Roadha Mihaaru
ކަޅުބާޒާރުގައި ޑޮލަރުގެ އަގު ބޮޑުތަނުން ވެއްޓިއްޖެ

ކަޅުބާޒާރުގައި ޑޮލަރުގެ އަގު ބޮޑުތަނުން ވެއްޓިއްޖެ

04 އެޕްރީލް 2022

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު، އެނގުންވާ ވަރުގެ އަދަދަކުން ވެއްޓި، ޑޮލަރު ވަރަށް ބޮދަށް ތިޔާގިވެއްޖެ ކަމަށް ބައެއް ވިޔަފާރިވެރިން ބުނެފި އެވެެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު، އެނގުންވާ ވަރުގެ އަދަދަކުން ވެއްޓި، ޑޮލަރު ވަރަށް ބޮދަށް ތިޔާގިވެއްޖެ ކަމަށް ބައެއް ވިޔަފާރިވެރިން ބުނެފި އެވެެ.

ރޯދައިގެ ކުރިން 17.50- 17.70ރ، ގައި ހުރި ޑޮލަރުގެ އަގު މިއަދު ހުރީ 16.90ރ. އަށް ވެއްޓިފަ އެވެ. މިއީ، ފަހުގެ ތާރީހެއްގައި ކުއްލިއަކަށް އެހާ ބޮޑަށް ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ.

މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން މިދިޔަ މާޗް މަހުގެ ކުރީކޮޅާ ހަމައަށް ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުޅުނީ 17.90ރ. އާއި 17.60ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ. ނަމަވެސް މާޗް މަހުގެ ފަހު ހަފްތާއިން ފެށިގެން ޑޮލަރުގެ އަގު ވަނީ ވަރަށް ބޮޑަށް ދަށަށް ދާން ފަށައިފަ އެވެ.

ޑޮލަރު މާރުކުރާ ބައެއް ތަންތަނުން ޑޮލަރެެއް މިއަދު ގަންނަނީ 17ރ.ގެ ރޭޓުންނެވެ. އަނެއްބައި ތަންތަނުން 16.90ރ. އާއި 16.80ރ. އަށް ޑޮލަރު އަންނަނީ ގަންނަމުންނެވެ. އެކްސްޗޭންޖް ކުރާ ތަންތަނުން ޑޮލަރު ވިއްކަނީ 17.10ރ. އާއި 17ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ.

ޑޮލަރުގެ ވިޔަފާރި ކުރާ މީހަކު ބުނީ، އާންމު ގޮތެއްގައި ވެސް މަހުގެ ކުރީކޮޅު ޑޮލަރުގެ އަގު ދަށަށްދާ ކަމަށެވެ. އެހެން ނަމަވެސް މިފަހަރު އެހާ ބޮޑަށް ދަށްވެފައިވަނީ ބާޒާރުގައި ޑޮލަރު އިތުރުވުމުން ކަމަށެވެ. މީގެ އެއް ސަބަބަކީ މިނިމަމް ވޭޖާ ގުޅިގެން ރިސޯޓު މުވައްޒަފުންނަށް ލިބޭ މުސާރަތައް ރަނގަޅުވެ އެ މީހުންނަށް ލިބޭ ޑޮލަރުގެ އަދަދު އިތުރުވުމުން ކަމަށް އޭނާ ބުންޏެވެ.

"ބާޒާރުގައި މިހާރު ޑޮލަރު އަނެއްކާ ވެސް އެބަ ތިޔާގިވޭ. ކުރިއަށް އޮތްތަނުގައި ވެސް ޑޮލަރު އަގު ދަށަށް ދިއުމުގެ ފުރުސަތު އެބައޮތް،" އޭނާ ބުންޏެވެ.

ޑޮލަރުގެ އަގު ދަށަށް ގޮސްފައިވާ އިރު ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ އަދަދު ވެސް އަންނަނީ އިތުރުވަމުންނެވެ. މި އަހަރުގެ މިހާތަނަށް ރާއްޖެ އަށް ހަތަރު ލައްކަ އަށް އަރައިފަ އެވެ. އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް އަންނަ ޓޫރިސްޓުންގެ އަދަދު އުޅެނީ 5000 އާއި 6000 ދެމެދުގެ އަދަދެއްގަ އެވެ.

ކޮވިޑާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމް ހުއްޓިފައި އޮތުމުން 2020 ވަނަ އަހަރު ޑޮލަރު ލިބުން ވަރަށް ބޮޑަށް ތާށިވި އެވެ. މިދިޔަ އަހަރު ޑޮލަރުގެ އަގު 20ރ. އަށް ވެސް އެރި އެވެ.