

އެކަމަކު އެކަމެއް ވުޖޫދެއް ނުވި އެވެ. އެ ވާހަކަ ފަހަކުން ނުވެސް ދައްކަ އެވެ. ޑޮލަރުގެ މައްސަލައިގެ ވާހަކަ ދެން ދެކެވެން ފެށީ ރިޔާސީ އިންތިހާބުގެ ކެމްޕޭންގެ ތެރޭގަ އެވެ. ރިޔާސީ ރޭހަށް ނުކުތް ހުރިހާ ކެނޑިޑޭޓުން ވެސް ޑޮލަރުގެ ހައްލުތައް ވިދާޅުވެ ދެއްވި އެވެ. ރައީސް އިބްރާހިމް މުހަންމަދު ސޯލިހު ވިދާޅުވި ގޮތުގައި ޑޮލަރު ތިޔާގި ކުރަން ދެ ހައްލެއް އެބައޮތެވެ. އެއް ހައްލަކީ ރާއްޖެ ވަންނަ ޑޮލަރުގެ 30 ޕަސެންޓް ރާއްޖޭގައި ހިފެހެއްޓުމެވެ. އަނެއް ގޮތަކީ ރާއްޖޭގައި ކުރާ ހުރިހާ މުއާމަލާތެއް ދިވެހި ފައިސާ އިން ކުރުމެވެ. މިއީ، ކުރިން އެމްއެމްއޭ އިން ވެސް މިކަން ހައްލު ކުރަން އުޅުނު ގޮތެވެ.

"އޭރުން ޑޮލަރު ބޭނުންވާނީ ހަމައެކަނި ރާއްޖެ އިން ބޭރަށް ދާއިރު. ދެން އޮތް ގޮތަކީ ރާއްޖެ އަށް ވަންނަ ޑޮލަރުގެ ވަކި ޕަސެންޓެއް ރާއްޖޭގައި ހިފެހެއްޓުން،" ރައީސް ވިދާޅުވެފައި ވެ އެވެ.

ޑޮލަރުގެ ވިޔަފާރި ބްލެކްމާކެޓްގައި: ޑޮލަރު ހޯދަން ފަސޭހައެއް ނޫން، އެހާ އަގު ވެސް ބޮޑު -- ފައިލް ފޮޓޯ: މިހާރު

ޑޮލަރުގެ ވިޔަފާރި ބްލެކްމާކެޓްގައި: ޑޮލަރު ހޯދަން ފަސޭހައެއް ނޫން، އެހާ އަގު ވެސް ބޮޑު -- ފައިލް ފޮޓޯ: މިހާރު

މައްސަލަ ހައްލު ނުވަނީ އެކަން ކުރަން ބޭނުން ނުވާތީ!

ޑޮލަރުގެ ކަޅު ބާޒާރެއް އުފެދި، މައްސަލަ އަތުނުޖެހޭ ހިސާބަށް ގޮސްގެން މި އުޅެނީ ހަގީގަތުގައި ދާންޖެހިގެނެއް ނޫނެވެ.

"ޑޮލަރުގެ މައްސަލަ ހައްލު ނުކުރެވިގެން އުޅެނީ އެކަން ކުރަން ނުކެރޭތީ،" އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ) ގެ ކުރީގެ ހެޑް އަދި އިގްތިސާދާ ބެހޭ ގޮތުން އާންމުން ހޭލުންތެރި ކުރުވާ އާތިފް ޝަކޫރު، "މިހާރު"ގެ "މެދުސަފުހާ" އަށް ވިދާޅުވި އެވެ.

ޑޮލަރުގެ މައްސަލަ ފެށޭ ހިސާބު އެނގޭ ގޮތަށް، އެ މައްސަލަ ނިންމަންވީ ހިސާބު ވެސް އެންމެންނަށް އެނގެ އެވެ. އެމްއެމްއޭ އިން މީގެ ކުރިން ދީފައިވާ އިންޓަވިއުތަކުގައި މައްސަލައިގެ ހައްލު އޮތީ ކިޔައިދީފަ އެވެ. އެކި ރިޕޯޓްތަކުގައި ވެސް އެ ވާހަކަތައް އެބައޮތެވެ. ޑޮލަރުގެ މައްސަލަ އަކީ، ހަގީގަތުގައި ކުދިކުދި ބަދަލުތަކެއް ގެނެސްގެން ހައްލު ކުރެވިދާނެ ކަންކަމެވެ.

