Roadha Mihaaru
ވިލިމާލޭގައި ބެޓެރީ ކާރު ދުއްވާނެ ބަޔަކު ހޯދަނީ

ވިލިމާލޭގައި ބެޓެރި ކާރުގެ ހިދުމަތް ދޭނެ ބަޔަކު ބަޔަކު ހޯދަނީ

06 ޑިސެމްބަރ 2021

ވިލިމާލޭގައި އިލެކްޓްރިކް ކާރު ނުވަތަ ބެޓެރި ކާރުގައި ޕަބްލިކް ޓްރާސްޕޯޓްގެ ހިދުމަތް ދޭނެ ބަޔަކު ހޯދަން މާލޭ ސިޓީ ކައުންސިލުން މިއަދު އިއުލާނުކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ވިލިމާލޭގައި އިލެކްޓްރިކް ކާރު ނުވަތަ ބެޓެރި ކާރުގައި ޕަބްލިކް ޓްރާސްޕޯޓްގެ ހިދުމަތް ދޭނެ ބަޔަކު ހޯދަން މާލޭ ސިޓީ ކައުންސިލުން މިއަދު އިއުލާނުކޮށްފި އެވެ.

އެ ކައުންސިލުން ބޭނުންވަނީ ބެޓެރީ ކާރުގައި ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތް މާލޭގެ ފަސްވަނަ އަވަށުގައި 24 ގަޑިއިރު ދޭނެ ބައެކެވެ. އެ ކަމަށް ޝައުގުވެރިވާ ނަމަ، އަންނަ އާދިއްތަ ދުވަހުގެ ހެނދުނު 9:00 ގައި ކައުންސިލުގެ ޕްރޮކިއުމަންޓް ސެކްޝަންނަށް ދިއުމުން އެކަމާ ގުޅޭ މައުލޫމާތު ލިބޭނެ ކަމަށް ކައުންސިލްގެ އިއުލާނުގައި ވެ އެވެ.

މި ކަމަށް ޝައުގުވެރިވާ މީހުން ބީލަން ހުށަހަޅަންޖެހޭ ތާރީހަކީ މި މަހުގެ 20 ވަނަ ދުވަހެވެ. އެކަމަކު ބީލަން ހުށަހެޅޭނީ ދިވެހި ކުންފުނިތަކާއި ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމަންޓް، ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް އެކަނި ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

ބެޓެރި ބޭނުންކޮށްގެން ދުއްވާ އުޅަނދުތައް ފިޔަވައި އެހެން އުޅަނދުތައް ވިލިމާލޭގައި ދުއްވުމަކީ މަނާކަމެކެވެ. އެކަމަކު ވިލިމާލޭގައި ދިރިއުޅޭ މީހުންނަށް އިތުރު ފަސޭހަތައް ހޯދައިދިނުމަށް ޓެކްސީގެ ގޮތުގައި 10 ބެޓެރީ ކާރު ދުއްވަން ހުއްދަ ދޭން ކައުންސިލުން ފާސްކުރީ ވަރަށް ފަހުންނެވެ.

ބެޓެރީ ކާރުގެ އިތުރުން ޓެކްސީގެ ގޮތުގައި ވޭނަށް ވެސް ހުއްދަ ދޭން ވަނީ ނިންމައިފަ އެވެ.

އެ އަވަށުގައި ބެޓެރީ ކާރު ދުއްވައިދޭނެ ބަޔަކު ހޯދަން އިއުލާނު ކުރިއިރު، މާލޭ ސިޓީ ކައުންސިލުން ވަނީ ވިލިމާލޭގައި ދުއްވާ ބެޓެރީ އުޅަނދުތައް އެ ކައުންސިލުގައި ރަޖިސްޓަރީކުރަން ޖެހޭ ގޮތަށް ހަދައިފަ އެވެ. އެއީ އެ އަވަށުގައި ދުއްވާ ބެޓެރި ވެހިކަލްތަކުގެ އަދަދު އިތުރުވެ، ބެޓެރި ވެހިކަލްތަކުގެ ދަފްތަރެއް އެކުލަވައިލަން ކައުންސިލުން ބޭނުންވެގެންނެވެ.