Roadha Mihaaru
ރެއާލް ކަޓުވާލުމަށް ފަހު ބިލްބާއޯ ފައިނަލަށް

ރެއާލް ކަޓުވާލުމަށް ފަހު ބިލްބާއޯ ފައިނަލަށް

15 ޖެނުއަރީ 2021

މެޑްރިޑް (ޖެނުއަރީ 15) - ސްޕެނިޝް ސުޕަ ކަޕްގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް 2-1 އިން ބަލިކޮށް އެތުލެޓިކް ބިލްބާއޯ އިން ފައިނަލުގެ ފުރުސަތު ހޯދައިފި އެވެ.

މެޑްރިޑް (ޖެނުއަރީ 15) - ސްޕެނިޝް ސުޕަ ކަޕްގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް 2-1 އިން ބަލިކޮށް އެތުލެޓިކް ބިލްބާއޯ އިން ފައިނަލުގެ ފުރުސަތު ހޯދައިފި އެވެ.

އާދިއްތަ ދުވަހުގެރޭ ކުޅޭ ފައިނަލުގައި ބިލްބާއޯ ކުޅޭނީ ބާސެލޯނާއާ ދެކޮޅަށެވެ. ބާސެލޯނާ ފައިނަލުގެ ޖާގަ ހޯދީ ފުރަތަމަ ސެމީގައި ރެއާލް ސޮސިއެޑާޑް އަތުން ޕެނަލްޓީ ޖަހައިގެން މޮޅުވެގެންނެވެ. ބާސެލޯނާ އިން ވަނީ މިދިޔަ ހަފްތާގައި ސްޕެނިޝް ލީގުގައި 3-1 އިން ބިލްބާއޯ ބަލިކޮށްފަ އެވެ.

މިރޭގެ ސެމީ ފައިނަލުގެ ކާމިޔާބަށް ފަހު ދާދި ފަހުން ބިލްބާއޯގެ ކޯޗުކަމާ ހަވާލުވި މާސެލީނޯ ބުނީ އޭނާގެ ވިސްނުމުގައި އެ ޓީމުން މަސައްކަތްކޮށްފިނަމަ ޗެމްޕިއަންކަން ވެސް ހޯދޭނެ ކަމަށާއި ފޯކަސް އަކީ ވެސް އެއީ ކަމަށެވެ.

"އަހަރެމެންނާ ތަށްޓާ ދެމެދު މީނީ 90 މިނިޓް. ބާސެލޯނާ އާއި ރެއާލް ބަލިކޮށްފައި ގޮސް ތަށްޓެއް ހޯދުމަކީ އާދަޔާހިލާފު ކާމިޔާބަކަށްވާނެ،" ކުރިން ވެލެންސިއާ އަށް ވެސް ކޯޗުކޮށްދިން މާސެލީނޯ ބުންޏެވެ.

މެޗު ފަށައިގެން ރެއާލްގެ ފަރާތުން ނިސްބަތުން ބަލާއިރު ދަށް ކުޅުމެއް ފެނުނުއިރު، ބިލްބާއޯ އިން ދިޔައީ ލިބުނު ފުރުސަތުތަކުގައި ރެއާލްގެ ފަހަތަށް ބާރުބޮޑުކުރަމުންނެވެ. މެޗުގެ 18 ވަނަ މިނިޓްގައި ރެއާލް މެދުތެރެއިން ހޯދި ފުރުސަތެއްގައި ބިލްބާއޯގެ ރައުލް ގާސިއާ އަށް އޭރިއާ ތެރެއިން ހުސްކޮށް ލިބުނު ބޯޅަ އޭނާ ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

ނަތީޖާ ހަމަހަަމަކުރަން ރެއާލުން އެޓޭކްކުރަމުން ދަނިކޮށް ބިލްބާއޯ އިން ވަނީ މެޗުގެ 38 ވަނަ މިނިޓްގައި ގާސިއާ ވައްދާލި ޕެނަލްޓީން ލީޑުފުޅާކޮށްފަ އެވެ. އަލުން މެޗުން މޮޅުވެ ފައިނަލަށް ދިއުމުގެ އަމާޒުގައި ރެއާލުން ދެ ވަނަ ހާފުގައި ނުކުމެ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި އެވެ. އެޑެން ހަޒާޑް އާއި މާކޯ އަސެންސިއޯ ގުޅިގެން އެޓޭކްތަކެއް ކުރި ނަމަވެސް ލަނޑެއް ޖެހޭ ގޮތެއްނުވި އެވެ. އެ ވަގުތުކޮޅުގެ ތެރޭގައި ބިލްބާއޯ އިން ތަނަވަސްކުރި ފުރުސަތެއްގައި އެ ޓީމުގެ އުކާ މުނިއައިން ބޮލުން ޖެހި ބޯޅައެއް ދިޔައީ އަރިމަތިންނެވެ.

ލަނޑެއް ޖަހަން ރެއާލުން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 73 ވަނަ މިނިޓްގަ އެވެ. އޭރިއާ ތެރެއިން ލިބުނު ފުރުސަތެއްގައި މި ގޯލު ޖެހީ ކަރިމް ބެންޒެމާ އެވެ. އޮފްސައިޑް ކަަމަށް ފުރަތަމަ ބެލި ނަމަވެސް ބެންޒެމާގެ މި ގޯލު ފަހުން ބަލައިގަންނަން ނިންމީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު އެވެ. ފަހުން ބެންޒެމާ ޖެހި އިތުރު ގޯލެއް ވަނީ އޮފްސައިޑްވުމުން ބަލައިނުގަންނަން ނިންމައިފަ އެވެ. ފަހު ވަގުތާ ޖެހެންދެން ރެއާލުން އިތުރު ގޯލެއް ޖަހަން މަސައްކަތްކުރި ނަމަވެސް ކާމިޔާބެއްނުވި އެވެ. އިތުރު ވަގުތުގެ ފަހު މިނިޓްގައި ފާލަންޑް މެންޑީ ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

ރެއާލްގެ ކޯޗު ޒިނެދިން ޒިދާން ބުނީ އެ ޓީމުން ސުޕަ ކަޕް ދިފާއުކުރުމުގެ ޓާގެޓާ އެކު ނުކުތް ނަމަވެސް ފުޓްބޯޅައިގައި ބަލިވުން ވެސް އޮންނަކަން ގަބޫލުކުރަން ޖެހޭނެ ކަމަށެވެ. އަދި ހުރިހާ މެޗަކުން މޮޅުވެވޭނެ ކަމަށް ދެކުމަކީ ވެސް އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށް ބުންޏެވެ.

އާ ފޯމެޓާ އެކު މިދިޔަ އަހަރުގެ ކުރީކޮޅުގައި ސްޕެނިޝް ސުޕަ ކަޕް ބޭއްވީ ބޮޑު ސްޕޮންސަޝިޕްގެ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސައުދީ އަރަބިއްޔާގަ އެވެ. އެ ފަހަރު ރެއާލުން ތަށި އުފުލާލީ ފައިނަލުގައި އެތުލެޓިކޯ މެޑްރިޑް ބަލިކޮށްފަ އެވެ. މި ފަހަރު ސުޕަ ކަޕް އަލުން ސްޕެއިންގައި ބާއްވަން ނިންމީ ކޮވިޑް-19ގެ ސަބަބުން ދަތުރު ފަތުރުކޮށްގެން ކުޅުން މި ވަގުތު ރައްކާތެރިކަމެއްގެ ގޮތުގައި ނުފެންނާތީ އެވެ.