Roadha Mihaaru
ޕްރޮގްރާމް ފުރިހަމަކުރި 300 މީހުންނަށް ހެލްމެޓް ދީފި

ޕްރޮގްރާމް ފުރިހަމަކުރި 300 މީހުންނަށް ހެލްމެޓް ދީފި

28 ފެބުރުއަރީ 2019

މަގުމަތީގެ ރައްކާތެރިކަމާ ގުޅޭގޮތުން ޓްރާންސްޕޯޓް އޮތޯރިޓީން ބޭއްވި ޕްރޮގްރާމް ފުރިހަމަކުރި 300 މީހުންނަށް މިއަދު ހެލްމެޓް ދީފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

މަގުމަތީގެ ރައްކާތެރިކަމާ ގުޅޭގޮތުން ޓްރާންސްޕޯޓް އޮތޯރިޓީން ބޭއްވި ޕްރޮގްރާމް ފުރިހަމަކުރި 300 މީހުންނަށް މިއަދު ހެލްމެޓް ދީފި އެވެ.

އަންނަ މަހުގެ 10 އިން ފެށިގެން، ސިނަމާލެ ބްރިޖާއި ހައިވޭގައި ދުއްވާއިރު ހެލްމެޓް އަޅަން މަޖުބޫރުކޮށްފައިވާއިރު، 5،000 ހެލްމެޓް ހިލޭ ބަހަން ސަރުކާރުން ވަނީ ނިންމާފަ އެވެ. މިއަދު މި ބެހީ އޭގެ ތެރެއިން ފުރަތަމަ 300 ހެލްމެޓެވެ. މި ހެލްމެޓްތައް ދޫކުރަނީ، މަގުމަތީގެ ރައްކާތެރިކަމާއި ފަސްޓްއެއިޑާ ބެހޭ މައުލޫމާތު ދޭ ދެ ގަޑިއިރުގެ ޕްރޮގްރާމެއް ފުރިހަމަ ކުރުމުންނެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ބުނީ 30 ކިލޯމީޓަރަށް ވުރެ ބާރަށް ދުއްވުމަށް ހުއްދަ އޮންނަ ސަރަހައްދުތަކުގައި ހިންގާ މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުމާއެކު، 24 ގަޑިއިރުގެ ތެރޭގައި 5،000 މީހުން ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ. އެއީ މާލެ ސަރަހައްދުން 2،500 މީހުން އަދި އައްޑު އާއި ލާމު އަތޮޅުން 2،500 މީހުންނެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދަނީ އެކި ދުވަސްތަކަށް ބަހާލައިގެންނެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ބުނިގޮތުގައި މާލެ ސަރަހައްދަށް ދޫކުރާ 2،500 ހެލްމެޓްގެ ތެރެއިން 500 ހެލްމެޓް ހާއްސަކޮށްފައިވަނީ ކުޑަކުދިންނަށެވެ. އެތަނުން ބުނީ ސަރުކާރުން ހިލޭ ބަހާނީ އަވައްޓެރި ގައުމުތަކުގައި ވެސް އާއްމުކޮށް ބޭނުންކޮށް އުޅޭ ފަދަ ހެލްމެޓް ކަމަށެވެ.

ސިނަމާލެ ބްރިޖާއި އެއާ ގުޅޭ ހައިވޭގައި ހެލްމެޓު އަޅަން މަޖުބޫރުކުރަން ނިންމީ، އެ ތަނުގައި އެކްސިޑެންޓުތައް ގިނަވެ ބައެއް މީހުންނަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވަނިކޮށެވެ.