Roadha Mihaaru

އެމެރިކާގެ އިތުރު ސިފައިން ޔޫރަޕަށް ފޮނުވަނީ

ވޮޝިންޓަން (ފެބްރުއަރީ 3) - ރަޝިޔާ އިން ޔުކްރޭނަށް އަރައިގެންފާނެކަމުގެ ބިރުހީވެފައިވާ ދަނޑިވަޅެއްގައި އެމެރިކާގެ އިތުރު ސިފައިން ޔޫރަޕަށް ފޮނުވަން ރައީސް ޖޯ ބައިޑަން ނިންމަވާފައިވާ ކަމަށް ޕެންޓަގަން އިން ބުނެފި އެވެ.

އެމެރިކާގެ އިތުރު ސިފައިން ޔޫރަޕަށް ފޮނުވަނީ
ހަސަން އާމިރު
ހަސަން އާމިރު

03 ފެބުރުއަރީ 2022

ވޮޝިންޓަން (ފެބްރުއަރީ 3) - ރަޝިޔާ އިން ޔުކްރޭނަށް އަރައިގެންފާނެކަމުގެ ބިރުހީވެފައިވާ ދަނޑިވަޅެއްގައި އެމެރިކާގެ އިތުރު ސިފައިން ޔޫރަޕަށް ފޮނުވަން ރައީސް ޖޯ ބައިޑަން ނިންމަވާފައިވާ ކަމަށް ޕެންޓަގަން އިން ބުނެފި އެވެ.

ނޯތު ކެރޮލީނާ އިން 2،000 ސިފައިން ޕޮލެންޑާއި ޖަރުމަނަށް މި ފެށޭ ހަފުތާގައި ފޮނުވާނެ އެވެ. އަދި ޖަރުމަނުގައި މިހާރު ތިބި 1،000 ސިފައިން ރުމޭނިއާ އަށް ފޮނުވަން ޕެންޓަގަނުން ވަނީ ނިންމައިފަ އެވެ.

ޔުކްރޭނަަށް އަރައިގަންނަން އުޅޭ ކަމަށް ކުރާ ތުހުމަތު ރަޝިޔާ އިން ދޮގު ކުރެ އެވެ. އެކަމަކު އެ ގައުމުގެ 100،000 ސިފައިން ވަނީ ޔުކްރޭނުގެ ބޯޑަރަށް ޖަމާކޮށްފަ އެވެ. ޔުކްރޭނަށް ރަޝިޔާ އިން އަނެއްކާވެސް އަރައިގެންފާނެކަމުގެ ބިރު އުފައްދާފައި މި ވަނީ ރަޝިޔާ އިން ޔުކްރޭނުގެ ދެކުނުގެ ކްރައިމީ އަށް ވެރިވެގަތްތާ އަށް އަހަރު ފަހުންނެވެ.

ރަޝިޔާ އިން ބުނެފައި ވަނީ އެމެރިކާ ސިފައިން ޔޫރަޕުގެ އެކި ގައުމުތަކަށް ފޮނުވުމަކީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށެވެ. ރަޝިޔާގެ ޚާރިޖީ ވަޒީރުގެ ނައިބް އެލެގްޒެންޑާ ގްރުޝްކޯ ވިދާޅުވީ އެމެރިކާ ސިފައިން ޔޫރަޕަށް ފޮނުވައިގެން މަސްރަހު އިތުރަށް ގޯސްވާނެ ކަމަށާއި އަދި ސިޔާސީ ހައްލަކަށް މަގުފަހި ނުވާނެ ކަމަށެވެ.

ޕެންޓަގަނުން ބުނެފައި ވަނީ ޔޫރަޕަށް ފޮނުވާ އެމެރިކާ ސިފައިން ޔުކްރޭންގައި ހަނގުރާމަ ނުކުރާނެ ކަމަށެވެ. އެކަމަކު އެމެރިކާގެ ބައިވެރިންނަށް އެހީތެރިވެދޭނެ ކަމަށް ބުނެފައިވެ އެވެ.

ބޭނުންވެއްޖެ ކޮންމެ ހާލަތެއްގައި ޔޫރަޕަށް ފޮނުވުމަށް އެމެރިކާގެ 8،500 ސިފައިން ތައްޔާރީ ހާލަތަކަށް ގެނެސްފައިވާ ކަމަށް ވެސް ޕެންޓަގަނުން ބުނެ އެވެ.