މައްސަލަ ހައްލުކުރަން މީގެ ކުރިން އެމްއެމްއޭ އިން އުޅުނު އިރު ވެސް، އާންމުން ދެއްކި އެއް ވާހަކަ އަކީ އެކަން ކުރަން ނުކުރޭނެ ވާހަކަ އެވެ. ސަބަބަކީ، ޑޮލަރުގެ މައްސަލަ ހައްލުކުރަން ކުރަން ޖެހޭ މައިގަނޑު މަސައްކަތްތައް ގުޅިފައި އޮތީ މަހުޖަނުންނާ ކަމަށް ވާތީ އެވެ. ރާއްޖެ އިން ބޭރަށް ޑޮލަރު ފޮނުވާ ޑޮލަރު ވަކި މުއްދަތެއް ވަންދެން ރާއްޖޭގައި ހިފައްޓަން ގާނޫނަކުން ކަނޑައަޅާ އިރަށް، ސަރުކާރު ޕްރެޝަރަށް ވެއްޓޭނެ އެވެ. އާހިރުގައި ޑޮލަރުގެ މައްސަލައިގައި ގާނޫނަށް ގެންނަން ޖެހޭ ބަދަލު ނުގެނައީ ވެސް މި ދެންނެވި ސަބަބު ކުރިމަތިވެގެން ކަމަށް ވެދާނެ އެވެ.

"މިހާރު"ގެ މެދު ސަފުހާ އަށް އާތިފު ވާހަކަ ދައްކަވަނީ -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

"މިހާރު"ގެ މެދު ސަފުހާ އަށް އާތިފު ވާހަކަ ދައްކަވަނީ -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

އާތިފު ވިދާޅުވި ގޮތުގައި، އެމްއެމްއޭ ވިޔަސް ނުވަތަ ފިނޭންސް މިނިސްޓްރީ ވިޔަސް، އިގުތިސޯދުގެ ތެރޭގައި ޑޮލަރު ހިފަހައްޓަންޖެހޭ ކަން އެ ތަންތަނުގެ އިސް ބޭފުޅުންނަށް ރަނގަޅަށް އެނގިވަޑައިގަންނަވަ އެވެ.

ކުރަން ބޭނުންވާ ނަމަ، މާލީ ގާނޫނުތަކުގެ ތެރެއިން ފިޔަވަޅުތައް އަޅައިގެން ވަރަށް "ފަސޭހައިން" މި މައްސަލަ ހައްލު ކުރެވޭނެ ކަމަށް އާތިފް ގަބޫލުކުރައްވަ އެވެ.

"[ޑޮލަރުގެ މައްސަލަ] ހައްލު ވާނީ ކެރުނު ދުވަހަކުން. ޑޮލަރު ހިއްޕަވައިގެން ތިއްބެވި ބޮޑެތި ފުންނާބު އުސް ބޭފުޅުންގެ ނުރުހުމުގެ ލޯ އަމާޒު ކުރަން ނުކެރޭނެ ސަރުކާރަކަށް،" އޭނާ ވިދާޅުވި އެވެ.

މި ސަރުކާރު ވެސް މަހުޖަނުންގެ ދަށުވީ؟

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ޑޮލަރުގެ ތާށިކަން ދުއްވާލި އެވެ. ކަޅު ބާޒާރުން ޑޮލަރު ގަންނަން ނުޖެހޭ ވަރަށް އެ ބާޒާރުގެ ބާރު ކަނޑުވާލި އެވެ. އެކަމަކު، މި ސަރުކާރު އައިސް، ދުވަސްތަކެއް ނުވެ ޑޮލަރުގެ އަގު އަނެއްކާ ވެސް އުފުލެން ފެށި އެވެ. އެކަމަކު، އެ މައްސަލަ ހައްލު ކުރުމަކީ މި ސަރުކާރުން ވެސް އަބަދުވެސް ނިޔަތް ގަނެގެން އޮތް ކަމެކެވެ.

ނަމަވެސް، މި ސަރުކާރުގެ އަމާޒަށް ވާސިލު ނުވެވުނީ، ރާއްޖެ އަށް ވަންނަ ޑޮލަރުގެ ކޮންޓްރޯލް އޮތް މަހުޖަނުންގެ ނުފޫޒުން ކަމަށް ގަބޫލުކުރައްވަން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ދެކޮޅު ހެއްދެވި އެވެ.

އެކަމަކު "މިހާރު"ގެ "މެދުސަފުހާ" އަށް އޭނާ ވިދާޅުވި ގޮތުގައި އޭރު އެމްއެމްއޭގެ ޕްލޭނާ ވެސް އެއްގޮތަށް، ރާއްޖޭގެ އިގުތިސާދު ޑީ-ޑޮލަރައިޒް ކުރަން 2021 ވަނަ އަހަރުގެ ތެރޭގައި ސަރުކާރަށް ފުރުސަތު ލިބުނެވެ.

