Roadha Mihaaru
ދެކުނުގައި 400 ފްލެޓް އަޅައިދޭނެ ބަޔަކު ހޯދަނީ

އައްޑޫ އާއި ފުވައްމުލަކުގައި 400 ފްލެޓް އަޅައިދޭނެ ބަޔަކު ހޯދަނީ

24 މާޗް 2022

ޑިޒައިން އެންޑް ބިލްޑް އުސޫލުން ސ. ހިތަދޫ އާއި ފުވައްމުކަލުގައި 400 ފްލެޓް އަޅައިދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން މިއަދު އިއުލާންކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ޑިޒައިން އެންޑް ބިލްޑް އުސޫލުން ސ. ހިތަދޫ އާއި ފުވައްމުކަލުގައި 400 ފްލެޓް އަޅައިދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން މިއަދު އިއުލާންކޮށްފި އެވެ.

މިކަން އިއުލާންކޮށްފައި މި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެކުނުގެ ދެ އަތޮޅަށް ވަޑައިގަތުމަށް ހަމަޖެހިފައި ވަނިކޮށެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ވެސް ފިނޭންސް މިނިސްޓްރީން ވަނީ އެކި އަތޮޅުތައް ހިމެނޭ ގޮތަށް ހަތް ރަށެއްގައި 720 ފްލެޓް އަޅާނެ ބަޔަކު ހޯދަން އިއުލާންކޮށްފަ އެވެ. އެކަމަކު އެފަހަރު އިއުލާންކުރި ރަށްތަކުގެ ތެރޭގައި އައްޑޫ އާއި ފުވައްމުލަކެއް ނުހިމެނެ އެވެ.

ފިނޭންސް މިނިސްޓްރީން ކުރި އިއުލާނުގައި ވަނީ ފުވައްމުލަކުގައި 200 އަދި އައްޑޫ ހިތަދޫގައި ވެސް 200 ހައުސިން ޔުނިޓް އަޅަން ބޭނުންވާ ކަމަށާއި އެކަމަށް ޝައުގުވެރިވާ ނަމަ، ބިޑް ހުށަހެޅުމަށް ހުޅުވާލާފައިވާ ކަމަށެވެ.

އެ ބީލަމުގައި ބައިވެރިވެވޭނީ ޕްލޭނިން މިނިސްޓްރީގެ "އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު" ގައިވާ ގޮތުގެ މަތިން ރަޖިސްޓަރީ ކޮށްފައިވާ މީހުންނަށް އެކަންޏެވެ. ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި އެ ކަމަށް ޝަރުތުހަމާ ފަރާތެއް ހޯދާނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން އުސޫލުގެ ދަށުންނެވެ.

އެ ދެ ބީލަމުގައި ބައިވެރިވާން ވެސް 500ރ. ގެ ނޮން ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހެ އެވެ. އެކަމަކު ފުވައްމުލަކުގައި އަޅައި 200 ހައުސިން ޔުނިޓްގެ ބީލަމުގެ ނޮން ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީ ބަލައިގަންނާނީ މިމަހުގެ 27 އިން އަންނަ މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި އައްޑޫ ހައުސިން ޔުނިޓް މަޝްރޫއުގެ ފައިސާ ބަލައިގަންނާނީ މިމަހުގެ 27 އިން އަންނަ މަހުގެ 19 އަށެވެ. އެ ފައިސާ ބަލައިގަންނާނީ ސަރުކާރު އޮފީސްތައް ހުޅުވާފައި ހުންނަ ގަޑިތަކުގައި މިނިސްޓްރީގެ ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ކަމަށް މިނިސްޓްރީން ބުންޏެވެ.

އެ ދެ މަޝްރޫއުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 1،020،000ރ. ކަނޑައަޅާފައިވާއިރު ބިޑް ސެކިއުރިޓީގެ މުއްދަތަކީ ހުޅުވާ ތާރީހުން ފެށިގެން 148 ދުވަހެވެ.

ފުވައްމުލަކުގައި މަޝްރޫއު ހިންގަން ޝައުގުވެރިވާ ފަރާތްތަކުގެ ބިޑް ހުޅުވުން އޮންނާނީ 17 އޭޕްރީލްވާ އާދިއްތަ ދުވަހުގެ 11:00 ގަ އެވެ. އަދި އައްޑޫ މަޝްރޫއުގެ ބިޑް ހުޅުވުން އޮތީ އަންނަ މަހުގެ 24 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 1:00 ގަ އެވެ.

އެ ޕްރޮޖެކްޓާ ގުޅޭ އެއްވެސް ސުވާލެއް އޮތް ނަމަ، އަންނަ މަހުގެ ތިން ވަނަ ދުވަހުގެ މެންދުރު 1:30 ގެ ކުރިން މިނިސްޓްރީގެ އީމެއިލް މެދުވެރިކޮށް އެކަން ސާފުކުރުމަށް އިއުލާނުގައިވެ އެވެ.