Roadha Mihaaru
ސްޕެނިޝް ސުޕަ ކަޕް ރެއާލް މެޑްރިޑުން ކާމިޔާބުކޮށްފި

ސްޕެނިޝް ސުޕަ ކަޕް ރެއާލް މެޑްރިޑުން ކާމިޔާބުކޮށްފި

17 ޖެނުއަރީ 2022

ރިޔާޒް (ޖެނުއަރީ 17) - ފައިނަލްގައި އެތުލެޓިކް ކްލަބް ބިލްބާއޯގެ މައްޗަށް 2-0 ގެ ނަތީޖާ އަކުން މޮޅުވެ، ސްޕެނިޝް ސުޕަ ކަޕްގެ ޗެމްޕިއަންކަން، ރެއާލް މެޑްރިޑުން ހޯދައިފި އެވެ.

ރިޔާޒް (ޖެނުއަރީ 17) - ފައިނަލްގައި އެތުލެޓިކް ކްލަބް ބިލްބާއޯގެ މައްޗަށް 2-0 ގެ ނަތީޖާ އަކުން މޮޅުވެ، ސްޕެނިޝް ސުޕަ ކަޕްގެ ޗެމްޕިއަންކަން، ރެއާލް މެޑްރިޑުން ހޯދައިފި އެވެ.

ސައުދީ އަރަބިއާގެ ވެރިރަށް ރިޔާޒުގެ، ފަހުދު ރަސްގެފާނު ސްޓޭޑިއަމްގައި ކުޅުނު މެޗުގައި، މިދިޔަ އަހަރުގެ ޗެމްޕިއަން ބަލި ކުރުމަށް، ރެއާލް އަށް ލަނޑުތައް ޖަހައިދިނީ ލުކަ މޮޑްރިޗް އާއި ކަރީމް ބެންޒެމާ އެވެ.

މާކޯ އެސެންސިއޯ އަށް އަނިޔާވެފައިވުމުން، ރެއާލްގެ ކޯޗް ކާލޯ އަންޗެލޮޓީ، ފުރަތަމަ 11 އިން ފުރުސަތު ދިނީ ރޮޑްރީގޯ އަށެވެ. މެޗުގެ 38 ވަނަ މިނެޓްގައި މޮޑްރިޗް ރެއާލް އަށް ލީޑް ނަގައިދިނީ ރޮޑްރީގޯ ތަނަވަސްކޮށްދިން ބޯޅައިންނެވެ.

ރެއާލް އަށް ލީޑް ނަގައިދިނުމަށް ފަހު ލުކަ މޮޑްރިޗް އުފާފާޅު ކުރަނީ --- ފޮޓޯ: އޭއެފްޕީ

ރެއާލް އަށް ލީޑް ނަގައިދިނުމަށް ފަހު ލުކަ މޮޑްރިޗް އުފާފާޅު ކުރަނީ --- ފޮޓޯ: އޭއެފްޕީ

ދެވަނަ ހާފުގައި ލިބުނު ޕެނަލްޓީއަކުން ރެއާލް އަށް ލީޑް ފުޅާކޮށްދިނީ ކަރީމް ބެންޒެމާ އެވެ. މެޗުގެ 87 ވަނަ މިނެޓްގައި ބިލްބާއޯ އަށް ވެސް ޕެނަލްޓީއެއް ލިބިގެން ދިޔަ އެވެ. ރައުލް ގާސިއާ ބޮލުން ފޮނުވާލި ބޯޅަ ޕެނަލްޓީ އޭރިއާގެ ތެރެއިން ރެއާލްގެ ޑިފެންޑަރު އެޑާ މިލިޓާއޯ އަތުގައި ޖެހުނެވެ.

އޯޕަން ގޯލް ސްކޯރިން ފުރުސަތަކަށް ހުރަސް އެޅި ކަމަށް ބަލައި، ރެފްރީ ވަނީ މިލިޓާއޯ އަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވައިލައިފަ އެވެ. އެކަމަކު ގާސިއާ ފޮނުވާލި ޕެނަލްޓީ ކާޟިޔާބެއް ނުވި އެވެ. ރެއާލްގެ ކީޕަރު ޓިބޯ ކޯޓްއާ ދިފާއު ކުރީ އެވެ.

ރެއާލް އިން މިރޭ ހޯދި މި ތައްޓާއެކު އެޓީމުގެ ކެޕްޓަން މާސެލޯ ވިއޭރާ ވަނީ ރެކޯޑެއް ހަދައިފަ އެވެ. އޭނާ ވެފައިވަނީ ރެއާލްގައި އެންމެ ގިނަ ތަށި ހޯދި ކުޅުންތެރިޔާ އަށެވެ. މިއީ ރެއާލްގެ ކުޅުންތެރިޔެއްގެ ގޮތުގައި އޭނާ ހޯދި 23 ވަނަ ތައްޓެވެ.