ޕަބްލިކް ވެސް ވަރަށް ބޮޑަށް ބޭނުންވެ، ޑީ ޑޮލަރައިޒޭޝަނަށް ދާން ފުރުސަތު ލިބުނު. އައިއެމްއެފްގެ ބޭފުޅުންނާއި އިކޮނޮމިކް ކައުންސިލާއި އެމްއެމްއޭ ވެސް އެކަމަށް ވަރަށް ބޮޑަށް އޮންބޯޑުވެފަ ތިބީ. އެކަމަކު އެއް ފަހަރާ ހުރިހާ ކަމެއް ކުރުމަކީ އެހާ ރަނގަޅު ގޮތެއް ކަމަށް އަޅުގަނޑުމެންނަށް ނުފެނީ -- އަމީރު

"ޕަބްލިކް ވެސް ވަރަށް ބޮޑަށް ބޭނުންވެ، ޑީ ޑޮލަރައިޒޭޝަނަށް ދާން ފުރުސަތު ލިބުނު. އައިއެމްއެފްގެ ބޭފުޅުންނާއި އިކޮނޮމިކް ކައުންސިލާއި އެމްއެމްއޭ ވެސް އެކަމަށް ވަރަށް ބޮޑަށް އޮންބޯޑުވެފަ ތިބީ،" އަމީރު ވިދާޅުވި އެވެ.

އެކަމަކު ޑޮލަރު ހައްލު ކުރަން އުޅެނިކޮށް މި ސަރުކާރަށް ދިމާވީ ޑޮލަރާ ގުޅޭ ވަރަށް ބަދު ނަސީބު ދެ ހާލަތެކެވެ؛ އެއީ ކޮވިޑާއި ރަޝިޔާ- ޔޫކްރެއިން ހަނގުރާމަ އެވެ. ކޮވިޑުގެ ދަތިކަމުން އަރައިގަނެވެނު ތަނުން، ރަޝިއާ-ޔޫކްރޭނު ހަނގުރާމަ ފެށުމުން އިގުތިސޯދާ އެކު ޑޮލަރުގެ ހައްލުތައް ވެސް ފަހަތަށް ސޮއްސައިލި ކަން އަމީރު ފާހަގަކުރެއްވި އެވެ.

މަނީ އެކްސްޗޭންޖުތަކެއް: މީގެ ގިނަ ތަންތަން ވެސް ކޮންޓްރޯލު ކުރަނީ ބިދޭސީން -- ފޮޓޯ: ނިޝާން އަލީ/ މިހާރު

މަނީ އެކްސްޗޭންޖުތަކެއް: މީގެ ގިނަ ތަންތަން ވެސް ކޮންޓްރޯލު ކުރަނީ ބިދޭސީން -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ އަގު އިންތިހާއަށް އުފުލި، މިނިސްޓަރު ވިދާޅުވީ ރާއްޖޭން އެތެރެކުރާ ތެލުގެ ބިލު އެތައް ގުނައެއް އިތުރުވެގެން ދިޔަ ކަމަށެވެ. އިތުރުވި މިންވަރު ތަފްސީލުކޮށް ދެއްވަމުން އޭނާ ވިދާޅުވި ގޮތުގައި 2020 ވަނަ އަހަރު ގާތްގަނޑަކަށް މަހަކު 22 މިލިއަން ޑޮލަރު ދައްކަމުން އައި ތެޔޮ ބިލު 2022 ގައި 70 މިލިއަން ޑޮލަރަށް އުފުލުނެވެ.

"ދެން ވިސްނަވާ ދައުލަތުގެ ރިޒާވަށް އަންނާނެ ޕްރެޝަރު،" އަމީރު ވިދާޅުވި އެވެ.

އެކަން ފޫބައްދަން، ދައުލަތުގެ އާމްދަނީ އިތުރުކުރަން މަޖުބޫރުވެ، މި އަހަރު ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރީ، އޭނާ ވިދާޅުވި ގޮތުގައި ޑޮލަރުގެ ހައްލުތައް އެއްފަރާތްކޮށްލައިފަ އެވެ.

