Roadha Mihaaru
ކޮމަންޑޫ ކެމްޕޭނުގައި އައްޑޫ މޭޔަރު ބައިވެރިވުމުން ފާޑުކިޔުން

ކޮމަންޑޫ ދާއިރާ ކެމްޕޭންގައި އައްޑޫގެ މޭޔަރު ބައިވެރިވެޑައިގަތުމުން ފާޑުކިޔުންތަކެއް

30 ޖެނުއަރީ 2022

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ކެމްޕެއިނަށް މުޅި ސަރުކާރާއި އެމްޑީޕީ ވަރަށް ބޮޑަށް ހުސްވެފައިވާއިރު، އެ ކެމްޕެއިނަށް އައްޑޫގެ މޭޔަރު އަލީ ނިޒާރު އެ ދާއިރާ އަށް ވަޑައިގަތުމުން ގިނަ ބައެއްގެ ފާޑުކިޔުން އޭނާ އަށް އަމާޒުވެއްޖެ އެވެ.

އަހުމަދު އަދްޝަން ސ. ފޭދޫން އަހުމަދު އަދްޝަން

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ކެމްޕެއިނަށް މުޅި ސަރުކާރާއި އެމްޑީޕީ ވަރަށް ބޮޑަށް ހުސްވެފައިވާއިރު، އެ ކެމްޕެއިނަށް އައްޑޫގެ މޭޔަރު އަލީ ނިޒާރު އެ ދާއިރާ އަށް ވަޑައިގަތުމުން ގިނަ ބައެއްގެ ފާޑުކިޔުން އޭނާ އަށް އަމާޒުވެއްޖެ އެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ އެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދަށް ކެމްޕެއިން ކޮށްދެއްވުމަށް ކޮމަންޑު އަށް ވަޑައިގެން ނިޒާރު ވަނީ މިދިޔަ ހުކުރު ދުވަހު އޮތް ޖަލްސާއެއްގައި ވާހަކަ ވެސް ދައްކަވައިފަ އެވެ. އަދި ކެމްޕެއިނާ ގުޅުން ހުރި ވާހަކަތައް އަމިއްލަ ޓްވިޓާ އެކައުންޓްގައި ވެސް ޕޯސްޓް ކުރެއްވި އެވެ.

ހުކުރު ދުވަހުގެ ހަރަކާތުގައި ނިޒާރު ވިދާޅުވީ، ރާއްޖޭގެ ތަރައްގީ އަށް އޮތް ހަމައެކަނި ހައްލަކީ އެމްޑީޕީ ކަމަށާއި އެހެންވެ ރާޝިދަށް ކޮމަންޑޫގެ މީހުން ކޮންމެހެން ވެސް ވޯޓް ދޭންޖެހޭ ކަމަށެވެ.

"މިއީ އެއްވެސް މީހަކު މިކަމާ ދެކޮޅު ހަދާނެ ވާހަކަތަކެއް ނޫން. އަޅުގަނޑުމެންނަށް އެ ހަގީގަތް ތަޖުރިބާ ކުރެވިއްޖެ، އެ މަންޒަރުތައް ފެނިގެން ގޮސްފި." އޭނާ ވިދާޅުވި އެވެ.

ނިޒާރު، އެ ކެމްޕެއިންގައި ބައިބެރިވެވަޑައިގެންފައިވާތީ ސޯޝަލް މީޑިއާގައި ފާޑުކިޔާފައިވާ ބައެއް މީހުން ބުނެފައިވާ ގޮތުގައި އަމިއްލަ ސިޓީ، އައްޑޫގައި ކޮވިޑް ހާލަތު ވަރަށް ގޯސްވެފައި އޮއްވައި، އެކަމާ ނޫޅުއްވައި ޕާޓީގެ ސިޔާސީ މަސައްކަތުގައި އުޅުއްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.

"ފުރަތަމަ އަމިއްލަ ސިޓީގެ މީހުންގެ ހައްގުތައް ހިމާޔަތް ކުރެވޭތޯ ބަލާބަލަ،" މީހަކު ބުނެފައިވެ އެވެ.

ނިޒާރުގެ ޑިމޮކްރެޓިކް ކަމާ ދޭތެރޭ ވެސް ސުވާލު އުފެދޭ ކަމަށާއި އަދި އޭނާއާ މެދު ވަރަށް މާޔޫސްވެއްޖެ ކަމަށް ވެސް ބައެއް މީހުންގެ ކޮމެންޓްތަކުގައި ވެ އެވެ.

މިކަމާ ބެހޭ ގޮތުން ނިޒާރު މިއަދު "މިހާރު" އަށް ވިދާޅުވީ ކެމްޕެއިންގައި އޭނާ ބައިވެރިވެވަޑައިގަތީ އެމްޑީޕީގެ ފަރާތުން ލިބުނު ދައުވަތަކަށް ކަމަށެވެ. އަދި އެ ދަތުރުގެ ހަރަދު ކުރީ ވެސް އެ ޕާޓީން ކަމަށް އޭނާ ވިދާޅުވި އެވެ.

"ރަސްމީ ދަތުރެއްގައި މިދިޔަ ހަފުތާގައި މާލެ އަށް ވެސް ދާން ޖެހުނީމާ، ވީކެންޑާ ދިމާކޮށްފައި ކޮމަންޑު އަށް ދިޔައީ. އެ ރަށުގައި މިހާރު އެ ހިންގާ ކެމްޕޭން ހަރަކާތްތަކަކީ މި ފަހުން ޕާޓީން [އެމްޑީޕީން] ކުރިއަށް ގެންދާ އެންމެ ބޮޑު ސިޔާސީ ހަރަކާތް ވެސް ވީމައާ އެކު ބައިވެރިވާން ބޭނުންވީ،" ދަތުރަށް ފަހު ރޭ އައްޑު އަށް ވަޑައިގެންނެވި ނިޒާރު ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރަނީ ޕާޓީގެ އެ ކަހަލަ ހަރަކާތްތަކުގައި ބައިވެރިވާން ޖެހޭނެ ކަމަށް. ކުރިން ވެސް އެ ކަހަލަ މަސައްކަތްތަކުގައި އުޅެފައި ހުރީމާ، އެ ހައިސިއްޔަތުން ކޮމަންޑޫ ބައި އިލެކްޝަންގެ ކެމްޕޭނަށް ދިޔައީ."

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ކެމްޕެއިންގައި ސަރުކާރުގެ ވަސީލަތްތަކުގެ އިތުރުން އެކި ކަހަލަ ނުފޫޒު ފޯރުވާ ކަމަށް ބުނެ، އެތައް ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. މި ކެމްޕެއިނަށް، މި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ކުރީގެ ރައީސް މައުމޫން އަބްުދުލްގައްޔޫމްގެ އެމްއާރުއެމް ފިޔަވައި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީން ވަނީ އެމްޑީޕީއާ ބައިއަތު ހިފައިފަ އެވެ. އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދު ކުރުމުގެ ބަދަލުގައި އެމްއާރުއެމުން ނެގީ އިންތިހާބަށް ސަރުކާރުން ނުފޫޒު ފޯރުވާ މައްސަލަ އެވެ.