Roadha Mihaaru
ނަބީހާ، ނަބާހާ އަށް ވިސާ ނުލިބުނީ ވަގުތު ނެތުމުން

ނަބީހާ އާއި ނަބާހާ އަށް ވިސާ ނުލިބުނީ ވަގުތު ނެތުމުން

14 ޑިސެމްބަރ 2021

ސްޕެއިންގައި ބާއްވާ ބެޑްމިންޓަން ވޯލްޑް ޗެމްޕިއަންޝިޕަށް ދާން ފާތިމަތު ނަބާހާ އާއި އައިމިނަތު ނަބީހާ އަށް ވިސާ ނުލިބުނީ ވިސާ ހޯދަން އެކަށީގެންވާ ވަގުތު ނެތުމުންކަން "މިހާރަ"ށް އެނގިއްޖެ އެވެ.

ސްޕެއިންގައި ބާއްވާ ބެޑްމިންޓަން ވޯލްޑް ޗެމްޕިއަންޝިޕަށް ދާން ފާތިމަތު ނަބާހާ އާއި އައިމިނަތު ނަބީހާ އަށް ވިސާ ނުލިބުނީ ވިސާ ހޯދަން އެކަށީގެންވާ ވަގުތު ނެތުމުންކަން "މިހާރަ"ށް އެނގިއްޖެ އެވެ.

މި މަހު ޕޯޗްގަލްގައި ބޭއްވި ވޯލްޑް ޖޫނިއާ ޗެމްޕިއަންޝިޕަށް ދާން، ރާއްޖޭގެ ފާތިމަތު ދީމާ އަލީ ވެސް ވިސާ ހޯދަން ދެ ހަފުތާ ވަންދެން މަޑުކުރަން ޖެހުނެވެ.

މިދިޔަ އާދިއްތަ ދުވަހު ފެށި ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަކުރުމަށް ނަބާހާ އާއި ނަބީހާ އަށް ޖާގަ ދިންކަން ދުނިޔޭގެ ބެޑްމިންޓަން ފެޑެރޭޝަން (ޑަބްލިއުބީއެފް) އިން އެންގީ ވެސް މި މަހުގެ ކުރީކޮޅުގަ އެވެ. އޭރު އެ ދެ ކުޅުންތެރިން ތިބީ ބަންގްލަދޭޝް އިންޓަނޭޝަނަލް ސީރީޒްގައި ވާދަކުރަން އެ ގައުމުގަ އެވެ. އެ މުބާރާތުން ބްރޯންޒް މެޑަލް އެ ދެ ކުޅުންތެރިން ހޯދި އެވެ.

ބެޑްމިންޓަން އެސޯސިއޭޝަނުން ވެސް ވަނީ ނަބީހާ އާއި ނަބާހާ އަށް ވިސާ ހޯދުމަށް މަސައްކަތްކޮށްފަ އެވެ. ވަކި ހިސާބަކުން ރާއްޖޭގެ ފޮރިން މިނިސްޓްރީން ވެސް އެކަމުގެ ތެރެއަށް ވަދެ، އިންޑިއާގެ ނިއު ދިއްލީގައި ހުންނަ ސްޕެއިންގެ އެމްބަސީ މެދުވެރިކޮށް މަސައްކަތްކުރި އެވެ. އޭގެ އިތުރުން ލަންކާގައި ހުންނަ ފްރާންސް އެމްބަސީ މެދުވެރިކޮށް ޝެންގިން ވިސާ އަށް ފޮރިން މިނިސްޓްރީން މަސައްކަތްކުރި އެވެ. ޕޯޗްގަލްގައި ބޭއްވި ޓީޓީގެ ޖޫނިއާ ޗެމްޕިއަންޝިޕަށް ދީމާ ވެސް ދަތުރުކުރީ ފްރާންސް އެމްބަސީން ޝެންގިން ވިސާ ޖަހައިގެންނެވެ.

ދުނިޔޭގެ 50 ގައުމުން ކުޅުންތެރިން ވާދަކުރާ މުބާރާތުގައި ނަބާހާ އާއި އޭނާގެ ދައްތަ ނަބީހާ ވާދަކުރަން ހަމަޖެހިފައި އޮތީ އެލިމިނޭޝަން ރައުންޑުގަ އެވެ. އެ ރައުންޑްގައި ނަބާހާ އާއި ނަބީހާގެ ޕެއާ ކުޅޭގޮތަށް އޮތީ ރަޝިއާގެ އަލީނާ ޑަވެލްޓޮވާ އާއި އިކަޓެރީނާ މަލްކޮވާއާ ދެކޮޅަށެވެ. އެ ދެ ކުޅުންތެރިންނަކީ ވޯލްޑް ޗެމްޕިއަންޝިޕަށް ރާއްޖޭގެ ބެޑްމިންޓަން ޕެއާއަކަށް ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ. މުބާރާތް ނިމެނީ އަންނަ އާދިއްތަ ދުވަހު އެވެ.