"އެއް ފަހަރާ ހުރިހާ ކަމެއް ކުރުމަކީ އެހާ ރަނގަޅު ގޮތެއް ކަމަށް އަޅުގަނޑުމެންނަށް ނުފެނީ،" ޓީޖީއެސްޓީ ބޮޑުކުރުމުގެ މައްޗަށް ޑޮލަރު ހިފެހެއްޓުމުގެ ފިޔަވަޅުތައް ނޭޅި ސަބަބު ސާފުކޮށް ދެއްވަމުން އަމީރު ވިދާޅުވި އެވެ.

ޕީޕީއެމްގެ ސަރުކާރާ ހިލާފަށް އެމްޑީޕީގެ ދެ ސަރުކާރުގައި ވެސް ޑޮލަރު ލިބުން ތާށިވެގެން ދިޔަ ކަމަށް ބުނާ ވާހަކަތަކަށް ވަޒީރު ރައްދު ދެއްވީ ކުރިމަތިވި ކާރިސާތަކުންނެވެ. އަމީރު ވިދާޅުވި ގޮތުގައި ފަހުގެ ތާރީހެއްގައި ދުނިޔެއަށް ކުރިމަތިވި އެންމެ ބޮޑު މާލީ ކާރިސާ 2008 ގައި އަދި 2020 ގައި މުޅި ދުނިޔެ ބަންދުކޮށްލި ކޮވިޑުގެ ބަލި މަޑުކަން ލައްވައިލީ އެމްޑީޕީ ވެރިކަމުގައި އޮއްވަ އެވެ. އެ ގޮންޖެހުންތައް ގިރާ ކުރަން، އެމްޑީޕީން ބޭނުންވި އިގުތިސޯދީ އަދި މާލީ ޕްލޭންތައް ފުރިހަމައަށް ތަންފީޒު ނުކުރެވުނު ކަން އޭނާ ފާހަގަކުރެއްވި އެވެ.

"ދެވަނަ ދައުރެއްގައި އެންމެ ބޮޑަށް އެ މަސައްކަތް [ޑޮލަރުގެ މައްސަލަ] ކުރަން ވިސްނައިގެން ތިބީ،" ވާދަވެރިންގެ މަލާމަތް ރައްދު ވިޔަސް، މި ސަރުކާރަށް އެއް ދައުރު ވެސް ރަނގަޅަށް ނުލިބޭ ކަން ފާހަގަކުރައްވައި އަމީރު ވިދާޅުވި އެވެ.

އާ ސަރުކާރަށް މިކަން ހައްލުވާނެތަ؟

ޑޮލަރުގެ މައްސަލަ ހައްލު ނުވީ، ކޮވިޑާއި ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ކަމަށް މިހާރު އޮތް ސަރުކާރުން ބުންޏަސް، އަދި އެއީ ހަގީގަތެއް ކަމަށް ވިޔަސް ނުވިޔަސް، އެކަން ދެން ހައްލު ކުރަން ޖެހޭނީ އާ ސަރުކާރުންނެވެ.

"އެންމެ ކަމެއް ހައްލުކޮށްގެން ޑޮލަރުގެ މައްސަލަ ހައްލުވާކަށް ނެތް،" އިންތިހާބީ ރައީސް، ޑރ. މުހަންމަދު މުއިއްޒު، "މިހާރު"ގެ "މެދުސަފުހާ" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި އެވެ.

"މިހާރު"ގެ މެދުސަފުހާ އަށް ޑރ. މުއިއްޒު ވާހަކަދައްކަވަނީ -- ފޮޓޯ: މިހާރު

"މިހާރު"ގެ މެދުސަފުހާ އަށް ޑރ. މުއިއްޒު ވާހަކަދައްކަވަނީ -- ފޮޓޯ: މިހާރު

މުއިއްޒު ވިދާޅުވި ގޮތުގައި ޑޮލަރުގެ މައްސަލަ ފާލުން ނެއްޓީ، ޒަމާނުއްސުރެ ޑޮލަރުގެ ވިޔަފާރި ރެގިއުލޭޓު ނުކުރެވުމުގެ މައްޗަށް އެތައް ގުނައަކުން ފައިސާ ޗާޕުކުރުން އިތުރުވެ، ދިވެހި ރުފިޔާގެ އަގު ވެއްޓުމުންނެވެ.

"ޕްރައިވެޓް ސެކްޓާ ބޭނުންވާ ގޮތަކަށް ދޫކޮށްލާފައި އޮތީމަ ބޮއްސުންލާފައި އެ އޮތީ،" ވަރަށް ނުގަވާއިދުން ޑޮލަރުގެ ވިޔަފާރި ކުރެވޭ ކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވި އެވެ.

