Roadha Mihaaru
އިންސާފު ހޯދަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

އިންތިގާލީ އިންސާފުގެ މައްސަލަތައް ހުށަހެޅުމުގެ މުއްދަތު އަންނަ މަހުގެ 13 އާ ހަމައަށް އިތުރުކޮށްފި

10 އޯގަސްޓް 2021

އިންތިގާލީ އިންސާފުގެ މައްސަލަ ހުށަހަޅަން ދީފައިވާ މުއްދަތު، އަންނަ ހުކުރު ދުވަހަށް ހަމަވާއިރު، އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުން އެ މުއްދަތު މަހަކަށް އިތުރު ކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އިންތިގާލީ އިންސާފުގެ މައްސަލަ ހުށަހަޅަން ދީފައިވާ މުއްދަތު، އަންނަ ހުކުރު ދުވަހަށް ހަމަވާއިރު، އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުން އެ މުއްދަތު މަހަކަށް އިތުރު ކޮށްފި އެވެ.

އެ އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނީ މި ނިންމުމާ އެކު، މިހާރު އެ އޮފީހަށް މައްސަލަ ހުށަހެޅޭނެ އެންމެ ފަހު ތާރީހަކީ އަންނަ މަހުގެ 13 ކަމަށެވެ. އެ އޮފީހަށް މައްސަލަ ހުށަހަޅަން ފުރުސަތު ހުޅުވައިލީ މިދިޔަ ޖޫން މަހުގެ 13 ގަ އެވެ.

އިންތިގާލީ އިންސާފުގެ ގާނޫނު ފާސްކުރީ ރާއްޖޭގައި އެންމެ ފަހުން އޮތް ފަސް ވެރިކަމެއްގައި ދިވެހިންނަށް ލިބުނު އަނިޔާތަކަށް އިންސާފު ހޯދައިދިނުމުގެ މަގުސަދުގަ އެވެ. އެ އޮފީހަށް ހުށަހަޅާ ހުރިހާ މައްސަލަތައް، ދެ އަހަރުގެ ތެރޭގައި ބަލައި ނިންމައި، އިންސާފު ހޯދައިދޭން ޖެހެ އެވެ.

އިންތިގާލީ އިންސާފުގެ އޮފީހުން މިދިޔަ ހަފުތާގައި ބުނެފައި ވަނީ މިހާތަނަށް 84 މައްސަލައެއް އެ އޮފީހަށް ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން 19 މައްސަލައެއް ތަހުގީގުކުރަން ނިންމާފައިވާ ކަމަށެވެ.

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަށް ހުށަހަޅާފައިވާ 84 މައްސަލައިގެ ތެރެއިން 27 މައްސަލައަކީ ބަދަލު ހޯދަން ހުށަހަޅާފައިވާ މައްސަލަތަކެވެ. އެންމެ ގިނައީ މަދަނީ މައްސަލަތަކެވެ. މަދަނީ މައްސަލަތަކުގެ އަދަދު 78 ގައި އުޅޭއިރު، ބާކީ ހުރީ ޖިނާއީ މައްސަލަތަކެވެ. މީގެ ތެރެއިން 39 މައްސަލަ އެ އޮފީހުގައި ރަޖިސްޓަރީކޮށްފައި ވެ އެވެ.

މިހާރު ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ގިނައީ ރަށްރަށުން ފޮނުވާފައި ހުރި މައްސަލަތަކެވެ. އެ އޮފީހުން މިދިޔަ މަހު ބުނެފައިވާ ގޮތުގައި އެންމެ ގިނައިން ހުށަހަޅާފައި ވަނީ ބޯހިޔާވަހިކަމުގެ މައްސަލަތަކެވެ. އެއީ ހުށަހެޅި މައްސަލަތަކުގެ 54 ޕަސެންޓެވެ. އަދި ދެ ވަނަ އަށް އެންމެ ގިނައިން ހުށަހަޅާފައި ވަނީ މަސައްކަތްކުރުމުގެ ހައްގަށް އަރައިގެންފައިވާ މައްސަލަތައް ކަމަށާއި އެއީ 20 ޕަސެންޓް ކަމަށް ބުނެފައި ވެ އެވެ.

އޭގެ އިތުރުން، މުދާ ހޯދުމާއި ލިބިގަތުމުގެ ހައްގާއި އުނގެނުމުގެ ހައްގާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގާއި ޕެންޝަން ލިބުމުގެ ހައްގާއި ގާނޫނާ ހިލާށް ހައްޔަރުކުރުމުގެ މައްސަލަތައް ވެސް ހިމެނެ އެވެ.

އިންތިގާލީ އިންސާފުގެ ގާނޫނު މަޖިލީހަށް ފުރަތަމަ ހުށަހެޅިއިރު އޮތީ 2012 އިން 2018 ގެ ނިޔަލަށް، ގާނޫނާ ހިލާފަށް މީހުންނާ ދެކޮޅަށް ހިންގާފައިވާ އަނިޔާތައް ބަލައި، އިންސާފު ހޯދައިދިނުމެވެ. އެކަމަކު އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލިހުން ނޮވެމްބަރު 29، 2020 ގައި ގާނޫނު ފާސްކުރީ އެއަށް ވުރެ މާ ފުޅާކޮށް، 65 އަހަރުގެ މުއްދަތެއް ހިމަނައިގެންނެވެ.