Roadha Mihaaru
ބްރިޖުގައި ވިއްސައިގެން ދިޔަ ހެލްމެޓުން ސަލާމަތްވީކިރިޔާ

ބްރިޖުގައި ހެލްމެޓް ވިއްސައިގެން ގޮސް ފަހަތުގައި އިން މީހާ ސަލާމަތްވީ ކިރިޔާ!

27 ފެބުރުއަރީ 2022

ހުޅުމާލެ އިން މާލެއަށް ބްރިޖުން ދަތުރުކުރި މީހެއްގެ ހެލްމެޓެއް ވަޔާ ވިއްސައިގެން ދިޔަ ބާރުމިނުގައި، ފަހަތުން ދުއްވާފައި އައިި މީހަކަށް ނުރައްކަލެއް ނުވެ ހަނި ގޮތަކަށް ސަލާމަތްވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ހުޅުމާލެ އިން މާލެއަށް ބްރިޖުން ދަތުރުކުރި މީހެއްގެ ހެލްމެޓެއް ވަޔާ ވިއްސައިގެން ދިޔަ ބާރުމިނުގައި، ފަހަތުން ދުއްވާފައި އައިި މީހަކަށް ނުރައްކަލެއް ނުވެ ހަނި ގޮތަކަށް ސަލާމަތްވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި ނިހާޒު ނަމަކަށް ކިޔާ މީހަކު އާންމުކުރި ވީޑިއޯ އިން ފެންނަނީ ސައިކަލުގައި ބާރަށް ދުއްވާފައި ދަނިކޮށް މީހަކު އަޅައިގެން އިން ހެލްމެޓް ބޮލުން ނެއްޓި ފަހަތަށް ވިއްސައިގެންދާ މަންޒަރެވެ. ފަހަތުން އައި ސައިކަލާ ވަރަށް ކައިރިއަށް ހެލްމެޓް ވެއްޓޭތަން އެ ވީޑިއޯ އިން ފެނެ އެވެ. އެކަމަކު އޭނާގެ ގައިގައި އަދި ފަހަތުން ދެން ދުއްވާފައި އައި އެހެން އެއްވެސް މީހެއްގެ ގައިގައި ވެސް ނުޖެހެ އެވެ.

ފަހަތުން ބާރު މިނުގައި އައި ސައިކަލުތަކުގެ ސްޕީޑު ވެސް އެ ހެލްމެޓާ ހެދި ކުއްލިއަކަށް މަޑުކުރަން ޖެހި ނުރައްކާތެރި ހާދިސާއެއް ވެސް ނުހިނގަ އެވެ.

އެ ވީޑީއޯ އިން ފެންނަނީ ހެލްމެޓު ވަޔާ ވިއްސައިގެން ދިއުމުން، ނަގަން ވެރިފަރާތުން ސައިކަލް ބްރިޖުގެ އެއް ފަޅިއަށް މަޑުކޮށްލާ ތަނެވެ.

ވީޑިއޯ އާންމުކުރި މީހާ ބުނީ ނުރައްކާތެރި އެ ހާދިސާ ހިނގީ، ބްރިޖުގެ އެ ދަތުރު އޭނާގެ ގަމީހުގެ ޖީބަށް ފޯނު ލައިގެން ވީޑިއޯ ކުރަމުންދަނިކޮށް ކަމަށެވެ.

އެ ވީޑިއޯ އާންމުކުރުމާ އެކު ކަންބޮޑުވުންފާޅުކުރި ބައެއް މީހުން ވަނީ އެ މީހުންގެ ތަޖުރިބާ ހިއްސާކޮށްފަ އެވެ. އެއީ އަލަށް ހިނގި ކަމެއް ނޫން ކަަމަށާއި އެފަދަ ނުރައްކާތެރި ވަގުތުކޮޅުތަކާ ކިތަންމެ ފަހަރަކު ދިމާވެފައި އެބަހުރި ކަމަށް ބައެއް މީހުން ބުންޏެވެ.

އެކަކު ބުނި ގޮތުގައި ބްރިޖުން ދަތުރު ކުރި މީހެއްގެ ހެލްމެޓް ވިއްސައިގެން ދިޔަ ދެ ހާދިސާއެއް އޭނާއަށް ފެނުނެވެ. މިގޮތަށް ދިމާވަނީ ރަނގަޅަށް ހެލްމެޓް ނާޅައި ބޮލުގައި ބާއްވައިގެން ދުއްވާތީ އެވެ.

ބްރިޖު ދަތުރުތަކުގައި ހެލްމެޓް އެޅުން މަޖުބޫރުކޮށްފައި ވަނީ އެކްސިޑެންޓެއް ވެ ފުރާނަ ނުރައްކަލަކަށް ހުށަހެޅިދާނެތީ އެވެ. މި އުސޫލަށް ތަބާވާން ނުވަތަ ފުލުހުން ހުއްޓުވާފާނެތީ އެކަމުން ސަލާމަތްވާން ބައެއް މީހުން ހެލްމެޓް އަޅަނީ ހިތުހުރި ގޮތަކަށެވެ. އަޅަން ޖެހޭ ގޮތަށް ރަނގަޅަށް ނާޅާއި ދުއްވާ ކިތަންމެ ބަޔަކު ބްރިޖުގެ ދަތުރުތަކުގައި ފެނެ އެވެ.

ވީޑިއޯއަސް ކޮމެންޓު ކުރި މީހުން އެ ހިތްހަމަނުޖެހުން ވެސް ފާޅުކޮށްފައިވެ އެވެ.

ބައެއް މީހުން ހެލްމެޓްގެ ވާގަނޑު ބާރުކޮށް ނުލައި ނުވަތަ ނުވެސް އަޅުވައި ދުއްވާ މަންޒަރު ފެނެ އެވެ. މިއީ، އަމިއްލަ މީހާ އާއި އެހެން މީހުންގެ ފުރާނަ ވެސް ނުރައްކަލަކަށް ހުށަހެޅިގެންދާނެ ކަމެކެވެ. ހެލްމެޓް ވިއްސައިގެން ގޮސް ހިތާމަވެރި ހާދިސާއެއް މިހާތަނަށް ހިނގާފައި ނުވިޔަސް ބްރިޖުގައި އާއްމުވަމުންދާ އެ ހާދިސާތަކަށް ބަލާއިރު ނުރައްކާތެރި ހާދިސާއެއް ހިނގުމުގެ ފުރުސަތު އޮތްކަން އާއްމުވި ވީޑިއޯ އިން ވެސް އެނގެ އެވެ.