"އެންމެ ކަމެއް ހައްލުކޮށްގެން ޑޮލަރުގެ މައްސަލަ ހައްލުވާކަށް ނެތް... ޕްރައިވެޓް ސެކްޓާ ބޭނުންވާ ގޮތަކަށް ދޫކޮށްލާފައި އޮތީމަ ބޮއްސުންލާފައި އެ އޮތީ -- މުއިއްޒު

އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ވެލާނާ އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް އަވަސްކޮށް، ޓޫރިސްޓުން ގެނެވޭ ވަރު އިތުރުކޮށްގެން އާމްދަނީ އިތުރު ކުރުމާއި، އިގުތިސޯދުގެ ތެރޭގައި ޑޮލަރު ހިފަހައްޓައި، ދައުލަތުގެ ރިޒާވްގައި ޑޮލަރު ބެހެއްޓުން ފަދަ ގިނަ ކަންކަން ހުރީ ޑޮލަރުގެ މައްސަލަ އާ ގުޅިފަ އެވެ.

"ގުޅިލާމެހިފަ ހުންނަ ކަންކަން މިއީ. ވަކި ތާރީހެއް ދީފަ މި ވެނި ދުވަހެއްގައި މި ވެނި ރޭޓަކަށް ތިރި ކުރާނަމޭ ބުނުމަކީ ޕްރެކްޓިކަލް ކަމެއް ނޫން،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރާއްޖޭގެ އިގުތިސޯދު ވަރަށް ނާޒުކު ފައްތަރެއްގައި އޮތް ދަނޑިވަޅެއްގައި މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަންނަވާ އިރު، 2026 ގައި އަރާ ހަމަކުރަން އޮތް ގާތްގަނޑަކަށް އެއް ބިލިއަން ޑޮލަރުގެ ދަރަނި ދެއްކުމަށް ވެސް ވިސްނުންތަކެއް ވަނީ ނެރެންޖެހިފަ އެވެ. އެއީ ވެސް ޑޮލަރުގެ ޕޭމަންޓްތަކެކެވެ.

އިގުތިސޯދު ނަގައި، އަލުން ކޮޅަށް ޖެހުމުގެ މަސައްކަތުގެ ތެރެއިން ރާއްޖެއަށް ވަންނަ އާމްދަނީ އިތުރުކޮށް، ބޭކާރު ހަރަދުތައް ކުޑަކުރުމާ އެކު ފައިސާ ޗާޕު ކުރުން ހުއްޓައިލުމުން ވެސް ޑޮލަރުގެ މައްސަލައަށް ހެޔޮ އަސަރެއް ކުރާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އަދި ދައުލަތުގެ ރިޒާވް ޑޮލަރު ފަންޑަކަށް ބަދަލުކޮށް، އެކަމަށް ގާނޫނީ ހައިސިއްޔަތު ދިނުމަކީ މުއިއްޒު ގެންގުޅުއްވާ އެއް ވިސްނުންފުޅެވެ. އެ ފިޔަވަޅުތަކާ އެކު، ޑޮލަރުގެ ރޭޓު އަތްފޯރާ ފަށަށް އޮޓޮމެޓިކުން ތިރިވާނެ ކަމަށް އެ މަނިކުފާނު ޔަގީން ކުރައްވަ އެވެ.

ރާއްޖެ އަކީ މުޅި އުފެއްދުންތެރިކަން ތެލަށް ބަރޯސާ ވެފައިވާ، އަދި ކާބޯތަކެއްޗާއި އެހެނިހެން ހުރިހާ ސާމާނެއް ވެސް އިމްޕޯޓަށް ބަރޯސާ ވެފައިވާ ގައުމެކެވެ. ޑޮލަރުގެ އަގަކީ ރާއްޖޭގެ އިގްތިސާދުގެ އެންމެ މުހިންމު އެކައްޗެވެ. އެ ގަންނަން ލިބޭ ވަރު ބޮޑުވާ ނަމަ، ކޮންމެ މުދަލެއްގެ އަގު، އަދި ކޮންމެ ހިދުމަތެއްގެ އަގު އެބަ ބޮޑުވެ އެވެ. ހަމައެއާ އެކު، ދައުލަތުން ކުރަން ޖެހޭ ހަރަދުތައް ވެސް އިންތިހާ އަށް އެބަ ބޮޑުވެ އެވެ. ޑޮލަރުގެ މައްސަލަ އަށް އަވަސް ހައްލެއް ބޭނުން ވަނީ ވެސް އެހެންވެ އެވެ.

އެ އިމްތިހާން އޮތީ އާ ސަރުކާރަށެވެ!