Roadha Mihaaru
ސަލްމާނާއި ކެޓްރީނާ "ޓައިގާ 3" އަށް ރަޝިއާގައި

ސަލްމާނާއި ކެޓްރީނާ "ޓައިގާ 3" އަށް ރަޝިއާގައި

22 އޯގަސްޓް 2021

އަންނަ އަހަރު ހިންދީ ސިނަމާ އަށް އަންނާނެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ، ސަލްމާން ޚާނާއި ކެޓްރީނާ ކައިފްގެ "ޓައިގާ" ސީރީޒްގެ ތިން ވަނަ ފިލްމުގެ ޝޫޓިން ރަޝިއާގައި ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަންނަ އަހަރު ހިންދީ ސިނަމާ އަށް އަންނާނެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ، ސަލްމާން ޚާނާއި ކެޓްރީނާ ކައިފްގެ "ޓައިގާ" ސީރީޒްގެ ތިން ވަނަ ފިލްމުގެ ޝޫޓިން ރަޝިއާގައި ފަށައިފި އެވެ.

ދެ ތަރިންނާއި ފިލްމުގެ ކާސްޓާއި ކްރޫ އެ ގައުމަށް ފުރީ ބުރާސްފަތި ދުވަހުގެ ރޭގަ އެވެ. މި ވަގުތު އެސްޓީ ޕީޓާސްބާގްގައި "ޓައިގާ 3" ގެ ޝޫޓިން ކުރިއަށްދާ އިރު، ފިލްމުގެ ވިލަންގެ ރޯލު ކުޅޭ އިމްރާން ހާޝިމީ ވެސް މި ހަފުތާގެ ތެރޭގައި ކްރޫއާ ގުޅޭނެ އެވެ.

އޭނާ ވަނީ މި ފިލްމަށްޓަކައި ހަށިގަނޑު ވެސް ވަރަށް ބޮޑަށް ވަރުގަދަކޮށްފަ އެވެ. ރަޝިއާގައި ޝޫޓްކުރާ މަންޒަރުތަކުގެ ތެެރޭގައި ގިނަ އަދަދެއްގެ ވަރުގަދަ އެކްޝަން މަންޒަރުތަކެއް ހިމެނޭ އިރު، ސަލްމާނާއި އިމްރާންގެ ބޮޑެތި ކުރިމަތިލުންތަކެއް ވެސް ފިލްމުން ފެންނާނެ އެވެ.

އަދިތިޔާ ޗޯޕްޅާގެ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ "ޓައިގާ 3" ގެ ޑައިރެކްޓަކީ އެ ސްޓޫޑިއޯގެ "ފޭން" އާއި "ބޭންޑް ބާޖާ ބާރާތު" ގެ ޑައިރެކްޓަރު މަނީޝް ޝަރުމާ އެވެ. މިއީ އެކްޝަން ފިލްމެއް އޭނާ ޑައިރެކްޓްކުރާ ފުރަތަމަ ފަހަރެވެ.

"ޓައިގާ 3" ގެ ޝޫޓިން މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ފަށައި، ގިނަ މަންޒަރުތަކެއް ކުރިން ވަނީ މުމްބާއީގައި ޝޫޓްކޮށްފަ އެވެ. މި ފިލްމުގެ ހާއްސަ ފެނިލުމަކުން ޝާހްރުކް ޚާން ވެސް ފެންނާނެ އެވެ.

"ޓައިގާ" ސީރީޒްގެ ފުރަތަމަ ފިލްމު "އޭކް ތަ ޓައިގާ" ސަލްމާނާއި ކެޓްރީނާއާ އެކު 2012 ގައި ގެނެސްދިނީ ޑައިރެކްޓަރު ކަބީރް ޚާނެވެ. އަދި އެ ދެ ތަރިންނާ އެކު "ޓައިގާ ޒިންދޭ ހޭ" 2017 ގައި ގެނެސްދިނީ ޑައިރެކްޓަރު އަލީ އައްބާސް ޒަފަރެވެ.

ސަލްމާނާއި ކެޓްރީނާގެ ޖޯޑު އެންމެ ފަހުން އެކީގައި ފެނިފައި ވަނީ އަލީ 2019 ގައި ގެނެސްދިން "ބާރަތު" އިންނެވެ.