Roadha Mihaaru
އިންތިގާލީ އިންސާފުގެ މައްސަލަތައް ހުށަހަޅަން ހުޅުވާލަނީ

އިންތިގާލީ އިންސާފުގެ އޮފީހަށް މައްސަލަ ހުށަހަޅަން މި މަހު 13ގައި ހުޅުވާލަނީ

08 ޖޫން 2021

އިންތިގާލީ އިންސާފުގެ މައްސަލަތައް ހުށަހެޅުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލައި، ބައެއް މައްސަލަތަކުގެ އަޑުއެހުންތައް އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށް އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އިންތިގާލީ އިންސާފުގެ މައްސަލަތައް ހުށަހެޅުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލައި، ބައެއް މައްސަލަތަކުގެ އަޑުއެހުންތައް އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށް އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުން މިއަދު ބުނެފި އެވެ.

އެ އޮފީހަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނީ މި މަހު 13 އިން ފެށިގެން އެއް މަސް ދުވަހުގެ ނިޔަލަށެވެ.

މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން އެ އޮފީހުގެ އިސްވެރިން ބޭއްވެވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ އެ އޮފީހުގެ މަސައްކަތް ފެށުނު ފަހުން މި ވީ ހަ މަސް ދުވަހުގެ ތެރޭގައި ކުރެވުނު ބައެއް ކަންކަމާއި ކުރިއަށް އޮތް ތަނުގައި ކުރަން ރާވަމުން އަންނަ ބައެއް ކަންކަން މީޑިއާ އަށް ހިއްސާކޮށްފަ އެވެ.

އިންތިގާލީ އިންސާފުގެ ގާނޫނު ފާސްކުރީ ރާއްޖޭގައި އެންމެ ފަހުން އޮތް ފަސް ވެރިކަމެއްގައި ދިވެހިންނަށް ލިބުނު އަނިޔާތަކަށް އިންސާފު ހޯދައިދިނުމުގެ މަގުސަދުގަ އެވެ. މި އޮފީހަށް ހުށަހަޅާ ހުރިހާ މައްސަލަތައް ދެ އަހަރުގެ ތެރޭގައި ބަލައި ނިންމައި، އިންސާފު ހޯދައިދޭންޖެހެ އެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އޮމްބަޑްސްޕާސަން ޖިހާދާ އަނީސް ވިދާޅުވީ، އިންތިގާލީ އިންސާފުގެ އޮފީހުގެ މައިގަނޑު މަގުސަދަކީ ދައުލަތުގެ ނިޒާމާއި އިންސާނީ ހައްގުތަކާ ހިލާފަށް ރާއްޖޭގައި ހިންގާފައިވާ ކަންކަން ފާހަގަކޮށް އެކަން ކަމަށް އެޅެން ހުރި ފިޔަވަޅުތަކެއް އެޅުން ކަމަށެވެ.

"އަޅުގަނޑުމެން އެންމެ ފުރަތަމަ އިސްކަންދޭނީ މައްސަލަ ހުށަހަޅާ ފަރާތާއި މައްސަލަ ލިބޭ ފަރާތާ ވާހަކަދައްކައިގެން ސުލްހަ ކުރެވޭތޯ. އެކަން ނުކުރެވިއްޖެ ނަމަ ދެން ހުރި ފިޔަވަޅުތަކެއް އަޅަމުން ދާނީ،" ޖިހާދާ ވިދާޅުވި އެވެ.

މީހަކަށް ނުވަތަ ބަޔަކަށް ލިބިފައިވާ އަނިޔާތަކަށް ގާނޫނީ އިމުގެ ތެރެއިން އިންސާފު ހޯދައިދިނުމާއި އަނިޔާގެ ބަދަލު ހޯދައިދިނުމާއި ހައްގުތަކެއް ގެއްލިފައިވާ ނަމަ އެ ހައްގުތައް އަލުން ކަށަވަރުކޮށްދިނުމާއި މިފަދަ ކަމެއްގައި ޝާމިލުވާ ދައުލަތުގެ މުއައްސަސާތަކެއްވާ ނަމަ، އެ ތަންތަނުގައި ހުރި ކަންކަން އިސްލާހުކުރުމަށް ވެސް މަސައްކަތް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިންތިގާލީ އިންސާފަށް މީހުން ހޭލުންތެރިކުރުވުމަށް އެ އޮފީހުން އަންނަނީ ޚާއްސަ ކެމްޕެއިނެއް ވެސް ފެށުމަށް ތައްޔާރުވަމުންނެވެ. އަދި މަސައްކަތް ރަނގަޅު އިންތިޒާމެއްގެ ތެރެއިން ކުރިއަށް ގެންދިއުމަށް ވެސް ތަފާތު ކަންކަން ވަނީ ރާވައިފަ އެވެ.

އެގޮތުން މާޒީގައި މީހުންނާ މެދު ނާއިންސާފުން ހިނގާފައި ހުރި ބައެއް ކަންކަން ވީހާ ވެސް ގިނަ ބަޔަކަށް އަންގައިދިނުމުގެ މަގުސަދުގައި އަނިޔާ ލިބުނު މީހާގެ ވާހަކަތައް އެންމެނަށް ކިޔަވައިދެވޭނެ ގޮތް ހެދުމަށްޓަކައި ބައެއް އަޑުއެހުންތައް އާންމުކޮށް ހުޅުވާލައިގެން ވެސް ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ.

އާންމުން ހޭލުންތެރިކުރުމުގެ ކެމްޕެއިން ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށެވެ.

އިންތިގާލީ އިންސާފުގެ ގާނޫނު މަޖިލީހަށް ފުރަތަމަ ހުށައެޅިއިރު އޮތީ 2012 އިން، 2018ގެ ނިޔަލަށް، ގާނޫނާ ހިލާފަށް މީހުންނާ ދެކޮޅަށް ހިންގާފައިވާ އަނިޔާތައް ބަލައި، އިންސާފު ހޯދައިދިނުމެވެ. އެކަމަކު އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލިހުން ނޮވެމްބަރު 29، 2020ގައި ގާނޫނު ފާސްކުރީ އެއަށް ވުރެ މާ ފުޅާކޮށް، 65 އަހަރުގެ މުއްދަތެއް ހިމަނައިގެންނެވެ.

މިހާ ފުޅާކޮށް، ގާނޫނުން ފުރުސަތު ލިބުމުގެ މާނައަކީ، ފުރަތަމަ ރައީސް މުހައްމަދު އަމީނާއި ރައީސް އިބްރާހިމް ނާސިރާއި ރައީސް މައުމޫން އަބްދުލްގައްޔޫމާއި ރައީސް މުހައްމަދު ނަޝީދާއި ރައީސް މުހައްމަދު ވަހީދު އަދި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް، ނިޒާމީ ގޮތެއްގައި ރޭވިގެން، އިންސާނީ ހައްގުތައް ގެއްލޭ ގޮތަށް މީހަކަށް އަނިޔާއެއް ލިބިފައިވާ ނަމަ އެ އަނިޔާތަކަށް އިންސާފު ހޯދައިދިނުމުގެ ޒިންމާ، އޮމްބަޑްސްމަނުންގެ ބޮލުގައި އެޅުމެވެ.