Roadha Mihaaru
ހެލްމެޓެއް ހޯދައިފިންތަ؟ ނޫނީ ބްރިޖް މަތިން ނުދުއްވޭނެ

ހެލްމެޓެއް ހޯދައިފިންތަ؟ އެހެން ނޫނީ ބްރިޖު މަތިން ދެން ނުދުއްވޭނެ!

09 މާޗް 2019

ސިނަމާލެ ބްރިޖް ބޭނުންކުރާ މީހުންނަށް މިހާރު އޮތް ސުވާލަކީ، "ކޮބާ ހެލްމެޓެއް ހޯދައިފިންތަ؟" މި އެވެ. ހެލްމެޓް ނެތި ބްރިޖް ހުރަސްކުރުމާއި ހައިވޭ ބޭނުންކުރެވޭނީ މިރޭ 12 ޖަހަންދެނެވެ. އޭގެ ފަހުން ސިނަމާލެ ބްރިޖް ބޭނުންކޮށްގެން ސައިކަލްގައި ދަތުރުކުރާ ކޮންމެ މީހަކު ހެލްމެޓް އަޅަން މަޖުބޫރެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ސިނަމާލެ ބްރިޖް ބޭނުންކުރާ މީހުންނަށް މިހާރު އޮތް ސުވާލަކީ، "ކޮބާ ހެލްމެޓެއް ހޯދައިފިންތަ؟" މި އެވެ. ހެލްމެޓް ނެތި ބްރިޖް ހުރަސްކުރުމާއި ހައިވޭ ބޭނުންކުރެވޭނީ މިރޭ 12 ޖަހަންދެނެވެ. އޭގެ ފަހުން ސިނަމާލެ ބްރިޖް ބޭނުންކޮށްގެން ސައިކަލްގައި ދަތުރުކުރާ ކޮންމެ މީހަކު ހެލްމެޓް އަޅަން މަޖުބޫރެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ނައިބު އަހުމަދު އާދިލް ވިދާޅުވީ ހެލްމެޓް ނާޅައި ބްރިޖް މަތިން ދަތުރު ކުރުމުގެ ހުއްދަ މިއަދު ހަމަވާނެތީ، މިރޭ 12ގެ ފަހުން ހެލްމެޓާ ނުލައި ދަތުރު ނުކުރެވޭނެ ކަމަށެވެ. އަދި ހައިވޭއަށް އެރުމުގެ ކުރިން، ހެލްމެޓް އަޅައިގެން ތިބިތޯ ފުލުހުން ޔަގީން ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހެލްމެޓް ނާޅައި ދަތުރު ކުރުމުގެ ފުރުސަތެއް ދެން ފުލުހުން ނުދޭނެ. މިރޭން ފެށިގެން ފުލުހުން އެކަން ޔަގީންކުރާނެ،" އާދިލް ވިދާޅުވި އެވެ.

ބްރިޖާއި ހައިވޭން ދަތުރު ކުރާއިރު އަޅަން ޖެހޭ ހެލްމެޓްގައި ވަކި ޝަރުތުތަކެއް ހުންނަން ޖެހެ އެވެ. އެގޮތުން ބޮލަށް ހެޔޮވަރު ހެލްމެޓަކަށް ވުމާއި ދަތްދޮޅި ދަށުން ހަރުކުރެވޭ ގޮތަށް ހާއްސަ ކަމަރެއް އޮތުން ހިމެނެ އެވެ.

މީގެ އިތުރުން ޓިންޓެޑް މެޓީރިއަލް ނުވަތަ ކުލަ މެޓީރިއަލް ބޭނުންކޮށްފައިނުވާ ހެލްމެޓަކަށް ވުމާއި ހެލްމެޓުގައި ހަރުކޮށްފައި ހުންނަ ސްކުރީނަކީ މޫނު ފެންނަ މެޓީރިއަލަކުން ހަދާފައި ހުންނަ ބަޔަކަށް ވެސް ވާން ޖެހެ އެވެ.

އާދިލް ވިދާޅުވީ މިރެއިން ފެށިގެން ހެލްމެޓް އެޅުން މަޖުބޫރުކުރި ނަމަވެސް، މި ޝަރުތުތަކަށް ހެލްމެޓް ފެތޭތޯ ބަލާނީ އަންނަ މަހުން ފެށިގެން ކަމަށެވެ. އެހެންވެ މި ވަގުތު ކޮންމެ ކަހަލަ ހެލްމެޓެއް ވެސް އެޅިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހެލްމެޓްގެ އުސޫލާ ހިލާފަށް ދުއްވާ ފަރާތްތައް ފުރަތަމަ ފަހަރަށް 500 ރުފިޔާއިން ޖޫރިމަނާ ކުރާއިރު ދެވަނަ ފަހަރު 750 ރުފިޔާއިން ޖޫރިމަނާ ކުރެވެ އެވެ. އޭގެ ފަހުން ގަވައިދާ ހިލާފުވާ ކޮންމެ ފަހަރަކު 1000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ވަކި ކޯހެއް ފުރިހަމަ ކުރާ ފަރާތްތަކަށް ހެލްމެޓް ދޭން ވެސް ފަށައިފަ އެވެ. އެގޮތަށް 5،000 ހެލްމެޓް ބެހުމަށް ނިންމާފައިވާއިރު އެ ކޯސް މިހާތަނަށް ފުރިހަމަ ކުރި 300 މީހަކަށް ވަނީ ހެލްމެޓް ދީފަ އެވެ.