Roadha Mihaaru
ވީޑިއޯ ލަވަތަކަށް ފަހު އަޒްހާންގެ ވެބް ސީރީޒެއް

ވީޑިއޯ ލަވަތަކަށް ފަހު އަޒްހާންގެ ވެބް ސީރީޒެއް

03 ނޮވެމްބަރ 2021

ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދި ވިިޑިއޯ ލަވަ "ހީލީމީ" ގެނެސްދިން ޑައިރެކްޓަރު އަޒްހާން އިބްރާމް ބެލުންތެރިންނަށް ވެބް ސީރީޒެއް ގެނެސްދޭން ތައްޔާރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދި ވިިޑިއޯ ލަވަ "ހީލީމީ" ގެނެސްދިން ޑައިރެކްޓަރު އަޒްހާން އިބްރާމް ބެލުންތެރިންނަށް ވެބް ސީރީޒެއް ގެނެސްދޭން ތައްޔާރުވެއްޖެ އެވެ.

އޭނާ ލިޔެ، ޑައިރެކްޓްކޮށްފައިވާ "ދަރަކަ" ކިޔާ 8 އެޕިސޯޑްގެ މި ސީރީޒަކީ މި ފަހުން ޝައުގުވެރި ގިނަ އުފެއްދުންތަކެއް ނެރެމުން އަންނަ އިލްޔާސް ވަހީދު (އިއްލެ) ގެ އައި ފިލްމްސް އާއި އާސިމް އަލީގެ ކަޒްމިކް އިންޓަނޭޝަނަލް ގުޅިގެން ގެނެސްދޭ ކްރައިމް ތުރިލާ ޖޯންރާގެ އެއްޗެކެވެ.

"ދަރަކަ" ގެ ޝޫޓިން ވެސް ނިންމައި މީގެ ޓީޒާއެއް ވެސް އާންމުކުރި ނަމަވެސް ކާސްޓުންނަކީ ކޮބައި ކަމެއް އަދި ހާމައެއް ނުކުރެ އެވެ. އިއްލެ ބުނި ގޮތުގައި ވަރަށް އަވަހަށް ސީރީޒްގެ ކާސްޓުންނަކީ ކޮބައިކަން ހާމަ ކުރާނެ އެވެ.

"ދަރަކަ" ވަރަށް އަވަހަށް ގެނެސްދޭން މަސައްކަތް ކުރަމުން އަންނަ އިރު، އެ ސްޓްރީމްކުރަން ޝައުގުވެރިވާނެ ޕްލެޓްފޯމެއް ހޯދަން ވެސް މިހާރު ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ.

މި ސީރީޒާ އެކު އަޒްހާންގެ ބޮޑު މަސައްކަތެއް ގެނެސްދޭ އިރު އޭނާ ޑައިރެކްޓްކުރި ވީޑިއޯ ލަވަތަކުގެ ތެރޭގައި 2016 ގެ "ހީލީމާ" އިތުރުން އޭގެ އިތުރު ވާޝަނެއްގެ ގޮތުގައި 2018 ގައި ގެނެސްދިން "ހީލީމާ އެގެއިން" ހިމެނެ އެވެ. އަދި "މޯލްޑިވިއަން އައިޑޮލް" ގެ ފުރަތަމަ ސީޒަން ކާމިޔާބުކުރި ލައިޝާ ޖުނައިދުގެ ފުރަތަމަ ވީޑިއޯ ލަވަ "ހޯދޭތޯ މަންޒިލެއް" އަކީ ވެސް އަޒްހާންގެ ޑައިރެކްޝަނެވެ.

އައި ފިލްމްސް އާއި ކަޒްމިކާ ގުޅިގެން އޭނާގެ އަލަތު ވެބް ސީރީޒް ގެނެސްދޭ އިރު، އެ ދެ ސްޓޫޑިއޯ ގުޅިގެން މި ފަހުން ގެނެސްދިން އުފެއްދުންތަކުގެ ތެރޭގައި "މަޒުލޫމް" އާއި އޭނާގެ ދެވަނަ ޗެޕްޓަރު "ޒައްރޫކް" ހިމެނެ އެވެ. އަދި މިހާރު އަންނަނީ އޭގެ ތިން ވަނަ ޗެޕްޓަރު "މިންޖު" ގެނެސްދޭން ތައްޔާރު ވަމުންނެވެ.

މީގައި ހިއްސާވާ އިއްލެ އަކީ 2019 ގައި ރިލީޒްކޮށް ބެލުންތެރިންގެ ވަރަށް ބޮޑު ތަރުހީބެއް ލިބުނު ކާމިޔާބު ފިލްމު "ބަވަތި" ގެ ޑައިރެކްޓަރެވެ.