Roadha Mihaaru
އަލީ ވަހީދަށް ޖާމިނުވި އަޑުބަރޭ 15 ދުވަހަށް ޖަލަށް

އަލީ ވަހީދަށް ޖާމިނުވި އަޑުބަރޭ 15 ދުވަހަށް ޖަލަށް

02 ފެބުރުއަރީ 2022

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެ އިން ބޭރަށް ވަޑައިގަތުމަށް ޖާމިނުވުމަށް ފަހު، އޭނާ އެނބުރި ރާއްޖެ ގެނެސްފައި ނުވާތީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) 15 ދުވަހަށް ޖަލަށްލާން އޭނާގެ ޣައިރު ހާޒިރުގައި ކްރިމިނަލް ކޯޓުން ދެންމެ ހުކުމްކޮށްފި އެވެ.

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެ އިން ބޭރަށް ވަޑައިގަތުމަށް ޖާމިނުވުމަށް ފަހު، އޭނާ އެނބުރި ރާއްޖެ ގެނެސްފައި ނުވާތީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) 15 ދުވަހަށް ޖަލަށްލާން އޭނާގެ ޣައިރު ހާޒިރުގައި ކްރިމިނަލް ކޯޓުން ދެންމެ ހުކުމްކޮށްފި އެވެ.

ޖިންސީ ގޯނާ އާއި ރޭޕްގެ ދައުވާތަކެއް އުފުލާފައި ވަނިކޮށް، އަލީ ވަހީދު މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ބޭސްފަރުވާ އަށް އިނގިރޭސި ވިލާތަށް ވަޑައިގަތީ ހަތަރު މަހަށް ފަހު އެނބުރި ވަޑައިގަންނަވާނެ ކަމުގެ ޔަގީން ކަމެއްގެ ގޮތުން އަޑުބަރޭ ކޯޓުގައި ޖާމިނުވުމުންނެވެ. އެކަމަކު، މިހާތަނަށް ވެސް އޭނާ އެނބުރި ވަޑައިގެންފައި ނުވާއިރު، އަލީ ވަހީދުގެ މައްޗަށް ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އެބައޮތެވެ.

އަލީ ވަހީދު ރާއްޖެ ގެންނަން އަޑުބަރޭ އަށް ކޯޓުން ކުރިން ދީފައިވާ 72 ގަޑިއިރުގެ ތެރޭގައި ވެސް އޭނާ ގެނެސްފައި ނުވާތީ، ކްރިމިނަލް ކޯޓުން މިއަދު ބޭއްވި އަޑުއެހުމުގައި އެ މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ވިދާޅުވީ، އަލީ ވަހީދު ގެންނަން އަޑުބަރޭ ކުރި މަސައްކަތެއް އެނގެން ނެތް ކަމަށެވެ. އަދި 72 ގަޑިއިރުގެ ތެރޭގައި އަލީ ވަހީދު ރާއްޖެ ނުގެނައުމަކީ ކޯޓުގެ އެންގުމަކާ ޚިލާފުވެ، ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ގާޒީ ހަސަން ވިދާޅުވި އެވެ.

ގާޒީ ހަސަން ވިދާޅުވީ، އަލީ ވަހީދާ ދެކޮޅަށް ދައުލަތުން އިސްތިއުނާފް ކޮށްފައިވާ މައްސަލަތައް ވެސް ކުރިއަށް ނުގެންދެވި އޮތީ އޭނާ ރާއްޖެ ވަޑައިނުގަތުމުން ކަމަށް ވާއިރު، އެކަމުގައި ވެސް އަޑުބަރޭގެ އިހުމާލު އެބައޮތް ކަމަށެވެ. އަދި އަލީ ވަހީދު ރާއްޖެ ވަޑައިނުގެން، ބޭރުގައި ހުންނަވަނީ އަޑުބަރޭގެ އެހީތެރިކަމާ އެކު ކަމަށް ގަބޫލު ކުރެވޭ ކަމަށް ގާޒީ ވިދާޅުވި އެވެ. އެހެންވެ، ކޯޓުގެ ހުރުމަތް ރައްކާތެރި ކުރުމުގެ ގަވާއިދާ ހަވާލާދީ ކޯޓުގެެ ހުރުމަތް ކެނޑުމުގެ އަދަބެއްގެ ގޮތުން ޖިނާއީ އިޖްރައާތުގެ ގާނޫނުގެ ދަށުން އަޑުބަރޭ 15 ދުވަހަށް ޖަލަށްލާން ހުކުމްކުރީ ކަމަށް ގާޒީ ވިދާޅުވި އެވެ.

އަދި 72 ގަޑިއިރުގެ ތެރޭގައި އަލީ ވަހީދު ރާއްޖެ ނުގެނައުމަކީ ކޯޓުގެ އެންގުމަކާ ޚިލާފުވެ، ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ގާޒީ ހަސަން ވިދާޅުވި އެވެ.

އަޑުބަރޭ ޖަލަށްލާން ހުކުމްކުރި އަޑުއެހުމަށް އޭނާ ހާޒިރެއް ނުވެ އެވެ. ގާޒީ ވިދާޅުވީ އަޑުބަރޭ ހާޒިރު ނުވި ސަބަބު ވެސް އަންގާފައި ނުވާ ކަމަށެވެ. އޭނާ ކޯޓަށް ހާޒިރު ނުވިޔަސް، އަޑުބަރޭގެ ޖަލު ހުކުމް ތަންފީޒު ކުރަން ކަރެކްޝަންސްގެ މައްޗަށް އަމުރު ކުރައްވާ ކަމަށް ގާޒީ ވިދާޅުވި އެވެ.

އަޑުބަރޭ 15 ދުވަހަށް ޖަލަށްލިއިރު، ޖިނާއީ އިޖްރައާތުގެ ގާނޫނުގައި ޖާމިނުވުމުގެ އިގްރާރާ ޚިލާފްވުމުގެ އަދަބެއްގެ ގޮތުން އެއް އަހަރަށް ޖަލަށްލުމުގެ ފުރުސަތު ވެސް އޮވެ އެވެ. އެކަމަކު ގާޒީ ނިންމެވީ އަޑުބަރޭގެ އެ އަމަލަކީ ކޯޓުގެ ހުރުމަތް ކެނޑުމުގެ ކުށެއް ކަމަށެވެ. އަދި ކޯޓުގެ ހުރުމަތް ކެނޑުމުގެ ކުށަށް ޖިނާއީ އިޖްރައާތުގެ ގާނޫނުގައި އޮންނަނީ ގިނަވެގެން 15 ދުވަހަށް ޖަލަށްލުން ނުވަތަ އެއް މަހަށް ގޭގައި ބަންދު ކުރުމެވެ.

އަލީ ވަހީދު މިހާތަނަށް ވެސް ރާއްޖެ ގެނެސްފައި ނުވާއިރު، އޭނާއާ ދެކޮޅަށް ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރި މައްސަލާގެ އަޑުއެހުމަށް ހާޒިރު ނުވުމުން އޭނާގެ މައްޗަށް ވެސް ދެ މަހުގެ ޖަލު ހުކުމެއް ސުޕްރީމް ކޯޓުން ކުރިން އޮތީ އިއްވައިފަ އެވެ.