Roadha Mihaaru
ދައުލަތުން ޝާކިރަށް 300،000ރ ދޭން ޖެހިއްޖެ

އިމާރާތް ކުރުން ހުއްޓުވުމުން ދައުލަތުން ޝާކިރަށް 3 ލައްކަ ރުފިޔާ ދޭން ޖެހިއްޖެ

08 ފެބުރުއަރީ 2017

މާލޭގައި ގެއެއް އިމާރާތް ކުރަމުން ދަނިކޮށް ކުރީގެ މާލޭ މުނިސިޕަލްޓީން ގާނޫނާ ޚިލާފަށް އެ މަސައްކަތް ހުއްޓުވި މައްސަލައިގައި އެގޭގެ ވެރި ފަރާތް ކަމަށްވާ ހަސަން ޝާކިރު (މައުހަދު ޝާކިރު) އަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ތިން ލައްކަ ރުފިޔާ ދޭން ސިޓީ ކައުންސިލް (ދައުލަތް)ގެ މައްޗަށް ހައި ކޯޓުން އިއްޔެ އަމުރުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މާލޭގައި ގެއެއް އިމާރާތް ކުރަމުން ދަނިކޮށް ކުރީގެ މާލޭ މުނިސިޕަލްޓީން ގާނޫނާ ޚިލާފަށް އެ މަސައްކަތް ހުއްޓުވި މައްސަލައިގައި އެގޭގެ ވެރި ފަރާތް ކަމަށްވާ ހަސަން ޝާކިރު (މައުހަދު ޝާކިރު) އަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ތިން ލައްކަ ރުފިޔާ ދޭން ސިޓީ ކައުންސިލް (ދައުލަތް)ގެ މައްޗަށް ހައި ކޯޓުން އިއްޔެ އަމުރުކޮށްފި އެވެ.

ހ. ހުދުފިނިފެންމާގޭ ހަސަން ޝާކިރަށް އެއް މަސް ތެރޭގައި ތިން ލައްކަ ރުފިޔާ ދައްކަން ސިޓީ ކައުންސިލްގެ މައްޗަށް ހައި ކޯޓުން އަމުރުކުރީ އެ ގެ އިން ޝާކިރަށް ލިބުނު ބައިގައި ހަ ބުރީގެ އިމާރާތެއް ކުރަމުން ދަނިކޮށް ޖޫން، 2009 ގައި އޭރުގެ މާލޭ މުނިސިޕަލްޓީ (މިހާރުގެ ސިޓީ ކައުންސިލް) އިން އެ މަސައްކަތް ހުއްޓުވި މައްސަލައިގަ އެވެ.

މުނިސިޕަލްޓީން އެ މަސައްކަތް ހުއްޓުވީ ގާނޫނާ ޚިލާފަށް ކަމަށް ސިވިލް ކޯޓުން ކުރިން އޮތީ ނިންމައިފަ އެވެ. އެކަމަކު ގެއްލުމުގެ ބަދަލު ހޯދަން ޝާކިރު ދައުވާ ކުރުމުން 2015 ގައި ސިވިލް ކޯޓުން ނިންމީ އެ ބަދަލު ނަގައިދެވެން ނެތް ކަމަށެވެ.

އެ މައްސަލަ ޝާކިރުގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ އިމާރާތުގެ މަސައްކަތް ހުއްޓުވުމުގެ ސަބަބުން މާލެ އިން އެހެން ތަނެއް ކުއްޔަށް ހިފައިގެން އުޅެން ޝާކިރު ޚަރަދު ކުރި 120،000ރ. އާއި އިމާރާތުގެ މަސައްކަތް އަލުން ފަށައި، ދިރިއުޅެވޭ ވަރުގެ ތަނެއް ހޯދަން ހޭދަވި އެއް އަހަރަށް ހޭދަކުރި 180،000ރ. އަކީ ދައުލަތުން ޝާކިރަށް ދޭންޖެހޭ ފައިސާއެއް ކަމަށެވެ.

ވަކީލުންގެ ޚަރަދުގެ ގޮތުގައި 90،000ރ. އާއި މަސައްކަތްކުރި ފަރާތަށް ދޭން ޖެހުނު 119،000ރ. ހޯދަން އެ ދައުވާގައި ޝާކިރު އެދުނަސް ހައި ކޯޓުގެ ހުކުމުގައިވަނީ އެއީ ސިޓީ ކައުންސިލުން ޒިންމާވާންޖެހޭ ފައިސާއެއް ކަން ސާބިތުނުވާ ކަމަށެވެ.

ހައި ކޯޓުގެ ހުކުމުގައިވަނީ އޭރުގެ މާލޭ މުނިސިޕަލްޓީގެ އެންގުމަކީ ގާނޫނާ ޚިލާފަށް އެންގި އެންގުމެއް ކަމަށާއި އެކަމުގެ ސަބަބުން ލިބުނު ގެއްލުމަށް ޝާކިރަށް ދައުވާ ކުރެވޭނެ ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފައިވާއިރު އެ ހުކުމަށް ބަދަލެއް ނާންނަހާ ހިނދަކު، ޝާކިރަށް ލިބޭ ގެއްލުންތަކަށް ސިޓީ ކައުންސިލުން ޒިންމާ އުފުލަންޖެހޭނެ ކަމަށެވެ.