Roadha Mihaaru

މެއި މަހުގެ ނިޔަލަށް މިފްކޯ އިން މަހުގެ އުފެއްދުންތައް އަގު ބޮޑެއް ނުކުރާނެ

މިފްކޯ އިން ވިއްކާ މަހުގެ ބާވަތްތަކުގެ އަގު މިހާރު ކުރިއަށް ރޯދަ ޕްރޮމޯޝަނާ އެކު އެއްވަރެއްގައި ހުންނާނެ ކަމަށް އެ ކުންފުނިން ރޭ ބުނެފި އެވެ.

މެއި މަހުގެ ނިޔަލަށް އަގު ބޮޑެއް ނުވާނެ: މިފްކޯ
އިދުހާމް ނައީމް
އިދުހާމް ނައީމް

01 މާޗް 2022

މިފްކޯ އިން ވިއްކާ މަހުގެ ބާވަތްތަކުގެ އަގު މިހާރު ކުރިއަށް ރޯދަ ޕްރޮމޯޝަނާ އެކު އެއްވަރެއްގައި ހުންނާނެ ކަމަށް އެ ކުންފުނިން ރޭ ބުނެފި އެވެ.

މިއަދުން ފެށިގެން މިފްކޯއަށް މަސް ގަންނަ އަގު ބޮޑުކޮށް އެ ކުންފުނީގެ ބައެއް އުފެއްދުންތަކުގެ އަގަށް ގެންނަން ނިންމި ބަދަލާ އެކު ގިނަ ބަޔަކު އިއްޔެ އާއި ރޭ މިފްކޯގެ ފިހާރަތަކަށް ގޮސް މަސްދަޅު ގަނެފައިވެ އެވެ.

ނަމަވެސް ފަހުން ނެރުނު ބަޔާނެއްގައި ބުނީ މަސްވެރިން އަތުން މަސް ގަންނަ އަގު ބޮޑުކުރި ނަމަވެސް މިހާރު ކުރިއަށްދާ "އެންމެ މީރު" ޕްރޮމޯޝަނާ އެކު މިފްކޯގެ އުފެއްދުންތަކުގެ އަގު އެއްވަރެއްގައި ހިފަހައްޓާލެވޭނެ ކަމަށެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ މެއި މަހުގެ ނިޔަލަށެވެ.

މީގެ އިތުރުން އެހެން އަހަރުތަކާ އެއްގޮތަށް މި އަހަރުވެސް އެ ކުންފުނީގެ އުފެއްދުންތައް ހުސްނުވެ ލިބެން ހުންނާނެ ކަމަށް ވެސް މިފްކޯގެ ބަޔާނުގައި ބުންޏެވެ.

މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ "މިހާރު" އަށް އިއްޔެ ވިދާޅުވީ މަސްދަޅު ކޭހަކުން 50-60ރ. ދެމެދުގެ އަދަދަކަށް ބޮޑުވާނެ ކަމަަށެވެ. އަދި އެ ކުންފުނީގެ އެހެން އުފެއްދުންތަކުގެ އަގަށް ވެސް ބަދަލު އައުން އެކަށީގެންވާ ކަމަށް ސީއީއޯ ވިދާޅުވި އެވެ.

އިސްމާއިލް ވިދާޅުވި ގޮތުގައި މަސްދަޅުގެ އަގު ބޮޑުކުރަން ޖެހުނީ ދުނިޔޭގެ ތެލުގެ ބާޒާރަށް އަންނަ ބަދަލުތަކުގެ ސަބަބުންނެވެ.

"މިދިޔަ ދެ ފަހަރު ވެސް ތެލުގެ އަގު ބޮޑުވި އިރު އަޅުގަނޑުމެން އަގަށް ބަދަލެއް ނުގެންނަން. އެކަމަކު އޮޕަރޭޝަނަލް ކޮސްޓުގެ ބޮޑު ބައެއް ހޭދަ ވަނީ ތެލަށް. އެހެންވެ އޭގެ އަސަރުތަކެއް ކުރާނެ،" އިސްމާއިލް ވިދާޅުވި އެވެ.

ބާޒާރުގައި 48 ދަޅުގެ ތެޔޮ މަސްދަޅު ކޭހެއް މިހާރު ލިބެނީ 610ރ. އަށެވެ. އަދި 24 ދަޅުގެ ކުޑަ ކޭހެއް ލިބެނީ 305ރ. އަށެވެ.

މިފްކޯއިން ދަޅުމަހުގެ އަގު ބޮޑުކުރަން ނިންމުމާ އެކު އިއްޔެ އާއި ރޭ ގިނަ ބަޔަކު ވަނީ މިފްކޯގެ ފިހާރަތަކަށް ގޮސް ކިއޫގައި ޖެހިގެން މަސް ދަޅު ކޭސްތައް ގަނެފަ އެވެ. ރޯދަ މަހާ ދިމާކޮށް، ރޯދަ މަހު އެންމެ ޑިމާންޑް ބޮޑުވާ ބާވަތްތަކުގެ ތެރޭގައި ހިމެނޭ މަސް ދަޅުގެ އަގު ބޮޑުކުރަން ނިންމުމުން އާންމުންގެ ނުރުހުން ވެސް ވަނީ ވަރަށް ބޮޑަށް އަމާޒުވެފަ އެވެ.